ޖިނާއީ ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު 15 އިން 12 އަށް ތިރި ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
އުޝާމް މިފަދައިން ވިދާޅުވީ އއ. ރަސްދޫގައި ކުއްޖަކަށް އަނިޔާ ކުރި މައްސަލައާ ގުޅިގެން ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން އުޝާމް ވިދާޅުވީ، ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ސަރުކާރުން ގިނަ އިސްލާހުތަކެއް ގެންނަން ބޭނުންވާ ކަމަށެވެ. ކުށުގެ މަސްއޫލިއްޔަތު އަދާކުރަންޖެހޭ އުމުރު ހަގު ކުރުމަކީ އޭގެ ތެރެއިން އެއް ކަންތައްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
އިތުރަށް އުޝާމް ވިދާޅުވީ ކުޑަކުއްޖަކު ބަންދު ކުރަންޖެހިއްޖެ ނަމަ އޮންނަ ގާނޫނީ އިޖުރާއަތު މިހާރު އޮތީ އެހާ ސާފުކޮށް ނޫން ކަމަށެވެ.
އެގޮތުން ކުޑަކުއްޖާ ބަންދު ކުރުމުގެ އަމުރު ނެރެންޖެހޭ ކޯޓުގެ ހިލާފެއް ވެސް އުޅޭ ކަމަށް އޭނާ ފާހަގަކުރެއްވިއެެވެ.
އުޝާމްގެ އިތުރުން އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ މިއަހަރުގެ މިހާތަނަށް ހަނގާ ކުރުމުގެ 26 މައްސަލައެއް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ.
ހަނގާ ކުރުމުގެ މައްސަލަ ހައްލު ކުރުމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސްކޫލްތަކުގައި ކައުންސިލަރުން މަދުވުން ކަމަށް ވެސް މިނިސްޓަރު ޝަފީއު ވަނީ ފާހަގަ ކުރައްވާފައެވެ.