ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ / މިހާރު
ހަބަރު, ސިޔާސީ
ފެކްޓް ޗެކް: ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯން ދޭން ނިންމީ އަލަކަށް ނޫން
Azhan Ibrahim
އަޒްހާން އިބްރާހިމް
30 އޭޕްރީލު 2024
މާލެ ސިޓީ

ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ސްޓޫޑެންޓް ލޯނު ދޭން ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އަލަށްކަމަށް ބުނެ ސަރުކާރުން ދައްކަމުން ދަނީ ދޮގު ވާހަކަތަކެއްކަން ހާމަވެއްޖެ އެވެ.

މިދިޔަ ހޯމަ ދުވަހު ދައުލަތުގެ މީޑިއާއިން ބޭއްވި އަހާ ފޯރަމްގައި ބައިވެރިވެވަޑައިގެން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ ޝަރުތު ހަމަވާނަމަ އެ ދަރިވަރަކަށް ލޯނު ދޫކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ. އަދި އަންނަ މެއި މަހުގެ 2 ވަނަ ދުވަހުގެ މެންދުރު ފަހު 1:30 އާއި ހަމައަށް ހުށަހަޅާ ހުރިހާ ފޯމެއްވެސް ބަލައިގަންނާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރުގެ މި ވާހަކައާއި ގުޅިގެން ސަރުކާރުގައި ތިއްބެވި އެކްޓިވިސްޓުން ގެންދަވަނީ މިއީ ރައީސް މުއިއްޒު އަލަށް ކުރެއްވި ކަމެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުންނެވެ. އަދި ރައީސް މުއިއްޒުއަކީ އޯގާތެރި ރައީސެއްކަމަށް ބުނެ ވަރަށް ބޮޑަށް ސަނާ ކިޔަމުންނެވެ.

އެހެންނަމަވެސް ސްޓޫޑެންޓް ލޯނަށް އެދި ހުށަހަޅާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޭން އެންމެ ފުރަތަމަ ނިންމީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގަ އެވެ. ރައީސް ޞާލިހު މިގޮތަށް ނިންމި ނިމިދިޔަ 2023 ވަނަ އަހަރުގެ މެއިމަހުގެ 31 ވަނަ ދުވަހު އެވެ. އޭރު މި ހަބަރުތައް ހުރިހާ މީޑިއާތަކުންވެސް ގެނަސްދިނެވެ.

ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން ރާއްޖޭގައި ޑިޕްލޮމާއިން ފެށިގެން މާސްޓާސް ޑިގްރީ ލެވަލްއަށް ކިޔެވުމަށް އެދި ހުށަހެޅެ އެވެ. އަދި ރާއްޖޭން ބޭރުން ޑިޕްލޮމާ ފެންވަރުން ފެށިގެން ޕީއެޗްޑީ ފެންވަރަށް ކިޔެވުމަށް އެދި ލޯނަށް ހުށަހެޅޭނެ އެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved