May 27, 2026
Advertisement
ވިލިމާލޭގައި ދުއްވާ 10 ބަގީތަކުގެ ތެރެއިން 07 ބަގީ ބޭނުން ނުކުރެވޭ.
ވިލިމާލޭގައި ދުއްވާ 10 ބަގީތަކުގެ ތެރެއިން 07 ބަގީ ބޭނުން ނުކުރެވޭ. / މާލެ ސިޓީ ކައުންސިލް

ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ގެނައި ބަގީތައް ބޭނުން ނުކުރެވޭ

Aminath Zara
އައިމިނަތު ޒާރާ
Apr 26, 2024, 10:36 PM
މާލެ ސިޓީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި ވިލިމާލެއަށް ގެނައި ބަގީތައް ބޭނުން ނުކުރެވޭކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

Advertisement

ސިޓީ ކައުންސިލުން ވިލިމާލޭގައި 2023 އޭޕްރީލް 03 ވަނަ ދުވަހުން ފެށިގެން ބަގީގެ ޚިދުމަތް ދޭން 10 ބަގީ ގެނެސްފައިވާއިރު، މީގެ ތެރެއިން 07 ބަގީ ހަލާކުވެފައިވާތީ، އާ ބަގީތައް ގެންނަން ސިޓީ ކައުންސިލުން ނިންމާފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މިއަދު ބޭއްވި މާލޭ ސިޓީ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 142 ވަނަ އާންމު ޖަލްސާގައި ބަގީގެ ޚިދުމަތްތައް ދިނުމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ވާހަކަދައްކަމުން މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލް އަޙްމަދު ޒަމީރު ވިދާޅުވެފައިވަނީ ބަގީގެ ޚިދުމަތް ދިނުމަށް އެންމެ ފުރަތަމަ ގެނެސްފައިވާ ބަގީތަކަކީ މައްސަލަ ޖެހިފައިވާ ބަގީތަކެއް ކަމުގައެވެ. އަހްމަދު ޒަމީރު އިތުރަށް ފާހަގަކުރި ގޮތުގައި އަލަށް ދެން ގެންނަ ބަގީ ތަކަކީ ފެންވަރު ރަނގަޅު ތަކެތި ކަމުގައި ވާންޖެހޭނެކަމަށެވެ.

މި ބައްދަލުވުމުގައި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު ވާހަކަދައްކަވަމުން ވެސް ވިދާޅުވީ ގެންނަ ބަގީތަކަކީ 'ސައިބޯނި ބޮތްކަކަށް'ވުމުން ކަމުނުދާނެ ކަމަށެވެ. އަދި، މި ކަމަށް ޚަރަދުކުރަނީ ރައްޔިތުންގެ ޓެކްސް ފައިސާއިންކަން ވެސް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.

ވިލިމާލޭގައި މި ޚިދުމަތް ފަށާފައިވަނީ ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވި ދުވަސްވަރުގައެވެ.

10 ބަގީ ތެރެއިން 07 ބަގީ އަހަރެއް ތެރޭ ހަލާކުވެގެން ދިޔުމަކީ ރައްޔިތުންގެ ލާބައަށް ކުރާ މިފަދަ ޚިދުމަތްތަކަށް އެހާ މުހިއްމު ކަމެއް ރައީސް މުއިއްޒު ނުދެއްވާ ކަމުގެ ހެއްކެކެވެ. އެމަނިކުފާނުގެ މޭޔަރު ކަމުގައި ހުރެ މިފަދަ ޒިންމާދާރު ކުޑަ ގޮތަކަށް ކަންތައްތައް ހިންގާފައި ވުމަކީ، މިއަދު ވެރިކަމުގެ މަޤާމުގައި ހުރެ ރައްޔިތުންނަށް ކޮށްދޭ މިފަދަ ޚިދުމަތްތަކާއި މެދު ޝައްކުވާނެ ފަދަ ކަންކަމެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved