

ކޮންމެ ދެ މަހުން އެއްފަހަރު ގަވާއިދުން ބާއްވާނެކަމަށް ސަރުކާރުން ބުނި އަހާ ފޯރަމް ސިލްސިލާގެ ދެވަނަ ފޯރަމް ތިން މަސް ފަހުން ބާއްވަން ތާވަލުކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަލަށް ފެށި އަހާ ފޯރަމްގެ ފުރަތަމަ ސިލްސިލާ ބޭއްވީ ޖެނުއަރީ 25 ގަ އެވެ. އޭގެ ފަހުން މި ފޯރަމް ނުބާއްވައި ތިން މަސް ފާއިތުވެގެން ދިޔުމަށްފަހު ދެވަނަ ފޯރަމް ބާއްވަން ނިންމާފައިވަނީ އަންނަ ހޯމަ ދުވަހު އެވެ.
ރައީސް އޮފީހުން ބުނީ މިފަހަރު ފޯރަމުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ، އަދި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ބައިވެރިވާނެ ކަމަށެވެ.
ފޯރަމުގައި ވަޒީރުންނާ ކުރަން ބޭނުންވާ ސުވާލުތައް އޭއެޗް (ސްޕޭސް) ޖައްސަވާފައި ސުވާލު ލިޔުމަށްފަހު 300 އަށް ފޮނުވޭނެ އެވެ. ސަރުކާރުން ބުނާ ގޮތުން މި ފޯރަމުގައި ރައްޔިތުން ބޭނުންވާ ކޮންމެ ސުވާލެއް ވެސް ކުރެވޭނެ އެވެ.
އަހާ ސިލްސިލާގެ ކޮންމެ ފޯރަމްއެއްގައި ބައިވެރިވާނީ ފަސް ވަޒީރުންނެވެ. އަދި ކޮންމެ ވަޒީރަކާއިވެސް ސުވާލު ކުރަން ހަމަޖެހިފައިވަނީ އެ ވަޒީރެއްގެ ދާއިރާއާއި ގުޅޭގޮތުންނެވެ.
މި ފޯރަމްތަކަކީ އާންމުންނަށް އެތަނަށް ވަޑައިގެން ބައިވެރިވެވޭގޮތަށް އަދި ފޯރަމް ހިނގަމުންދާ ވަގުތު ސޯޝަލް މީޑިޔާގެ ވަސީލަތްތައް މެދުވެރިކޮށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިގެން ކުރިއަށްދާނެ ފޯރަމްތަކެކެވެ.