ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ދިއްދޫ ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ އަބްދުލް ލަތީފް މުހައްމަދުގެ ކެމްޕޭން ޖަލްސާގައި އެ ރަށު ފެނަކަ ބްރާންޗްގެ އެސިސްޓެންޓް މެނޭޖަރ ޢަބްދުﷲ ރަޝީދު، ހއ. ދިއްދޫއިން ހަމައެކަނި ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުންނަށް ކަރަންޓު ދިނުމަށް ޕީއެންސީގެ ޕޯޑިއަމެއްގައި ރޭ ގޮވާލައިފިއެވެ.
މި ޖަލްސާގައި އިތުރަށް ވާހަކަ ދައްކަމުން ޢަބްދުﷲ ރަޝީދު ބުނެފައިވަނީ ކަރަންޓް ދޭކަންވެސް އެއީ ނަސީބެއް ކަމަށާއި، ކަރަންޓް ދޫކުރަންވީ ގެތައް ބަލައިފައި ވަކި ވަކިން ކަމަށެވެ.
މި ވާހަކަތަކާއި ގުޅިގެން ޕީއެންސީގެ ރަސްމީ އެކްސް އެކައުންޓްއިން ޢަބްދުﷲ ރަޝީދުގެ ވާހަކަތައް ހަރުކަށިކޮށް ކުށްވެރިކޮށް، މިއީ ރައީސް މުޢިއްޒުގެ ސިޔާސަތު ނޫން ކަމަށް ބުނެފައިވެއެވެ.
ނަމަވެސް އައު ސަރުކާރުން ވެރިކަމާ ހަވާލުވެ ގިނަ ދުވަސްތަކެއް ނުވަނީސް ވަނީ ދިއްދޫ އާ އިންޖީނުގެ އާއި އައިސް ޕްލާންޓުގެ މަސައްކަތަށް ފެނަކައަށް ނަގާފައިވާ 57 ކޮންޓްރެކްޓް މުވައްޒަފުން ނޯޓިސް ދިނުމެއް ނެތި ވަޒީފާއިން ވަކިކޮށްފައެވެ.
އިންތިޚާބާއި ކައިރިވެފައިވާއިރު، ޕީއެންސީގެ ފަރާތުން މިފަދަ ޢަމަލުތައް ފެންނަމުން ދިޔުމަކީ އެ ޕާޓީގެ ލީޑަރޝިޕް ފެއިލްވެ ރައްޔިތުންނަށް ދޮގު ހަދާ އޮޅުވާލައިގެން ވެރިކަމަށް އައިސްފައިވާ ބައެއްކަން ހާމަވާކަމެއްކަން އިދިކޮޅު ފަރާތްތަކުން ފާހަގަކުރެއެވެ.