
މިވަގުތު ގެއްލިގެން ހޯދަމުންދާ ދޯނި، ހޯދުމަށްޓަކައި އެމްއެންޑީއެފްގެ އަސްކަރީ ޑްރޯންތައް ބޭނުން ނުކުރާތީ ރާއްޖޭގެ ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ފާޑުވިދާޅުވެއްޖެއެވެ.
ޑރ ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ ޓެކްސް ދައްކާ ފަރާތްތަކުން ފަންޑުކޮށްގެން އަގުބޮޑު ޑްރޯންއެއް ހޯދުމާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން ވަނީ އުފެދިފަ އެވެ.
އެގޮތުން މި ޑްރޯންތަކަކީ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް އެކަށީގެންވާ ގޮތެއްގައި ބޭނުންކުރެވިފައި ނުވާ ޑްރޯންތަކެއްކަމަށް ވެސް ޑރ ޖަމީލް ވަނީ ޕޯސްޓްގައި ވިދާޅުވެފައެވެ.
ރައީސް މުއިއްޒުގެ ތާރީހާއި އެމަނިކުފާނުގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ސީރިއަސް ތުހުމަތުތަކަށް ބަލާއިރު، އަމިއްލަ މާލީ މަންފާއެއް ހޯދުމަށް ޑްެރޯންތައް އަގުބޮޑުކޮށް ގަތުމުގެ މުއާމަލާތުގައި އެމަނިކުފާނު ބައިވެރިވެފާނެ ކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށް ވިދާޅުވެ ޑރ ޖަމީލް ވަނީ ރައީސް މުއިއްޒަށް ތުހުމަތުތަކެއް ކުރައްވާފައެވެ.
މިކަން ކަމުގެ ސަބަބުން ޤައުމީ މާލިއްޔަތުގެ ބޭނުން އިތުރަށް ނަހަމަ ގޮތުގައި ހިފުން ހުއްޓުވަންޖެހޭ ކަމަށް ވެސް ޑރ ޖަމީލްގެ ޕޯސްޓްގައި ވަނީ ގޮވާލާފައެވެ.
ހުކުރު ދުވަހު ހެނދުނު ތިން މީހުންނާއެކު ތިލަފުށިން ފުރައިގެން މ. އަތޮޅުގެ ރިސޯޓަކަށް ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ދޯނި އަދިވެސް ފެނިފައިނުވާއިރު އެ ދޯނި ހޯދުމަށް އެމްއެންޑީއެފްގެ އަސްކަރީ ޑްރޯންތައް ބޭނުން ނުކުރާ ސަބަބު އެމްއެންޑީއެފް އަށް ބުނެދެވިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.










