ފޮޓޯތަކުން ބުނެދެނީ ނެޕޮޓިޒަމް! / ތޭރަގްރެފިކްސް
ސިޔާސީ
ފޮޓޯތަކުން ބުނެދެނީ ނެޕޮޓިޒަމް!
02 މޭ 2024
މާލެ ސިޓީ

ދޮގަކީ އިންސާނާގެ ހަލާކޭ ބުނާތި އަޑު އަހަމެވެ. އަދި އިންސާނުންގެ މަކަރުވެރިކަމުގެ ވާހަކަ ސިފަކޮށްދިނުމަށް އިބިލީހުގެ ބަހަށް ނުހެއްލުނު މީހާވެސް އިންސާގެ ބަހަށް ހެއްލި ދެ ދުނިޔެއިން ނިމިގެން ދެއޭވެސް ބުނެ އުޅެއެވެ.

އާދޭހެވެ. ދައްކަން މިއުޅެނީ އިންސާނެއްގެ ހުރި ދޮގު ހެދުމުގެ ކުޅަދާނަ ކަމާ އެ ދޮގުތައް ހަދަން އެމީހަކު ޖެހިލުން ނުވާކަން ހާމަވާ ވާހަކައެވެ.

އެގޮތުން ކޮންމެ ގައުމެއްގެ ވެސް ވަލިޔުއްލް އަމްރަކީ އެ ގައުމެއްގެ ހުރިހާ ރައްޔިތުންގެ ޒިންމާ އެ ބޭފުޅެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއަކަށްވީ ހިނދު ހުރިހާ ރައްޔިތުންނާ މެދު ވެސް ހަމަހަމަ އުސޫލުން ކަން ކުރުމަކީ އެ ބޭފުޅެއްގެ ވާޖިބަކަށްވާން ޖެހޭނެއެވެ.

ނަމަވެސް މިއަދު ރާއްޖޭގެ ވެރިކަމުގައި ރެދަލި ކުރަމުން ދަނީ ތެދުވެރި އަމާނަތްތެރި ވެރިއެކޭ ބުނެވެން ނެތޭ ބުނަމީ ދޮގަކަށް ނުވާނެއެވެ. އަދި އަޅުގަޑާ މިކަމުގައި ގިނަ ދިވެހިން އެއްބަސްވާނެ ކަންވެސް ޔަގީނެވެ.

2023ގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެންމެ ބާރަށް އަދުގެ ވަލިއްޔުލް އަމްރު ދެއްކެވި ވާހަކައަކީ އޭރު ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ސިޔާސީ ގޮތުން ބަނދެފައި ހުރި ހުރުމުން މިނިވަން ކުރާނެ ވާހަކައެވެ. ނަމަވެސް ވެރިކަން ލިބުމުން ކުރިން ބުނި އެތި ކެންސަލްވެ އެކަން ޖާމިނުކުރެއްވީ ޖުޑީޝީއަރީއާ އެވެ.

މީގެ އިތުރުން އޭރު ދެން އެންމެ އަޑު ގަދަކޮށް ދެއްކި ވާހަކައަކީ އެމްޑީޕީ ސަރުކާރުގެ ތެރޭގައި ވަކި ބައެއްގެ ބާރު ގަދަ ވާހަކައެވެ. އާދެ ސިއްކަ އާއިލާއާ އެ އާއިލާގެ ދުރުތާ ތިމާގެ މީހުންވެސް ވެރިކަމުގެ ތެރެއަށް އަތް ގަދަކޮށް އެމްޑީޕީ ފަޅި ފަޅި ކޮށްލި ވާހަކައެވެ. އެހެން އެކަން ވިޔަ ނުދޭން ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއް ގެންނަން ޖެހޭ ކަމަށް ވަރަށް ބޮޑަށް އޭރުގެ ޕީއެެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަކާލާތު ކުރެއްވިއެވެ.

އެ އަޑު ދިވެހިން އެއްސެވެ. ނުހަނު ގާތުން އެއްސެވެ. އަދި އެ ވިދާޅުވި ފަދައިން އާއިލީ ވެރިކަމަށް ނޫނެކޭ ބުނެ ރައީސް މުއިއްޒު އިންތިހާބު ކުރީ ތާރީޚު އިއާދަވާން ދިވެހީން ބޭނުންނުވާތީކަން ކަށަވަރު މުޖައްރިބެވެ.

ނަމަވެސް ވެރިކަމަށް ފަސް މަސް ފުރިގެން ދިޔައިރު ފެންނަމުން ދަނީ ދިވެހީން އެދުނު ގޮތަށް ވެރިކަމުގެ ކޮއިލު ތެރެ އެތުރި ތަރުތީބުވެ އެމަގުން ކުރިއަށް ދޭތޯ ބެލުމަކީ މިއަދު ނަޒަރެއް ހިންގާލަން މުހިއްމު ކަމެކެވެ.

ރައީސް މުއިއްޒުއާ އާއިލީ ބައެއް ބޭފުޅުން

ދައްކަން މިއުޅޭ ވާހަކަ ފަށާނީ މިހާ ހިސާބުންނެވެ. ފޮޓޯ ގަނޑުން ތިޔަ ފެނިވަޑައިގަންނަވަނީ ޔަގީނުންވެސް މިއަދު ދިވެހީންނަށް އައު މޫނުތަކަކަށް ނުވާނެ ބައެކެވެ. އާދެ އެއް ބޭފުޅަކީ އަދު މިގައުމުގެ ވަލިއްޔުލް އަމްރެވެ. ދެން ތިއްބެވި ބޭފުޅުން ފޮޓޯގެ ކަނާއަތުން ފަށާނަމަ އެ އިންނެވީ ރައީސްގެ ކޮއްކޯފުޅެވެ. އެއްބަޑު ކޮއްކޯފުޅު ފާތިމަތު ސައުދާއެވެ. ފ. ނިލަންދޫ ދާއިރާގެ އިންތިހާބީ މެމްބަރެވެ. އެ މަގާމަށް ކޮއްކޯފުޅު ގެނައުމަށް ބޭބޭފުޅު ދިވެހީންގެ ފައިސާއިން ކުރެއްވި ޚަރަދު، ﷲ އާ ވަކީލެވެ. މުޅި ދައުލަތް ގޮސް ބަޑަހަ ޖަހައިގެން ނިލަންދޫ ދާއިރާގެ ގޮނޑި ހޯދަން ރިޝްވަތު ބަހާ މަގާމުގެ ނުފޫޒު ބޭނުންކޮށް ދައުލަތުގެ މުދާވެސް ނަހަމަ ގޮތުގައި ބޭނުންކުރިއެވެ.

ސައުދާގެ ތިރިއަށް ފޮޓޯ ގަނޑުގައި އިންނެވި ބޭފުޅާއަކީ އެއް ދުވަސްވަރެއްގައި ނިކަން ދީނީ ކަންކަމާ ގުޅިގެން ޓްވީޓުކުރައްވާ ނިމިދިޔަ ސަރުކާރަށް ނިކަން ފާޑުވިދާޅުވިވެސް ބޭފުޅެކެވެ. އެމްޑީޕީއިން ކުރީ ޚުދު މުހުތާރު ވެރިކަމެއްކަމަށް ވިދާޅުވެ ނިކަން ވަރު ވަރުން ޓްވީޓުކުރެއްވިވެސް މެއެވެ. އާދި އިބްރާހިމު މުހައްމަދެވެ. (އިއްބެ ޖަނާބު)އެވެ.

މައްޗަންގޮޅި އުތުރު ދާއިރާއަށް މަޖިލިސް އިންތިހާބުގައި ނިކުމެ ވަޑައިގެން ދައުލަތުގެ ފައިސާއިން ކުރިކަމެއް ކުރައްވައިގެން މިއަދު އެ ހުންނެވީ އިންތިހާބީ މެމްބަރެއްގެ ގޮތުގައެވެ. ރައީސް މުއިއްޒުއާ އިއްބެ އާ ގުޅެނީ އަނބިކަނބަލުން ސާޖިދާ މުހައްމަދު އާ ހިސާބުންނެވެ. އިއްބެއަކީ ސާޖިދާގެ އެއްބަފާ ބޭބެއެވެ.

ކަން މިހެން ހުރި އިރު މިހާރު އެންމެ ގަދަ އަޑަކީ މަޖިލިހުގެ ރައީސަކަށް އިއްބެ ގެނެސް ނައިބަކަށް ސައުދާ ގެންނަން ރައީސް މުއިއްޒު ރާއްވަވަމުން ގެންދަވާ ވާހަކައެވެ. މިހާ ހިސާބުން ހަނދާނަށް އަންނަނީ ތިން ބާރު ވަކިވެފައި އޮތް ރިޔާސީ ނިޒާމުގެ ވާހަކައެވެ.

ތިން ބާރު ވަކި ނުވާނެއެވެ. އެހެނީ މިހާރު އެ އޮތީ މަޖިލިސް ވެސް ފައިސާއާ ނުފޫޒުން ވެރިކަން ކުރާ ޕާޓީއިން ހޯދާފައިވުމުންނެވެ. އަދި އެއާ އެކު މިހާރު އެ ހިންގަން އުޅޭ ޖަރީމާއަކީ އާއިލާ ތެރެއަށް ހުރިހާ ބާރެއް ދަމާ ގެނައުމެވެ.

ފޮޓޯ ގަނޑުގެ ބާކީ ތިބި ބޭފުޅުންނަށް ބަލާލަމާ ދެއްތޯއެވެ. އާދެ އިއްބެގެ ތިރިއަށް އެ ފެނިވަޑައިގަންނަވަނީ ރައީސް އޮފީހުގެ މިނިސްޓަރު އިގުބާލު އާދަމެވެ. އެއީ ރައީސް މުއިއްޒުގެ ދެބެންގެ ދެދަރި ބޭފުޅެކެވެ. ދެން އެ އިންނެވީ އިގްބާލުގެ ކޮއްކޯފުޅު އަދި ރައީސް އޮފީހުގެ މިނިސްޓަރު (ޕްރެޒިދެންޝިއަލް) އަލީ އާރިފެވެ. މިވެސް ރައީސް މުއިއްޒުގެ ދެބެންގެ ދެދަރި ބޭފުޅެކެވެ.

ދެ އެއިންނެވީ މިހާރު ދިއްގަރު ދާއިރާގެ އިންތިހާބީ މެމްބަރު ނާޒިމެވެ. މިވެސް ރައީސް މުއިއްޒުގެ ދެބެންގެ ދެދަރި ބޭފުޅެކެވެ.

މި ފޮޓޯއިން އެކަނި އާއިލީ ނުފޫޒު ދިވެހި ދައުލަތުގެ ތެރެއަށް އޮތް މިންވަރު އެބަ ހާމަވެއެވެ.

ރައީސް މުއިއްޒު، ސްކޫލު ދައުރުގެ އެކުވެރި ބައެއް ބޭފުޅުންނާ އެކު

އެހެން ފޮޓޯއަކަށް ޖެހިލަމާތޯއެވެ. އާދެ މި ފޮޓޯއިން މި ފެންނަނީ ވެސް ރައީސް މުއިއްޒުގެ ނުހަނު ގާތް ބޭފުޅުންނެވެ. އާދެ ސްކޫލު ހަޔާތުގައި އެކުގައި އުޅުއްވި ނިކަން ގާތް ކުދިންކޮޅެކެވެ. އަދުގެ އެޓާނީ ޖެނެރަލް އަހުމަދު އުޝާމާ އަދުގެ ސްޕޯޓުސް މިނިސްޓަރު އަބްދުﷲ ރާފިއުއާ އަދުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުއެވެ.

މިއިން ކޮންމެ ބޭފުޅަކީ ދައުލަތުގެ ވަޒީރެކެވެ. ދެން ނިކަން މި ސަރުކާރުގެ ތެރޭގައި ނަޒާހަތްތެރިކަން އޮންނާނެ ވަރު ވަޒަންކޮށްލަވާށެވެ.

މި ސަރުކާރުގެ އިސް ވަޒީރާ މަގާމުތަކުގައި ތިބި ވަޒީރުގެ އާއިލީ ބޭފުޅުން

މި ފޮޓޯއިން ތިޔަ ފެނިވަޑައިގަންނަވަނީ، އެތެރެ ހޮއިކޮށް ހުރިނަމަވެސް މި ސަރުކާރުގެ އެންމެ ބާރު ގަދަ ވަޒީރެވެ. ފޮޓޯގައި ހިމެނެނީ އެ ވަޒީރުގެ ފިރިހެން ދަރިފުޅު އަދި މި ސަރުކާރުގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމު ފައިސަލާ، ފައިސަލްގެ ބަފައިބެ އަދި މި ސަރުކާރުގައި އެމްޕީއެލްގެ ސީއީއޯ އިބްރާހިމު ވަޖީހުއާ އަދި އިސް ވަޒީރު އަދުރޭގެ ޅީ ދަރިފުޅެވެ. އެއީ އިންތިހާބީ މެމްބަރެކެވެ.

ފޮޓޯ ފެނުމުން ހަމަ ހަނދާނަށް އައީ ނެޕޮޓިޒަމްއޭ މިކިޔާ ބަހެވެ. ރިޕޯޓުގެ މިހާ ހިސާބަށް ދެވުނު އިރު ފެނިގެން މިދިޔައީ ނެޕޮޓިޒަމްބާއެވެ ނޫނީ މެރިޓޮކްރެސީ ހެއްޔެވެ؟ އިންސާފުވެރިކަން ހެއްޔެވެ؟

މިއީ އިންސާފު ކަމަށް ވަނީ ނަމަ ދިވެހިންގެ ރާއްޖޭގައި އިންސާފު ބޭނުންވަނީ ކޮން ބަޔަކަށް ހެއްޔެވެ؟ ބައެއް އަތްޖަހާ ޝަރުތު ހަމަނުވާ ގާތް މީހުންނާއި ރައްޓެހިންނަށް ދައުލަތުގެ މަތީ ވަޒީފާ ދިނުމަކީ މި ގައުމުގައި ކުރިމަގު އޮތް ގޮތް ހެއްޔެވެ.. އާންމުންގެ އިތުބާރާ މެދު ކުޑަކޮށް ވިސްނާލިބާއެވެ؟ މަޖިލިސް އިންތިހާބު ރިޝަވަތުން ކާމިޔާބު ވިޔަސް އަދި ރައްޔިތުންގެ އިތުބާރު އޮތް ކަމަކަމަށް ނުވެދާނެއެވެ. މިއަދު އޯވަރ ރޭޓް ވެއްޖެއެވެ!

މެޑަމް ސާޖިދާއާ ގާތް ބައެއް ބޭފުޅުން

އަނެއްކާވެސް އެހެން ފޮޓޯއެކެވެ. އާދެ ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާ ގާތް ބައެއް ދައުލަތުގެ ވެރިންނެވެ.

ސާޖިދާއާ ކައިރިން މަތީ ކަނުން އެ ފެނިވަޑައިގަންނަވަނީ އަދުގެ ސަރުކާރުގެ އެގްރިކަލްޒަރ މިނިސްޓަރެވެ. އާދެ ޑރ. ރަމީލާއެވެ. އޭގެ ތިރިއަށް އެ ފެންނަނީ ރައީސް އޮފީހުގެ އިސް މަގާމެއްގައި ހުންނެވި އިކްރާމެވެ. އޭގެ ތިރިއަށް އެ އިންނެވީ ކުރިންވެސް ބުނެވުނު ފަދައިން ސާޖިދާގެ އެއްބަފާ ބޭބޭފުޅެވެ. މިއީ ފަރސްޓް ލޭޑީ ސާޖިދާގެ ނުހަނު އަރިސް ބޭފުޅުންނެވެ.

ރައީސް ޔާމީންގެ ޒައާމަތުގައި މެޑަމް ފާތިމަތު އިބްރާހިމުގެ ޓީމެއް އޮތް ކަމަށް ބުނެ އެކަމަނާ އާ މެދު ރައްޔިތުން ހިތުގައި ނަފްރަތު އުފެއްދިއިރު މިއަދު މިއޮތޯ މެޑަމް ޓީމެއް ނޫންތޯއެވެ؟

ކޮލިފިކޭޝަނަކީ މިއަދު އެއްވެސް މުހިއްމު އެއްޗަކަށް ނުވެއެވެ. ސިޔާސީ ގޮތުން އަރިސް ވެލީމާ ނިމުނީއެވެ. އާއިލީ ގުޅުންތަކުގެ މުގުލުގައި ވެރިކަން ކުރާއިރު ބޭނުން ވަނީ ކާކު ހެއްޔެވެ؟ މި ނެޕޮޓިސްޓިކް ސްކޮޑްގެ އަތް ފުންކޮށް ސަރުކާރު ތެރޭގައި އެބައޮތެވެ. މިއީ މެރިޓޮކްރެސީ ތޯއެވެ؟ ނޫން މިއީ މާ ބޮޑަށް މެޑަމް-އޮކްރެސީ އާއި ވައްތަރު ކަމެއްބާެއެވެ؟

ލާސްޓް ބަޓް ނޮޓް ދަ ލީސްޓެއް ބުނާ އުސޫލުން މި ރިޕޯޓަށްވީ އެންމެ ފަހު ފޮޓޯ ނިއުޅާލާނަމެވެ. ދެކެ ފަރިތަ މޫނުތަކެއް އެހެން ނޫންތޯއެވެ؟ އާދެ މި ސަރުކާރުގެ ޑެޕއިޓީ މިނިސްޓަރު މަރިޔަމް ޝީއުނާ އަދި މިނިސްޓީރިއަލް ލެވެލުގެ ދެ މަގާމުގައި ތިބި އޭނާގެ މަންމަ އަިއޝަތު ހަފީޒާ އާ ކޮއްކޮ ޖުނާ ޖަލީލެވެ.

ދިވެހިންގެ ރާއްޖޭ މި ބަދަލުވެގެން ދިޔައީ އެހެންވީމާ ނެޕޮޓިޒަމްގެ ހާއްޔަކަށް ތާއެވެ؟ މަގާމުތަކަށް ކުފޫ ހަމަވާ ނަމަ މަގާމު ދިނުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އާއިލީ ގޮތުން މުޅި ޚާއްދާނަށް ބަޑު އަޅާލައިގެން މަގާމުތައް ބެހުމަކީ އެއީ އިންސާފެއް ނޫނެވެ.

ކޮމެންޓު
ކޮމެންޓްތައް
ތައްތި
03 މޭ 2024, 01:56
ދެން ވާހަކަ ދެއްކިޔަސް ވާނެ ކަމެއް ނެތް.. މެޖޯރިޓީ ވޯޓު ދިންގޮތް.. ވޯޓުދިނީ ގައުމަށްޓަކައިތޯ ޖީބަށްޓަކައިތޯ ކަމެއް ނޭގެ.. އެކަމަކު މިއޮތީ އެހެންވެފަ.. 5 އަހަރުން ލިބޭ ވޯޓް ދިނުމުގެ ހައްގުގެ ބާރު ނުވިސްނޭތީ މިހެންވަނީ 🤷🏾
އަމާ
03 މޭ 2024, 10:26
ވަކިމީހަކަށް ނޫނީ ޕެނަޑޯލު ނުބެހެވޭ އުސޫލުވެސް ގާއިމުވެގެންދިޔަ ދުވަސް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved