އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ދިމާކޮށް، ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ގިނަ އަދަދެއްގެ ވަޒީފާ އާއި ޕްރޮމޯޝަން ދެމުންދާކަމުގެ ވާހަކަ ދެކެވެމުން އެބަދެއެވެ.
މި މަޢުލޫމާތާއި ގުޅިގެން އިތުރަށް ހޯދިހޯދުންތަކުން މިފްކޯއަށް 100 އަށްވުރެ ގިނަ މުވައްޒަފުންނާއި، ސްޓެލްކޯއަށް 60 މުވައްޒަފުންނާއި އަދި ފެނަކައަށް 100 އާ ގާތް ކުރާ އަދަދެއްގެ މުވައްޒަފުންނަށް ވަޒީފާ ހަމަޖައްސައިދީފައިވެއެވެ. މީގެ އިތުރުން މި ހަފްތާ ތެރޭގައި އެމް.އޭ.ސީ.އެް އަދި އެޗް.ޑީ.ސީގެ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުންވެސް ވަނީ ދީފައެވެ.
އިންތިޚާބާއި ގުޅިގެން ހިންގަމުންދާ މިފަދަ ކޮރަޕްޝަންގެ މައްސަލަތައް އޭސީސީ ގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އަދި ބައެއް މައްސަލަތައް ރަސްމީކޮށް ހުށަހަޅާފައިވާކަމަށް އެ އިދާރާއިން މަޢުލޫމާތު ދެއެވެ. ނަމަވެސް މި މައްސަލަތައް ބަލަމުންދާކަމެއް ނުވަތަ ޢަމަލުކުރާނެ ގޮތެއް އެ އިދާރާއިން ހާމަކޮށްފައި ނުވެއެވެ.
އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާގޮތުގައި މިފަދަ ޢަމަލުތަކަކީ ސީދާ އިންތިޚާބަށް ނުފޫޒު ފޯރުވުން ކަމަށް ސިފަކޮށް މިފަދަ ޢަމަލުތައް ކުށްވެރިކޮށް ވާހަކަދައްކާފައިވެއެވެ. މިއާއި އެކު އިންތިޚާބާއި ދިމާކޮށް ސަރުކާރުގެ މުވައްޒަފުންނަށް ބިރު ދައްކާ އިންޒާރުދެމުންދާ މައްސަލައާއި ދަޢުލަތުގު ވަޞީލަތްތައް ބޭނުންކޮށްގެން ކެމްޕެއިންގ ކުރަމުންދާ މައްސަލަ އިލެކްޝަން ކޮމިޝަންސް އަށް ވަނީ ހުށަހެޅިފައެވެ.