ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
މި ސަރަހައްދުތަކަށް ސަމާލު ނެރެފައިވަނީ މޫސުން ގޯސްވާނެކަމަށް ލަފާކުރެވެތީއެވެ.
މެޓް އޮފީހުން މި ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު 10:30 އިންފެށިގެން މެންދަމު 16:30 އާއި ހަމައަށެވެ.
މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ލަފާކޮށްފައި ވެއެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
ކުރިއަސް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓްއިން ލަފާކޮށްފައިވެއެވެ.
އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނދު އުތުރުން އަދި އެހެން ހިސާބުތަކަށް ހުޅަނދުދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 30 މޭލަށް ވައިގަދަވުން ވެސް އެކަށީގެންވާ ކަމަށް ބުނެފައިވެއެވެ.
ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓް އިން ލަފާކޮށްފައިވެއެވެ. އަދި ރާޅުގައި 2-4 ފޫޓް ހުންނާނެ ކަމަށް ލަފާކޮށްފައިވެއެވެ.
މޫސުން ގޯސް ކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.