އެކި މީހުން އެކި ކަންކޮޅުތަކުގައި ތެޅި ފޮޅެނީއެވެ. ކުލަ ކުލައިގެ ދިދަ ފަތިތަކާ ބެނަރތަކުން ހުރިހާ ރަށެއްގެ މަގުތައް ހިޔާވެފައެވެ. ކުރިއަށް އިންތިހާބެއް އެބައޮތްކަން މިކަމުން އެކަނިވެސް އެނގެއެވެ.
އާދެ ދުވަސް ކައިރިވަނީއެވެ. 21 އޭޕްރިލްގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެންމެންވެސް ދަނީ ތައްޔާރުވަމުންނެވެ. ކެންޑިޑޭޓުން އެކަންޏެއް ނޫނެވެ. އެގޮތުން ރައްޔިތުން ވެސް ތިބީ ނުހަނު ހުށިޔާރުކަމާ އެކު ކަރުދާސްކޮޅު އަތު ޖެހެންދެން ކަމަށް ބުނެއެވެ.
މަޖިލިސް އިންތިހާބުގައި އެންމެ ފޯރިގަދަވާ އެއް ކަމަކީ އެއް ދާއިރާއަކަށް ސަރުކާރުގެ ދެ ތިން ކެންޑިޑޭޓުން ތިބުމެވެ. އެގޮތުން ޕާޓީ ޓިކެޓު އެއް ކެންޑިޑޭޓެއްގެ އަތުގައި އޮތް އިރު އަނެއް ކެންޑިޑޭޓަށް ރައީސް ތާއީދުކުރާތީ އެވަނީ ސަރުކާރު ކެންޑިޑޭޓަށެވެ.
ކޮންމެ އަކަސް އެގަހު ކޭލެއް މިގަހު ކޭލެއް ވަކިކުރަން ނޭނގި ސަރުކާރު ކެންޑިޑޭޓުންގެ ވާހަކަ އޮތްއިރު އަނެއް ހެއްވާ ކަމަކީ ވަކި ގޮނޑިތަކެއް ކާމިޔާބު ކުރުމަށް އެހެން ދާއިރާތަކުގައި ހުރި މަޝްރޫއުތައް ޖަހައިގަނެ އެ ދާއިރާތަކަށް ބަދަލުކުރުމެވެ. މިސާލަކަށް ބަލާއިރު ފ. އަތޮޅު މަގޫދޫގައި އަޅަން ފަށާފައި އޮތް އެއަރޕޯޓު އެ އަތޮޅު ނިލަންދޫއަށް ބަދަލުކުރީ އެތައް ރައްޔިތުންގެ އުއްމީދުގައި ކޮޅު ފައިން ޖެހުމަށް ފަހުއެވެ.
ނިލަންދޫގައި އޮތް އެންމެ ބޮޑު އާއިލާ، "ޚަލީލު" އާއިލާގެ ތާއީދު ނުލިބާދާނެތީ އެއީ އެ ދާއިރާގެ ގޭމް މޭކަރއަށް ވުމުން އެމީހުން ރުއްސުމަށް ނުކުމެ އެހެން ބައެއްގެ ހައްގުތައް ޖަހައިގަތުމަކީ ޑިމޮކްރެސީގެ ޑީވެސް އެނގޭ ބަޔަކު ކުރާނެ ކަމެއް ނޫނެވެ.
ދެން މިހެން ބުނީމާ މާދަމާ އަޅުގަޑަށް ގުޅާފައި "އޭ ތިމަންނާގެ ބޮޑު ބޭބެއާ ނުބެހޭށޭ" ބުނެފާނެއެވެ. ބޮޑު ބޭބެ ވިޔަސް ކާސިމްބެ ވިޔަސް ގޯހުން ކުރަންޏާ ވާނީ ގޯހުން ކުރާ ކަމަށެވެ.
މީގެ ކުރިން ވެސް ނިލަންދޫ ދާއިރާގެ ގޮނޑިއަކީ ޕީޕީއެމް/ޕީއެންސީ ފިކުރުގެ ގޮނޑިއެކެވެ. އެހެންކަމުން އެ ފިކުރުގައި ތިބެ އެ ގޮނޑި ރައީސްގެ ކޮއްކޮއަށް ކާމިޔާބު ނުކޮށްދެވިދާނެތީ ބިރުން ތެޅި ފޮޅެން ޖެހެނީ ގައިމުވެސް ޔަގީންކަމެއް ނެތުމުންތާއެވެ. ވަރަށް ފަސޭހައިން ނަގާނެ ކަމަށްބުނެ ބައިސާ ކެނޑި އެ ގޮނޑިއަށް ޖެހި ހިސާބުތައް ޗޮކުން ދިޔުމުން ދެން ނުކުމެ ފޭރި ގަންނަންވީ އެހެން ބައެއްގެ ހައްގެއް ނޫނެވެ.
މަގޫދު އެއާޕޯޓު ހުއްޓާލާ ނިލަންދޫގައި އެއާރޕޯޓު އަޅަން ނިންމީ ރައްޔިތުންގެ ހައްގުގައި ކަމަށް ސަރުކާރު ޕާޓީގެ ސްޕޯކްސްޕާސަން ވިދާޅުވިއިރު، މަގޫދޫގައި ތިބީ ދިވެހި ރައްޔިތުން ނޫންބާއެވެ.
ވަކި ފިކުރެއް ވަކި ރަށެއް ތަފާތު ނުކޮށް ތަރައްގީ ގެނެސްދޭނެކަމުގެ ވައުދާއެކު އައި ރައީސްގެ ކޮއްކޯފުޅަށް ގޮނޑި ކާމިޔާބު ނުވެދާނެތީ ކޮރަޕްޝަންގެ އަމަލެއްގެ ގޮތުގައި ފާހަގަކުރެވޭ އެއާރޕޯޓު މަޝްރޫއު ނިލަންދޫއަށް ބަދަލުކުރުމަކީ ސަރުކާރުގެ އިސް ގިނަ މަގާމުތަކުގައި ނިލަންދޫ ރައްޔިތުން ތިބި ނަމަވެސް ލިބޭ ލައިސަންސެއް ނޫނެވެ.
ރައްޔިތުންވާނީ ރައްޔިތުންނަށެވެ. އެއީ މަގުދޫ ވިޔަސް ނިލަންދޫ ވިޔަސް ދަރަނބޫދޫ ވިޔަސް ވެސްއެވެ. އެހެންކަމުން ފ. އަތޮޅުގައި ހިންގަން މިހާރު ތިއުޅެނީ ޖަރީމާއެއް ނޫން ދެވަނަ އެއްޗެއް ނޫނެވެ. އެތައް ރައްޔިތުންތަކެއްގެ ހުވަފެން ބިލާހަކަށް ހަދާ އެ ރައްޔިތުންނާ ރަށް ގުރުބާނަށް ވެދުމަށް ތިއަރުވަނީ މީގެ ކުރިން ފަސޭހަކަމާ އެކު ޕީޕީއެމްގެ ފިކުރުން ނަގަމުން އައި ގޮނޑިއެއް ނުލިބޭނެކަމުގެ ޔަގީންކަން އޮތުމުންނެވެ.
ޕީޕީއެމް ފިކުރުން ޖަރިވެފައި އޮތް ނިލަންދޫ ދާއިރާގެ ގޮނޑި ޕީއެންސީގެ ރައީސް އަދި ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޮ، ފާތިމަތު ސައުދާއަށް ލިބޭނެކަމުގެ ޔަގީންކަން ނެތުމުން ދޭހަވެގެން ދަނީ ޕީޕިއެމް ފިކުރުގެ މީހުން ޔަގީނުންވެސް ސަރުކާރާ މެދު ނުރުހިފައިވާ މިންވަރެވެ.
މުޅި ސަރުކާރުގައި ތިބި ނިލަންދޫ އެންމެން ގޮސް ދާއިރާގައި ބަނޑަހަ ޖަހައިގެން ކުރާ މަސައްކަތުން ގޮނޑި ކާމިޔާބު ކުރުމާ އިންތިހާބާ ދިމާކޮށް މަޝްރޫއުތައް އޮއްސާލައިގެން ރިޝްވަތު ދީގެން ވޯޓު ހޯދުމާ ހާސްބައި ތަފާތެވެ. ސިއްހީ ވަޒީރު މެދުވެރިކޮށް ނިލަންދޫ ރައްޔިތުންނަށް އިންޒާރު ނުދިނަސް ވޯޓު ދޭނެ ބަޔަކު ދޭނެއެވެ.
ރައީސް މުއިއްޒުއެވެ. ނިލަންދޫ ދާއިރާއަށް ކޮއްކޯފުޅު ކުރިމަތިލައްވާތީ އެހެން ބައެއްގެ ހައްގަކަށް އަރައިގަތުމަކީ މަނިކުފާނުގެ މަގާމުގެ ގޮތުން ލިބޭ ލައިސަންސެއް ނޫނެވެ. ހިދުމަތް ކުރެއްވުމުގައި ތަފާތު ނުކުރައްވާށެވެ. މަކަރާ އޮޅުވާލުމުން ހޯދޭނެ ކާމިޔާބީއެއް ނޯންނާނެއެވެ. އަދި ކާމިޔާބުވިޔަސް އެކަން މާ ދިގު ލައިގެން ނުދާނެއެވެ. މިއީ ތާރީޚު ހެކިދޭ ކަންކަމެވެ.
ނިމިނިމި އޮތް އެއާރޕޯޓެއް ކޮއްކޮއަށްޓަކައި ތިޔަ ގުރުބާންކޮށްލީ ދައުލަތަށް އެތައް ގެއްލުމެއް އޭގެ ސަބަބުން ދީފައެވެ. މިޔަށް އަހަރުމެން ހެޔޮ ވެރިކަމެއް ކިޔާނެ އެެއްވެސް އުސޫލެއް ބުނެލަދީބަލާށެވެ.