ހުޅުމާލޭ ސަހަރާ ކައިރީ ޕާކުކޮށްފައި އޮތް ވޭނެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ބައެއް މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ވޭން އެ ތަނުގައި ޕާކުކޮށްފައި ހެނދުނުއްސުރެ އޮތް ނަމަވެސް އޭގެ ތެރޭގައި މީހަކު މަރުވެފައި އޮތްކަން އެނގުނީ މެންދުރު ފަހުންނެވެ.
މިކަމާ ގުޅިގެން މީޑިޔާތަކަށް މައުލޫމާތު ހިއްސާކޮށް ފުލުހުން ބުނެފައިވަނީ، މަރުވެފައި އޮއްވާ ފެނުނީ ބިދޭސީ ފިރިހެނެއް ކަމަށާ ހުޅުމާލޭ ހޮސްޕިޓަލަށް އެމީހާ ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ހާމަކޮށްފައިވާ ކަމަށެވެ.
މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. މި މައްސަަލައާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.
މިފަދަ ހާދިސާއެއް ހިގާފައިވާއިރު ދާދި ފަހުން މާލޭގެ ބަނޑޭރިކޮށީގެ އެޕާޓްމަންޓެއްގައި މަރުވެފައި އޮތް މީހަކު ވެސް ވަނީ ފެނިފައެވެ. އެ ތަނުން މަރުވެފައި އޮއްވާ ފެނުނީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެ މީހާގެ އޮޓޮޕްސީއެއް ހަދަން ފުލުހުން ވަނީ ނިންމައިފައެވެ.