ޝިއުނާ، މަލްޝާ އަދި ފާތިމަތު އާއިއެކު ރައީސް މުއިއްޒު / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް
ހަބަރު, ސިޔާސީ
މުއިއްޒު މޭޔަރަކަށް ހުންނަވައި ހިންގެވި ކޮރަޕްޝަން ސަރުކާރުގެ އިސް ވެރިން ހާމަކޮށްފި
Azhan Ibrahim
އަޒްހާން އިބްރާހިމް
13 އޭޕްރީލު 2024
މާލެ ސިޓީ

ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭ ސިޓީގެ މޭޔަރުގެ މަގާމުގައި ހުންނަވައިގެން ހިންގެވި ކޮރަޕްޝަން ސަރުކާރުގެ އިސް ވެރިންތަކެއް ގުޅިގެން ފަޅާ އަރުވާލައިފި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި ރައީސް އަބްދުﷲ ޔާމީން ޖަލު ބަންދުގައި ހުންނެވި ދުވަސްވަރު އޭރުގެ އިދިކޮޅުން ހިންގި މުޒާހަރާތަކުގައި އިސްކޮށް އުޅުއްވި ބޭފުޅަކު ވަނީ ރައީސް މުއިއްޒުއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އެކްސްގައި މިއަދު ޕޯސްޓެއް ކުރައްވައިފަ އެވެ. މި ޕޯސްޓަށް އެންމެ ފުރަތަމަ ރައްދު ދެއްވީ މިވަގުތު ސަސްޕެންޝަންގައި ހުންނެވި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ޝިއުނާ އެވެ.

އެގޮތުން ޝިއުނާ ވިދާޅުވީ އޭރު އިދިކޮޅުން މަގުމައްޗަށް ނިކުތް މީހުންނަށް ފުލް ޓައިމްކޮށް މުޒާހަރާ ކުރެވޭނެ ގޮތް ހަމަޖެއްސުމުގެ ގޮތުން ރައީސް މުއިއްޒު މޭޔަރުކަން ކުރެއްވި މާލެ ސިޓީ ކައުންސިލުން ވަޒީފާތަކެއް ބެހި ކަމަށެވެ. އަދި 17،000 ރުފިޔާ އާއި 16،000 ރުފިޔާގެ މުސާރައަކާއިއެކު އެ ފަރާތްތައް ބޭތިއްބީ މުޒާހަރާ ކުރަން މަގުމަތީގައި ކަމަށް ޝިއުނާ ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް އޮފީހުގެ ތާރޑް ސެކެޓްރީ އިބްރާހިމް އަބާން އަބްދުއްލަތީފް ވިދާޅުވީ މުޒާހަރާ ކުރުމުގެ މަސްއޫލިއްޔަތާއިއެކު ދައުލަތުގެ ފައިސާއިން އެތައް މަހެއް ވަންދެން މުސާރަ ދިންކަމަށެވެ. އަބާން އާއި ޝިއުނާ އަކީވެސް މުއިއްޒުގެ މޭޔަރު ކަމުގައި ސިޓީ ކައުންސިލްގައި އިސްކޮށް މަސައްކަތް ކުރެއްވި ދެ ބޭފުޅުންނެވެ.

މިވަގުތު ސަސްޕެންޝަންގައި ހުންނެވި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަލްޝާ ޝަރީފުވެސް ވަނީ ހަމަ މިމޭރުމުން އެކްސްގައި ޕޯސްޓު ކުރައްވައިފަ އެވެ. ކައުންސިލްގެ އެއްވެސް މަސްއޫލިއްޔަތެއް ނެތި ދައުލަތުން މުސާރަ ދޭގޮތަށް އެތައް މުވައްޒަފުންތަކެއް ނެގި ކަމުގެ ތުހުމަތު ކުރިންވެސް މުއިއްޒުގެ މައްޗަށް ކުރެވުނެވެ. އަދި ދައުލަތުގެ ވެރިންތަކެއް މިވަނީ އެއީ ހަގީގަތެއްކަން ފަޅާ އަރުވާލައިފަ އެވެ.

މިއާއިއެކު އެތައް ބަޔަކު ވަނީ މޭޔަރު ކަމުގައި ހުންނަވައިގެން ރައީސް މުއިއްޒު ހިންގެވި ކޮރަޕްޝަން މައްސަލަތައް ބަލަން އޭސީސީއަށް ގޮވާލައިފަ އެވެ. އަދި ސިޓީ ކައުންސިލުން އޭރު މުސާރަ ދިން މުވައްޒަފުންގެ ތަފްސީލުތައް ހާމަ ކުރަން މިހާރުގެ މޭޔަރު އާދަމް އާޒިމަށްވެސް ދަނީ ގޮވައިލަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގާތްވަމުން އަންނައިރު ރައީސް މުއިއްޒުއާއި ގުޅޭ އެތައް ވާހަކަތަކެއް ސަރުކާރުގެ އެތެރެއިން ދަނީ ފަޅާ އަރުވަމުންނެވެ. އެގޮތުން މުލިއާގޭގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ބޭފުޅަކު ސިއްރު މައުލޫމާތުތަކެއް ލީކުކޮށްގެން ދާދިފަހުން ވަނީ އެންވަޔަރަންމެންޓް މިނިސްޓްރީއަށް ބަދަލުކޮށްފަ އެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved