ކ. ތިލަފުށިން ފުރައިގެން މ. އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ދޯނި ހޯދުމުގެ މަސައްކަތް ވައިގެ މަގުންވެސް ފަށައިފިއެވެ.
އެމްއެންޑީއެފުން މައުލޫމާޓު ދީފައިވާ ގޮތުގައި ކ. އަތޮޅު ތިލަފުށިން ފުރައިގެން މ. އަތޮޅު މެދުފުށި އައިލެންޑް ރިސޯޓަށް ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ދޯނި ހޯދުމަށް އެ މުއައްސަސާއިން ކުރަމުން ގެންދާ މަސައްކަތް ފުޅާކޮށް ވައިގެން މަގުން ވެސް މިހާރު ދޯނި ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
އެގޮތުން “AAA-37” ނަމަކަށް ކިޔާ މުދާ އުފުލާ އެ ދޯނި ހޯދުމަށް މިހާރު މޯލްޑީވިއަންގެ ފްލައިޓެއްވެސް ބޭނުންކުރަމުން ދާ ކަމަށް އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ.
އެމްއެންޑީއެފުން ބުނީ ތިން މީހުންނާއެކު، މޭ 17 ވަނަ ދުވަހުގެ ހެނދުނު 06:00 ހާއިރު ކ.ތިލަފުށިން ފުރި އެ ދޯނީގެ ޚަބަރެއް ނުވެގެން، އެކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ އެ ދުވަހުގެ 17:20 ހާއިރު ކަމަށެވެ.
އެ ދޯނި ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ ވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މި ދޯންޏާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ގުޅައި މަޢުލޫމާތު ހިއްސާކުރެއްވުމަށް ވަނީ އެދިލައްވާފައެވެ.