ފަތުރުވެރިކަމާބެހޭ ވަޒީރު ފައިސަލް އިބްރާހިމާއެކު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތައް އޮތީ ބަނަދުވަސްތަކެއް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސް ގާނޫނީ ވަކީލް އަދި ޕިއެންއެފްގެ ސެނެޓް މެމްބަރ ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ ޗެނަލް 13 ގެ "ވީކެންޑް ވިދް ޑރ ޖަމީލް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން އެމަނިކުފާނު ވަނީ ރައީސް މުއިއްޒު އިންތިޚާބްވެވަޑައިގަތުމުގެ ކުރިން ވެވަޑައިގެންނެވި ވައުދަށް އަލިއަޅުއްވާލައްވާފައެެވެ. ރައީސް މުއިއްޒު އެމަނިކުފާނުގެ ކެބިނެޓްގައި ހިމަނުއްވާނީ އިލްމީ ގާބިލް ބޭފުޅުން ކަމަށް ވިދާޅުވިއިރު އަދުގެ ޓޫރިޒަމް މިނިސްޓަރ ފައިސަލް އަކީ އެ ކެޓަގަރީ އަށް އެއްވެސް ހާލަތެއްގައި ނުފެތޭ ފަރާތެއް ކަމަށް ޑރ ޖަމީލް ވަނީ ވިދާޅުވެފައެވެ.
ފަތުރުވެރިކަމަކީ ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިނާއަތައްވާއިރު އެ ދާއިރާ ތަމްސީލް ކުރުމަށްޓަކައި ހުންނަވާ ފަރާތަކީ އެކަމަށް އެންމެ ގާބިލް ބޭފުޅާ ނޫންކަން ރާއްޖޭގެ ރައްޔިތުންނަށް ޚުދު އެބޭފުޅާ ވަނީ އެތައް ފަހަރެއްގެ މަތިން ސާބިތުކޮށްދެއްވާފައިކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.
އިތުރަށް ޑރ ޖަމީލް ވިދާޅުވީ ނާގާބިލް، ނާއަހުލް މީހުންނަށް ކަންތައްތައް މި އުންމަތުގައި ހަވާލުކުރުން އެއީ އާންމުކަމަކަމަށް ވެގެންދާ ވަގުތަކީ ގިޔާމަތް ކައިރިވާ ވަގުތުކަމަށެވެ. ރައީސް މުއިއްޒުގެ ސަރުކާރު ތެރެއިން ފެނިގެން ދަނީ އެ މަންޒަރު ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.
ދެން އަޅުގަނޑަށް ގަބޫލުކުރެވެނީ ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތައް އޮތީ ބަނަދުވަސްތަކެއް ފައިސަލް އާއެކު. ފަސް އަހަރު ވާއިރު ގްރޭޑް 5 ނިމިގެން 10 އަކާ ހަމަޔަށް ކިޔަވާ ނިންމާފިއްުޔާ ރަނގަޅު. އޭރުން ނަތީޖާ ނެރެވިދާނެ.
ޑރ ޖަމީލް އިތުރަށް ވިދާޅުވީ ރައީސް މުއިއްްޒު ފައިސަލް އަށް ވަޒީރުކަން ދެއްވާފައިވަނީ އަދުރޭގެ ދަރިއަކަށް ވުމުންކަމަށެވެ.
ފައިސަލް އަދި އަދުރޭމެން ފަދަ ބޭފުޅުން މި ގައުމުގެ އިސް މަގާމްތަކުގައި ގެންގުޅުއްވާކަމުގައި ވާނަމަ އެއީ ގައުމަށް ހިޔާނާތްތެރިވުންކަމަށް ވެސް ޑރ ޖަމީލް ވާހަކައިގައި ފާހަގަކުރެއްވިއެވެ.