އެމަނިކުފާނު ސިޔާސީ އައު ޕާޓީއެއް އުފައްދައިގެން ނިކުމެވަޑައިގެން އެ ހުންނެވީ އެއްވެސް ހާލަތެއްގައި އަދުގެ ރައީސް ޑރ މުހައްމަދު މުއިއްޒަށް ދަތިތަކެއް ކުރިމަތި ކުރުވަން ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ 11 އަަހަރުގެ ޖަލު ހުކުމް ދިވެހިރާއްޖޭގެ ހައި ކޯޓުން ބާތިލް ކުރުމާއި ގުޅިގެން އެންމެ ފުރަތަމަ ރާއްޖޭގެ ރަށަކަށް ކުރެއްވި ދަތުރުފުޅުގައި ފުވަމުއްލަކު ސިޓީ އަށް ވަޑައިގެން އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކުރަައްވާ ވާހަކަޮދައްކަވަމުންނެވެ.
އެގޮތުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ސަރުކާރަށް ޖެއްސުން ކުރާ ނިޔަތެއް ނެތް ނަމަވެސް ސަރުކާރުން ރައްޔިތުންނަށް ގެއްލުންވާފަދަ ކަންކަން ކުރަންޏާ އެކަން ކަމާ ދެކޮޅަށް އަޑު އުފުލާނެ ކަމަށެވެ.
އެގޮތުން ރަސްމާލެ ހިއްކުމަށް އާނއެކޭ ނުބުނާނެ ކަމަށާއި ހުޅުމާލެއިން ބިން ބޭރުގެ ބަޔަކަށް ވިއްކާލުމަށް އާނއެކޭ ބުނެވެން ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އަޅުގަނޑު ރައީސް މުއިއްޒާ އޮންނަ ހަސަދަވެރިކަމަކުން، ނުވަތަ އޮންނަ ނުރުހުމެއްގެ ސަބަބުން ރައީސް މުއިއްޒު ރަނގަޅު ކަން ކަން ކުރާއިރު ދަތި ކުރަން ނިކުމެ ހުރި މީހެއް ނޫނޭ! އެކަމަކު އަޅުގަނޑު އާނއެކޭ ނުބުނާނަމޭ ރަސްމާލެ ބިން ހިއްކަން އެކުރާ މަސައްކަތަކަށް. އަޅުގަނޑުމެން ނުބުނާނަމޭ އާނއެކޭ! އަޅުގަނޑުމެން އަޅުވެތިވާގޮތަކަށް އަޅުގަނޑުމެންގެ ބިންތައް ނުއަގުގައި ވިއްކާލާ ވިއްކާލުމަށް މިއަދުވެސް މި ބުނަނީ ނޫނެކޭ. އެގްރީމަންޓް ބާތިލް ކުރާށޭ!
އޭގެއިތުރުން އެމަނިކުފާނު ވިދާޅުވީ ވަޒީރުންގެ ކޮރަޕްޝަން ގެ ވާހަކަތައް ކުރިމަތިވެގެން އެކަންކަން ނުބެލޭ ކަމުގައި ވާނަމަ އެކަން ކަން ބެލުމަށް ގޮވާލާނެކަމަށެވެ.
އެެއްވެސް ބަޔަކާ ދެކޮޅު ނުވާކަމަށާ، ވަކި ބަޔަކާ އެއްކޮޅުވެސް ނުވާކަމަށް ރައީސް ޔާމީން ތަކުރާރުކޮށް ވާހަކައިގައި ފާހަގަކުރެއްވިއެވެ.