މިހާރު ގައުމުން ފެންނަމުން ދަނީ އިންޑިއާއާ ގުޅުވާ، ކުރިން މިހާރުގެ ވެރިން ދެއްކި ވާހަކަތައް ވަރަށް ބޮޑަށް "ބެކް ޑްރެގް"ކޮށް އެ ވާހަކަތަކުން ސަލާމަތްވާން މަސައްކަތްކުރާ މަންޒަރު ކަމަށް ރާއްޖޭގެ ކުރިގެ ދާޚިލީ ވަޒީރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިފަދައިން ވިދާޅުވީ، ޗެނަލް13ގެ ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
އިންޑިއާ އަސްކަރިއްޔާ މި ގައުމުގައި ހާހުން އެބަ ތިބިކަމަށް އެންމެ ބާރަށް ވާހަކަ ދެއްކެވީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ އެމަނިކުފާނުގެ ސަރުކާރުގައި މިހާރު ތިއްބެވި އިސް ބައެއް ވެރިންނެވެ. އެގޮތުން އިންޑިއާ އާއެކު ގޮތް ނޭނގޭ އެއްބަސްވުންތަކެއް ހަދާ މިދިޔަ ސަރުކާރުން ގައުމުގެ މިނިވަންކަމާ އިސްތިގުލާލު ނުރައްކަލަށް ހުށަހަޅާފައިވާ ކަމަށް ބުނެ އެ އެގްރިމަންޓުތައް ދެއްކުމަށް އޭރު، މިހާރުގެ ވެރިން ގޮވަމުން ދިޔަވެސް މެއެވެ.
އޭރުގެ ސަރުކާރުން އެކަން ނުކުރުމުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް މުއިއްޒު ދިވެހި ރައްޔިތުންނަށްވީ އެންމެ މުހިއްމު އެއް ވައުދަކީ އިންޑިއާ އަސްކަރިއްޔާ ގައުމުން ބޭރުކޮށް ހެދިފައި ހުރި އެގްރިމަންޓުތައް ހާމަކޮށް ގައުމަށް ނުރައްކާވާ ގޮތަށް ހުރި އެގްރިމަންޓުތައް ބާތިލްކުރުމެވެ.
ނަމަވެސް މި ސަރުކާރަށް ހަ މަސް ފާއިތުވެގެން ދިޔަ އިރުވެސް އެއިން އެއްވެސް ކަމަކަށް އަމަލީ ސިފަ އައިސްފައިނުވާތީ އެކަމާ ގުޅިގެން ޗެނަލް13 އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އުމަރު ވިދާޅުވީ، އޭރު މި ބޭފުޅުން ދެއްކެވި ވާހަކަތަކާ އަމަލާ ދިމާ ނުވާ ކަމަށާ އެގޮތުން އިންޑިއާއާ ގުޅުވާ ދެއްކެވި ވާހަކަތައް މިހާރު ވަރަށް ބޮޑަށް ބަދަލުކޮށް އެ ވާހަކަތަކުން ނެއްޓެން ސަރުކާރުގެ ވެރިން މަސައްކަތްކުރަމުން ދާ ކަމަށެވެ.
ފެންނަމުން ދަނީ ކުރިން ދެއްކެވި ވާހަކަތައް ވަރަށް ބޮޑަށް ބެކް ޑްރެގްކޮށް އެކަމުން ނެއްޓެން މަސައްކަތްކުރާ މަންޒަރު. ވެރިކަމަށް ހަ މަސް ވެގެން ދިޔައިރު އެންމެ އެގްރިމަންޓެއްވެސް ނުދެއްކުނު. އެގްރިމަންޓޫތައް ހާމަކުރުމެއްވެސް ނޫން މީގަ މުހިއްމީ. މީގަ މުހިއްމީ ނުރައްކާވާ ގޮތަށް ހުރި އެގްރިމަންޓުތައް ބާތިލުކުރުން.
އުމަރު އިތުރަށް ވިދާޅުވީ، މިހާރުވެސް އައްޑޫ ސިޓީގައާ ލ. ކައްދޫގެ އިތުރުން ހދ. ހަނިމާދޫގައި އިންޑިއާގެ އަސްކަރީ އުޅަނދުތައް އެބަ ތިބި ކަމަށާ އެ އުޅަނދުތައް ދުއްވަން މިހާރުވެސް ތިބީ އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ މުވައްޒަފުން ކަމަށެވެ.
އެގޮތުން އިންޑިއާގެ އަސްކަރިއްޔާގެ ގަވާއިދު އޮންނަ ގޮތުން އަސްކަރީ އުޅނަދެއް ދުއްވޭނީ އަސްކަރި ތަމްރީނު ލިބި އަސްކަރީ ހުވާ ކޮށްގެން ތިބި ބަޔަކަށް ކަމަށާ އެހެންކަމުން އިންޑިއާ ސިފައިން ބާލައިފި ކަމަށް ގަބޫލުކުރާނެ ހަމައެއް ނެތް ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.