

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިހާބުވި ޕާޓީ ބަދަލުކޮށްފިނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ޕީއެންސީން ގެނައި އިސްލާހުތައް ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ފަށައިފިއެވެ.
މިއަދު ހެނދުނު 11:00 ގައި ފެށި އަޑުއެހުމުގައި ދެ ފަރާތުންވެސް ވަނީ ގިނަ ވާހަކަތަކެއް ދައްކާފައެވެ.
މި މައްސަލަ ކޯޓަށް ހުށަހެޅީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިންނެވެ. އަލީ ހުސެއިން ހުށަހެޅި މައްސަލައިގައި އެދިފައި އޮތީ ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލު ކޮށްދިނުމަށެވެ. އެއީ މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް ހަވަނަ އިސްލާހު ގެނެސްފައިވަނީ ގާނޫނުއަސާސީގެ 4، 8، 26، 75 އަދި 90 ވަނަ މާއްދާއާ ހިލާފަށް އަދި ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާވެސް ހިލާފަށް ކަމަށްވާތީ ކަމަށް ބުނެއެވެ.
މި މައްސަލައިގައި ވަކާލާތު ކުރަމުން ދައުލަތުން ބުނެފައިވަނީ ގާނޫނު އަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށެވެ. އެގޮތުން ދައުލަތުގެ ވަކީލު، ފާތިމަތު ހަލީމް ވަކާލާތު ކުރެއްވީ ގާނޫނުއަސާސީގެ 174 ވަނަ މާއްދާގެ ހ. ގައި ބަޔާން ކުރާ ދުސްތޫރީ މައްސަލައިގެ ތައުރީފުގެ ތެރެއަށް މި މައްސަލަ ނުފެތޭ ކަމަށް ވިދާޅުވެއެވެ.
ވަކީލާ ފާތިމަތު ވިދާޅުވެފައިވާ ގޮތުގައި ދުސްތޫރީ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ގާނޫނުއަސާސީ މާނަ ކުރުމާ ގުޅޭ މައްސަލަތަކާއި ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ނުވަތަ ގަވާއިދެއް ނުވަތަ ގަވާއިދެއްގެ ބައެއް ގާނޫނުއަސާސީއަށް ހިލާފުވާ ކަމަށް ބުނެ ހުށަހަޅާ މައްސަލަތަކާއި ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ގާނޫނުއަސާސީއާ ހިލާފުވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތައް ކަމަށެވެ.
ވަކީލާ ފާތިމަތު ހަލީމުގެ ވާހަކަތަކަށް އިޝާރާތްކުރައްވާ ފަނޑިޔާރު، ހުސްނުއްސުއޫދު ދައުލަތުގެ ވަކީލާ ސުވާލު ކުރެއްވީ ސިޔާސީ ޕާޓީއަކުން ވަކިވުމުން މެންބަރުންގެ މެންބަރުކަން ގެއްލޭ އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުން ވަކާލާތު ކުރާ ސަބަބު ސާފު ކޮށްދެއްވުމަށް އެދިވަޑައިގެންނެވުމުން ވަކީލާ ފާތިމަތު ވިދާޅުވީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ޝަރީއަތުން ބެލޭނީ ގާނޫނުއަސާސީއާ ހިލާފަށް ހަދާ ގާނޫނުތަކުގެ މައްސަލަ ކަމަށެވެ. ނަމަވެސް ހުށަހެޅިފައިވާ މައްސަލައަކީ ގާނޫނުއަސާސީގެ ބައެއް ގާނޫނުއަސާސީގެ އަނެއް ބަޔާ ހިލާފު ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ފާތިމަތު ވިދާޅުވިއެވެ.
ދައުލަތުގެ އެ ވާހަކަތަކާ ގުޅިގެން ފަނޑިޔާރު ސުޖޫން ސުވާލު ކުރެއްވީ ގާނޫނުއަސާސީގެ ބައެއް ގާނޫނުއަސާސީއާ ހިލާފުވާ ހާލަތުގައި އެ މައްސަލަ ދެން ބެލޭނީ ކޮން ކޯޓަކުންތޯ އެވެ. ނުވަތަ އެފަދަ ހާލަތެއްގައި ދެން ނިޔާއެއް ކަނޑައަޅައިދޭން އެދި ދާނީ ކޮން ތަނަކަށްތޯ ސުޖޫން ސުވާލު ކުރެއްވި އެވެ.
ފަނޑިޔާރުގެ އެ ސުވާލަށް ދައުލަތުން ސާފު ޖަވާބެއް ނުދެވުނެވެ.
އޭގެ ފަހުން ފަނޑިޔާރުން ސުވާލު ކުރެއްވީ ގާނޫނުއަސާސީއަށް އިސްލާހެއް ގެނައުމުގައި ނުވަތަ ގާނޫނެއް ފާސްކުރުމުގައި އިޖުރާއީ ހަމައިން ބޭރުން އަމަލު ކުރާ ހާލަތެއްގައި އެ މައްސަލައެއް ސުޕްރީމް ކޯޓަށް ބެލިދާނެ ކަމަށް ދައުލަތުން ގަބޫލު ނުކުރޭތޯއާ އަދި އެފަދަ ހާލަތެއް އުފަންވެއްޖެ ނަމަ އެކަމުގައި ހައްލެއް ހޯދަން ދާން ޖެހޭނީ ކޯޓަކަށްތޯކަމެވެ.
އެ ސުވާލަށް ވެސް އެކަށީގެންވާ ޖަވާބެއް ދައުލަތަށް ނުދެވުނުއިރު ދައުލަތުގެ ވަކީލު ވިދާޅުވަމުން ގެންދެވީ ގާނޫނުއަސާސީގެ ބައެއް މާއްދާތައް އެހެން މާއްދާތަކަށްވުރެ ބުރަދަން ހުރި ކަމަށް ގަބޫލުކޮށްފި ނަމަ އޭގެ ސަބަބުން މައްސަލަތަކެއް ނުކުންނާނެ ކަމަށެވެ.
ސުޕްރީމް ކޯޓަށް މިހާރު ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން އެ ކޯޓުން ހުކުމް ކުރާ ގޮތެއްގެ ސަބަބުން އެ ކޯޓުގެ އިމްތިޔާޒުތައް ހަނިވެގެން ހިނގައިދާނެކަން ފާހަގަކުރައްވައި ފަނޑިޔާރު ހުސްނުއްސުއޫދު ސުވާލު ކުރެއްވީ ދިވެހިރާއްޖޭގެ ދީނަކީ އިސްލާމް ދީންކަމަށް ގާނޫނުއަސާސީގައި ބަޔާން ކޮށްފައި އޮތް މާއްދާ އުވައިލާ ހާލަތުގައި، އެ މާއްދާއެއް ވެސް ގާނޫނުއަސާސީގެ ބައެއްގެ ގޮތުގައި ވެގެންދާނެ ކަމަށެވެ. ނަމަވެސް އެފަދަ ހާލަތެއްގައި ދެން ހައްލު ހޯދުމަށް ދާން ޖެހޭނީ ކޮން ކޯޓަކަށްތޯ ތަކުރާރުކޮށް ފަނޑިޔާރު ހުސްނުއްސުއޫދު އާއި ފަނޑިޔާރު ސުޖޫން ސުވާލު ކުރެއްވިއެވެ.
އެހެންނަމަވެސް އެ ސުވާލުތަކަށް ދައުލަތުން އެކަށީގެންވާވަރުގެ ފުރިހަމަ ޖަވާބެއް ނުދެވުނެވެ.
މި މައްސަލައިގައި މިއަދުގެ އަޑު އެހުމުގައި ވާހަކަ ދައްކަމުން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އަލީ ހުސައިންގެ ވަކީލް މަހްފޫޒް ސައީދު ވިދާޅުވީ، ދައުލަތުގެ ހުރީ ބާރުތައް ފެށެނީ ވެސް އަދި ދެމިއޮންނާނީ ވެސް ރައްޔިތުންގެ ކިބައިގައި ކަމަށް ގާނޫނުއަސާސީގައި ބުނާ ކަމަށެވެ. އަދި މަޖިލީހުގެ މެންބަރުން މަސައްކަތް ކުރަން ޖެހޭނީ ޕާޓީތައް ހިމެނޭ ގޮތަށް އެހެން އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި ކަމަށާއި އަދި ދައުލަތް ހިންގުމުގައި ޕާޓީތަކުގެ ދައުރާއި ހައިސިއްޔަތު ބޭއްވުމަށް ބާރު އަޅާފައިނުވާ ކަމަށް މަހްފޫޒް ވިދާޅުވިއެވެ.
ބަރުލަމާނީ ނިޒާމުގައި ސަރުކާރު ހިންގުމުގެ ބާރު ސިޔާސީ ޕާޓީއަކަށް ދީފައިވާ ނަމަވެސް ރިޔާސީ ނިޒާމެއްގައި އެކަން އޮންނަނީ އެހެން ނޫން ކަމަށް ވަކީލު ވިދާޅުވި އެވެ. އަދި ބަރުލަމާނީ ނިޒާމެއްގައި މެންބަރަކު ޕާޓީ ބަދަލު ކުރުމުން، ސަރުކާރު އެކުލަވާލުމަށް ލިބޭ ބާރަށް ބަދަލުތަކެއް އަންނަ ނަމަވެސް ރިޔާސީ ނިޒާމެއްގައި ޕާޓީ ބަދަލު ކުރުމުން ސަރުކާރު ހިންގުމަށް ދުސްތޫރީ ގޮތުން އަންނަ ހުރަހެއް ނެތް ކަމަށް ވަކީލް ވިދާޅުވިއެވެ.
މަހްފޫޒް ވިދާޅުވީ އެ އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފް އިސްލާހެއް ކަމަށެވެ. އަދި އެ އިސްލާހުގެ ސަބަބުން ގާނޫނުއަސާސީގައި މެމްބަރުން އިސްކަން ދޭންޖެހޭ ކަމަށް ބަޔާންކުރާ ރައްޔިތުންގެ މަސްލަހަތު އެއްފަރާތް ކުރުމަށްފަހު ޕާޓީގެ ފިކުރު އިސްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން އެ އިސްލާހު ގާނޫނުއަސާސީއާ ހިލާފްވާތީ އެ އިސްލާހު ބާތިލްކުރަން އޭނާ އެދިވަޑައިގަތެވެ. އަދި މިހާރު އެ މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަމުންދާ މުއްދަތާއި މަޖިލިސް މެމްބަރުންގެ މައްޗަށް އެ އިސްލާހުގެ އުސޫލުތައް ނުހިނގާނެ ކަމަށް ކަނޑައަޅައިދޭން އޭނާ އެދިވަޑައިގަތެވެ.
ސަބަބަކަށް އޭނާ ވިދާޅުވީ ގާނޫނު އައުމުގެ ކުރިން ހިނގާ ކަންކަމަށް ގާނޫނުގެ އުސޫލުތައް ނުހިނގާތީ އެވެ.
މިއަދުގެ އަޑުއެހުން ނިންމައިލީ، އެ މައްސަލައިގެ ތެރެއަށް ތަދައްހުލުވެފައިވާ އެމްޑީޕީއަށް ފުރުސަތު ދިނުމަށް މާދަމާ އިތުރު އަޑުއެހުމެއް ބާއްވާނެކަން އިއުލާނު ކުރުމަށްފަހު އެވެ.