ރާއްޖެ ޓީވީ އަދި ޗެނަލް 13 އަށް އިންޒާރުދިނުމާއި ގުޅިގެން މޯލްޑިވްސް މީޑިޔާ ކައުންސިލް (އެމްއެމްސީ) އިން ކަންބޮޑުވުންފާޅުކޮށްފިއެވެ.
މީޑިޔާ ކައުންސިލް އިން ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާ ބުނެފައިވަނީ ސޯޝަލް މީޑިޔާ މެދުވެރިކޮށް މީޑިޔާތަކަށް ބިރުދެެއްކުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.
ނޫސްވެރިންނަށާއި ނޫސްވެރިން މަސައްކަތް ކުރާ ނޫސްތަކަށް އަދި ޓީވީ ސްޓޭޝަންތަކަށް އިންޒާރު ދިނުމަކީ އެެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެކަމެއް ނޫންކަމަށް ވެސް އެ ޕޯސްޓްގައި ވަނީ ބުނެފައެވެ.
އޭގެއިތުރުންވެސް ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭފަދަ އެއްްވެސް ކަމެއް ނުކުރުމަށްވެސް އެ ކައުންސިލް އިން ވަނީ ގޮވާލާފައެވެ.
ސޯޝަލް މީޑިޔާ މެދުވެރިކޮށް ރާއްޖެ ޓީވީ އަދި ޗެނަލް 13 އަށް އިންޒާރުދިން ކަމަށް ބެލެވޭ މައްސަލަ ކަމާބެހޭ އިދާރާތަކުން ވީއެންމެ އަވަހަށް ބެލުމަށް ވެސް އެ ކައުންސިލް އިން ވަނީ ގޮވާލާފައެވެ.
ރާއްޖެ ޓީވީ ގެ ނޫސްވެރިޔާ ލައިޝާ އަށް އިންސްޓަގްރާމް މެދުވެރިކޮށް އެ ޓީވީ ސްޓޭޝަންގައި ރޯކޮށްލާނެ ކަމަށް ބުނެ ނުދަންނަ ފަރާތަކުން ދިން އިންޒާރުގެ ވާހަކަ ޗެނަލް 13 އިން ޝާއިއު ކުރުމާއި ގުޅިގެން ޗެނަލް 13 އަށް ވެސް ވަނީ އިންޒާރު ލިބިފައެވެ. އެގޮތުން އެންމެ ފުރަތަމަ ރޯކޮށްލަން ޖެހޭ ތަނަކީ ޗެނަލް 13 ކަމަށް އެ އިންޒާރުގައި ވަނީ ބުނެފައެވެ.
މި ދެ ޓީވީ ސްޓޭޝަނަށް އިންޒާރުދިން މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ބަލަމުން އަންނަ ކަމަށް އެ މުއައްސަސާއިން ވަނީ ބުނެފައެވެ.
We strongly condemn threat given to @Raajje_tv & @Ch13official through social media. Threats against media houses & journalists are unacceptable & pose threat to freedom of expression. We call thorough investigation & urge authorities to ensure safety of all journalists & media.
— Maldives Media Council (@mmc_mv) April 30, 2024