ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތުގައި ތަރައްގީކޮށްދެއްވަން ފެއްޓެވި ކާގޯ ޓާމިނަލް ހުޅުވަފިއެވެ.
އާ ކާގޯ ޓަމިނަލް ހުޅުވާދެއްވީ އެކަމަށްތަކައި ބޭއްވި ޚައްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
ރައީސް ޔާމީން ރާއްޖޭގެ މައި އެއާޕޯޓު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ގެންނެވި ތަރައްގީގެ ބޮޑު ބިޔަ މަޝްރޫއުގެ ތެރޭގައި ހިމެނޭ އައު ކާގޯ ޓާމިނަލްގެ މަޝްރޫއަކީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ އެ މަޝްރޫއެކެވެ. އެ މަޝްރޫޢު ބިންގާ އެޅީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ.
އައު ޓާމިނަލްއަކީ މިހާރު ބޭނުންކުރާ ކާގޯ ޓާމިނަލަށްވުރެ ގާތްގަނޑަކަށް ތިން ގުނަ ބޮޑު ތަނަވަސް ޓާމިނަލްއެކެވެ.
މޯލްޑީވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލްއިން ހާމަކޮށްފައިވާ ގޮތުގައި އައު ކާގޯ ޓާމިނަލް ހުޅުވުމުން އަހަރަކު އެއްލައްކަ ވިހިހާސް ޓަނާއި ހަމައަށް ކާގޯ ހޭންޑްލް ކުރެވޭނެ ކަމަށެވެ. ކާގޯ އައު ޓާރމިނަލަކީ ޒަމާނީ ފެންވަރަކަށް ޚިދުމަތްދެވޭ ގޮތަށް ފަރުމާކޮށް، ވަސީލަތްތައް ގާއިމްކޮށްފައިވާ ތަނެކެވެ.
ރާއްޖޭގެ މައި ވައިގެ ބަނދަރު ހިންގާ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ހުޅުލެ އައިލެންޑް ހޮޓެލްއާ ދިމާ ފަޅުން ބައެއް ހިއްކައިގެން ބޮޑުކޮށް ތަރައްގީ ކޮށްފައިވާ ކާގޯ ޓާމިނަލްގެ މަސައްކަތް ފަށާފައިވަނީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު އޭރުގެ ރައީސް އަބްދުﷲ ޔާމީނެވެ. ނަމަވެސް މި މަސައްކަތް ރައީސް ޔާމީންގެ ވެރިކަން ނިމުމާއެކު ލަސްވެ ތަރައްގީ ކުރުމުގެ މަސައްކަތް ދިޔައީ ވަރަށް ލަހުންނެވެ. އެހެންވެ މިތަން ހުޅުވިގެން މިދަނީ މަސައްކަތް ފެށިތާ ހަ އަހަރު ފަހުން އަނެއްކާވެސް އެމަނިކުފާނުގެ ބައިވެރުވުމާއެކު ގެނެވުނު ސަރުކާރެއްގައެވެ.
ރައީސް ޔާމީން ވީއައިއޭ ތަރައްގީކުރުމަށް ފެއްޓެވި ބިޔަ މަޝްރޫއުގެ ތެރޭގައި އައު ކާގޯ ޓާމިނަލުގެ އިތުރުން އައު ރަންވޭގެ މަސައްކަތާއި، ފިއުލްފާމްގެ މަސައްކަތް ވެސް ހިމެނެއެވެ. އޢެގެ ތެރެއިން އައު ރަންވޭ މިހާރު ވެސް ބޭނުންކުރަމުން ދާއިރު އައު ފިއުލް ފާމްގެ މަސައްކަތް ވެސް މިހާރު ވަނީ ނިމުމަކާ ގާތްވެފައިކަން ފާހަގަކޮށްލެވެއެވެ.