މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން މޫސުމީ އިންޒާރު ނެރެފައި ވަނީ ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށެވެ. މި 12 އަތޮޅަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށްފައިވެއެވެ.
އިއްޔެ ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކޮށްފައިވެ އެވެ. މެޓުން އާންމު ކުރި މައުލޫމާތުން ފެންނަ ގޮތުގައި އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނީ ކ. ގާފަރު އަދި ގދ. ކާޑެއްދޫ އަށެވެ. ގާފަރަށް 52.9 މީޓަރު ވާރޭ ވެހިފައިވެ އެވެ. ކާޑެއްދޫއަށް 49.4 މީޓަރު ވާރޭ ވެހިފައިވެއެވެ.
މެޓް އޮފީހުން ހިއްސާކޮށްފައިވާ ސެޓެލައިޓް ފޮޓޯއިން ފެންނަ ގޮތުގައި ބޮޑު ސަރަހައްދެއްގައި ވިއްސާރަ ވިލާ ފެނެ އެވެ. މެޓުން މިއަދުގެ މޫސުން ލަފާކޮށް، އެކި ސަރަހައްދުތަކަށް ވާރޭވެހޭނެ ކަމަށް ބުނެފައިވީ ނަމަވެސް ކަނޑު މަޑުވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
އޭގެ ސަބަބަކީ ވައި މަޑުވުމެވެ. މެޓް އޮފީހުން ބުނީ ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނެއްގައި ކަމަށެވެ.
މޫސުން ގޯސްވެފައި މިވަނީ ވޭތުވެ ދިޔަ ދުވަސްތަކުގައި އިހުސާސް ކުރެވޭ ހޫނުމިން ވަރަށް ބޮޑަށް މައްޗަށް ގޮސްފައި ވަނިކޮށެވެ.
މޫސުން ގޯސްވެފައިވައިރު މި ދުވަސް ކޮޅަކީ އީދު ބަންދަށް އެކި ހިސާބުތަކަށް މީހުން ފުރާ ދުވަސް ކޮޅަކަށް ވާތީ ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެއެވެ.