ވާރުތަވަމުން ދާ ދަރަންޏާއެކު، ރާއްޖޭގެ ޖުމްލަ ދަރަނި މިދިޔަ ކްއާޓަރުގެ ނިޔަލަށް 126 ބިލިއަން ރުފިޔާ ފަހަނައަޅައި ހިނގައްޖެއެވެ.
ފިނޭންސުގެ ދަރަނި ގްރާފުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ތިން މަސް ނިމުނުއިރު ރާއްޖޭގެ ދަރަނި ވަނީ 126,1 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހު ރާއްޖޭގެ ދަރަނި ހުރި އަދަދަށް ވުރެ 15 ބިލިއަން ރުފިޔާ އިތުރު ވުމެކެވެ.
މި އަހަރުގެ ފުރަތަމަ ތިން މަހުގެ ދަރަނި ގްރާފުގެ ތަފާސް ހިސާބަށް ބަލާއިރު،
ޖުމްލަ ދަރަނި - 126,1 ބިލިއަން (ޖީޑީޕީ ޕަސެންޓުން 110.1)
ބޭރުގެ ދަރަނި - 51.6 ބިލިއަން (ޖީޑީޕީ ޕަސެންޓުން 45)
އެތެރޭގެ ދަރަނި - 74.5 ބިލިއަން (ޖީޑީޕީ ޕަސެންޓުން 65) ގައެވެ.
އެހެންކަމުން ވާރުތަވަމުން ދާ ދަރަންޏާއެކު، ރާއްޖޭގެ ޖުމްލަ ދަރަނި މިދިޔަ ކްއާޓަރުގެ ނިޔަލަށް 126 ބިލިއަން ރުފިޔާ ފަހަނައަޅައި ދިޔަނަމަވެސް ޖީޑީޕީގެ ނިސްބަތުން ރާއްޖޭގެ ދަރަނި ދަށްވެފައެވެ.
މި މުއްދަތުގައި ރާއްޖޭގައި ސޮވްރިން ގެރެންޓީ ދީފައިވާ ދަރަނީގެ ގޮތުގައި 14 ބިލިއަން ރުފިޔާ އެބަހުއްޓެވެ. މީ ދަރަނީގެ ތެރޭގައި ހިމެނެނީ ބޭރުގެ ދަރަނީގެ ގޮތުގައި ހުރި 13 ބިލިއަން ރުފިޔާ އާއި އެތެރޭގެ ދަރަންޏަށް އޮތް 451.1 މިލިއަން ރުފިޔާއެވެ.
މިހާރު ދަރަނި މަތިވެފައި ހުރި މިންވަރުން ރާއްޖޭގެ ޖުމްލަ ދަރަނި ވަނީ ޖީޑީޕީގެ ނިސްބަތުން ބަލާނަމަ 110 ޕަސެންޓުގައެވެ. މިހާރު ޖީޑީޕީގެ ނިސްބަތުން ރާއްޖޭގެ ދަރަނި ހުރި މިންވަރަކީ މިދިޔަ އަހަރުގެ ފަހު ކްއާޓަރުގައި ހުރި 116.5 ޕަސެންޓާ އަޅާ ކިޔާ ނަމަ މިންގަނޑުން ދަށް އަދަދެކެވެ. އަދި ބޭރުގެ ދަރަނި މިހާރު ހުރީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 45 ޕަސެންޓުގައެވެ.
މި އަދަދަކީ މިދިޔަ އަަހަރު ހުރި 48 ޕަސެންޓާ އަޅާބަލާނަމަ ދަށް ވުމެކެވެ. އަދި އެތެރޭގެ ދަރަނި ވެސް ވަނީ 68 ޕަސެންޓުން 65 ޕަސެންޓަށް ދަށްވެފައެވެ.