ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާވިކަމަށާއި އެއީ ކޮރަޕްޝަން ފައިސާކަމަށް ބުނެ ސޯޝަލް މީޑިއާގައި ލީކުކޮށްލި އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ރިޕޯޓު ސައްހަކަމަށް އެމަނިކުފާނު އެއްބަސްވެވަޑައިގެންފި އެވެ.
ރިޕޯޓުގެ ސައްހަ ކަމާއިމެދު ސުވާލު އުފައްދަވާފައި ނުވިނަމަވެސް ރައީސް މުއިއްޒު ވިދާޅުވީ އެއީ ޑްރާފްޓް ރިޕޯޓެއް ކަމަށެވެ. އަދި އެ ރިޕޯޓުގައި ތައްގަނޑާއި ތާރީހުވެސް ނެތް ކަމަށާއި އެހެންކަމުން އެއަށް ބޭނުން ގޮތެއް ހަދައި އާންމު ކުރެވިދާނެކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި އެމްޑީޕީގެ ވެރިކަމުގެ ފަސް އަހަރު ދުވަހު އެރިޕޯޓާއި ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅުއްވަން ބޭނުންވިނަމަ އެކަން ކުރެވުނީސްކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
ރައީސް މުއިއްޒު ސިފަކުރެއްވި ގޮތުގައި އިދިކޮޅު ފަރާތްތަކުން ގަސްތުގައި މިފަދަ ރިޕޯޓުތައް ލީކު ކުރަމުންދަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގާތްވަމުން ދާތީ ސިޔާސީ ބޭނުމުގަ އެވެ. އުޑުގައި ޖެހިފައި ބިމުގައި ޖެހުނަސް އެމަނިކުފާނާއި ދެކޮޅަށް ދެއްކޭނެ އެއްވެސް ކުށެއް ނޯންނާނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
2012 ވަނަ އަހަރުން 2018 ވަނަ އަހަރާއި ހަމައަށް ހައުސިންގް މިނިސްޓަރުގެ މަގާމުގައި ރައީސް މުއިއްޒު ހުންނެވިއިރު ބިދޭސީ ކުންފުނިތަކުން އެތައް ބިލިއަން ރުފިޔާއެއް އެމަނިކުފާނުގެ އަމިއްލަ އެކައުންޓަށް ޖަމާކުރިކަން ލީކުވި ރިޕޯޓުތަކުން ވަނީ އާންމުވެފަ އެވެ. މިކަމާއި ގުޅިގެން އެމްއެމްއޭއާއި ފުލުހުން ގުޅިގެން ތައްޔާރު ކުރި ރިޕޯޓުގައި ވަނީ 10 ނުކުތާއެއް ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.