އިންތިހާބީ ފައިދާއަށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން އާންމު ވެފައިވާތީ ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މި ފަދައިން ކަންބޮޑުވުން ފާޅުކޮށްފައިވަނީ މަޖިލިސް އިންތިހާބަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ހަދާފައިވާ ޕްރީ-އިލެކްޝަން އެސެސްމަންޓްގައި ފާހަގަވި ކަންކަމާ ގުޅިގެންނެވެ.
ޓްރާންސްޕޭރެންސީއިން ހާމަކޮށްފައިވަ ގޮތުގައި، ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުން މިދިޔަ ރިޔާސީ އިންތިހާބު ހިމެނޭހެން ކުރީގެ އިންތިހާބުތަކުގައި ވެސް ފާހަގަކުރެވިފައިވަނިކޮށް، އިންޓަވިއު ކުރި ބައެއް ކެންޑިޑޭޓުން ވަނީ ވޯޓުލާ މީހުން ސީދާ އެމީހުންގެ ވޯޓުގެ ބަދަލުގައި ފައިސާ އާއި އެހެނިހެން އިނާޔަތްތަކަށް އެދިފައިވާކަމަށް ހިއްސާކޮށްފައެވެ
ހަމައެހެންމެ ވޯޓު ގަތުން މޮނިޓާ ނުކުރުމާއި އަވަސް އަދި ކާމިޔާބު ތަހުގީގުތައް ކުރިޔަށް ނުގެންދެވުމާއި ގުޅުންހުރި ގާނުންތައް ފުރިހަމައަށް ތަންފީޒު ނުކުރެވުމަކީ މިފަދަ އަމަލުތައް ހުއްޓުވުމަށް ހުރި ގޮންޖެހުންތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ޓްރާންސްޕޭރެންސީ ހާމަކޯށްފައިވާ މައުލޫމާތަށް ބަލާއިރު، އިންތިހާބީ އަދި ކެމްޕެއިން މުއްދަތާ ދިމާކޮށް މަޝްރޫއުތައް އިފްތިތާހު ކުރުމާއި ނިންމުން ފާހަގަ ކުރުމަށް ރަސްމިއްޔާތުތައް ބޭއްވުން އާންމުވެފައިވާކަން ފާހަގަކުރެވެއެވެ. ވަކިން ހާއްސަކޮށް އިންތިހާބީ ފައިދާއަށް ދައުލަތް ހިއްސާވާ ކުންފުނިތައް ބޭނުންކުރުން ހިމެނެއެވެ.
ވޯޓު ގަތުމަކީ މި އިންތިހާބުގައިވެސް ފާހަގަ ކުރެވުނު ބޮޑު މައްސަލަ އެކެވެ. މި ދިރާސާގައި އިންޓަވިއު ކުރެވުނު ހުރިހާ ފަރާތްތަކަކުން ވަނީ ވެސް މިހާރު ކުރިއަށްދާ ކެމްޕެއިންތަކުގައި ވޯޓު ގަތުމާ މެދު ކަންބޮޑުވުން ފާޅުކޮށްފައިކަމަށް ވެސް ޓްރާންސްޕޭރެންސީއިން ހާމަކޮށްފައިވެއެވެ.