

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އަދުގެ ސަރުކާރުން އަނިޔާ އިސްކުރި ވާހަކަ ދައްކާތީ ސަރުކާރަށް ސަނާ ކިޔާ ފަރާތްތަކަށް ހަޖަމް ނުވާކަމަށް އެމަނިކުފާނުގެ ދޮށީ ދަރިކަލުން އަދި ޕީއެންއެފްގެ މުއައްސިސް ޒެއިން ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ޒެއިން މިފަދައިން ވިދާޅުވެފައިވަނީ ފޭސްބުކްގައި އޭނާ ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ޒެއިން ވިދާޅުވީ އައު ސިޔާސީ ޕާޓީ އެއް ހަދައިގެން ރައީސް ޔާމީނަށް އިސްކުރި އަނިޔާގެ ވާހަކަތައް މިއަދު ބަޔަކު ދައްކާނެތީ ގިނަ ފަރާތްތަކަށް ހަޖަމް ނުވާކަމަށެވެ.
ރައީސް ޔާމިން މިނިވަން ކުރައްވާނެ ކަމަށް ވިދާޅުވެ، އެމަނިކުފާނުގެ ފޮޓޯ ދައްކައިގެން ވެރިކަމަށް އައި ބަޔަކު އޭރުގައިވެސް ހެދީ ދޮގުކަން މިއަދު ހާމަވާނެތީ ބިރުން އުޅެނީތޯ އައްސަވާ ޒެއިން ވަނީ ޕޯސްޓްގައި ސުވާލެެއް ވެސް އެ ފަރާތްތަކަށް އަމާޒުކުރައްވާފައެވެ.
ދާދިފަހުން (ޕީއެންއެފް)ގެ ކަންކަމާ ގުޅުވާ ދައްކަމުން އަދި ފަތުރަމުންދާ ބައެއް ވާހަކަތަކަށް ވެސް ޒެއިން ވަނީ ރައްދުދެއްވާފައެވެ.
އެގޮތުން ޕީއެންސީގެ ސެނެޓް މެމްބަރު އަހުމަދު ރަޝީދު (ގައުމީލޭ) ފޭސްބުކްގައި ޕީއެންއެފްގެ ލޯގޯ ހިއްސާކޮށް، އެއީ ރައީސް ޔާމީންގެ އިސް ވަކީލު، ޑރ. މުހައްމަދު ޖަމީލު އަހުމަދު އުފައްދަން އުޅޭ ޕާޓީގެ ލޯގޯ ކަމަށާ އެ ލޯގޯ ވައްތަރީ ކޮން އެއްޗަކާ ތޯ އަހާ އިޚްތިޔާރީ ދެ ޖަވާބަކާ އެކު ފޭސްބުކްގައި ހިއްސާކުރި ޕޯސްޓަކަށް ރައްދު ދެއްވާ ޒޭން ވިދާޅުވީ، ޕީއެންއެފް އުފެއްދީ އޭނާ ކަމަށާ އެކަން ކުރީ ސިޔާސީ ގޮތުން ރައީސް ޔާމީނަށް އަނިޔާ ދެމުން ގެންދާތީ މައިންބަފައިންގެ ހައްގުގައި ކަމަށެވެ.
އާންމުކޮށް މަޑުމައިތިރި މިޒާޖެއްގެ ވެރި ޒޭން މިފަދައިން ރައްދުދީފައި މިވަނީ ޕީއެންއެފްއާ ގުޅުވާ ސޯޝަލް މީޑިޔާގައި ސަރުކާރަށް ތާއީދުކުރާ މީހުން ގިނަ ދޮގު ވާހަކަތަކެއް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.
ޕިއެންއެފް އުފައްދަން އީސީއިން ހުއްދަ ދީފައިވަނި ޒޭންއަށެވެ. ޒޭންއަކީ އެ ޕާޓީގެ މުއައްސިސެވެ.