ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ މައްސަލައިގެ ފުރަތަމަ ކިޔުން އިއްވައިފިއެވެ.
މަޖިލިހަށް ހޮވޭ މެންބަރުން ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައި ވަނީ އެ މެންބަރަކު ހޮވޭ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ މިނިވަން ކެންޑިޑޭޓަކު ޕާޓީއަކާއި ގުޅިއްޖެ ނަމަ އަދި ޕާޓީން މެންބަރަކު ވަކިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށެވެ.
އިސްލާހަކީ މާރޗް 26 ވަނަ ދުވަހު ހުށަހަޅާފައިވާ އިސްލާހެކެވެ.
މި ފަދަ އިސްލާހެއް ހުށަހަޅާފައި މިވަނީ މި ފަހުން ތަސްދީގުކުރި އެންޓި ޑެިފެކްޝަން ގާނޫނުގައި އެކަން އިޚްތިޔާރީ ކަމެއްގެ ގޮތުގައި ހިމަނާފައިވަނިކޮށެވެ. މި ފަހުން ފާސްކުރި އެ ގާނޫނުގައިވާ ގޮތުގައި، މިފަދަ އެއްވެސް ހާލަތެއް ދިމާވެއްޖެނަމަ މެންބަރު އަމިއްލައަށް އިސްތިއުފާ ދޭން ޖެހެއެވެ. ނަމަވެސް އިސްތިއުފާ ނުދީފިނަމަ ދެން އަމަލުކުރާނެ ގޮތެއް މި ޤާނޫނުގައި ބަޔާންކޮށްފަ ނެތެވެ.
އެހެންކަމުން ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑީ ގެއްލޭ ގެއްލުން އިޚްތިޔާރީކަމެއްގެ ގޮތުގައި އޮތް އޮތުމަށް ބަދަލު ގެނައުމަށް އިސްލާހު ހުށަހަޅާ އަންގާރަދުވަހު ވަނީ ފުރަތަމަ ކިޔުން އިއްވާފައެވެ.
މަޖިލީހަށް އިންތިހާބުވާ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް 2017ވަނަ އަހަރު ސްޕްރީމް ކޯޓުން ކަނޑައެޅި އިރު އެންޓި ޑިފެކްޝަން ގާނޫނެއް ހަދަން ވެސް މަޖިލީހަށް ލާޒިމް ކުރި އެވެ. އެގޮތުން އެ ގާނޫނު މަޖިލީހުން ފާސްކޮށް އޭރުގެ ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވިއެވެ.
ނަމަވެސް އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހު، އެ ގާނުނޫ އުވާލަން މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކުރީ 1 ނޮވެމްބަރު 2018ގައެވެ.
މި ފަދަ ބިލެއް އަނެއްކާވެސް ފާސްކޮށް އެމްޑީޕީއިން ނިންމާފައިމިވަނީ އެމްޑީޕީގެ ޓިކެޓުގައި 19 ވަނަ މަޖިލީހަށް އިންތިހާބުވުމަށްފަހު ބައެއް މެންބަރުން ޕާޓީ ބަދަލުކުރައްވާފައި ވަނިކޮށެވެ.
އެ ގޮތުން އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ 13 މެންބަރަކު އެމްޑީޕީ ދޫކޮށް ދަ ޑިމޮކްރެޓްސް ވަނީ އުފައްދާފައެވެ.
މީގެ އިތުރުން އެމްޑީޕީގެ 13 މެންބަރަކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ވެރިކަންކުރާ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.
މިއީ މަޖިލިސް އިސްލާހުކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި އެމްޑީޕީއާ ރައްޓެހި ޕާޓީތަކާއި ގުޅިގެން ކުރާ މަސައްކަތެއް ކަމަށްވެސް އެމްޑީޕީން ވަނީ ހާމަކޮށްފައެވެ.