މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަހްމަދު ސަމާހު ރަޝީދު އެ މަގާމުން ވަކިކޮށްފިއެވެ.
މިފްކޯގެ ސީއީއޯގެ މަގާމުން ސަމާހު ވަކިކުރި ކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ އެކްސްގައި ކުރެއްވި ޕޯސްޓަކުން ކަށަވަރުކޮށްދީފައެވެ.
އެ ޕޯސްޓްގައި ބުނެފައިވަނީ މިފްކޯގެ ސީއީއޯ މަގާމުގައި ހުންނެވި ސަމާހު އެ މަގާމުންނާއި މިފްކޯގެ ބޯޑުގެ ޑިރެކްޓަރުކަމުން މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ.
ސަމާހު އެ މަގާމުން ވަކިކުރި ސަބަބެއް އެ ބޯޑުން އަދި ހާމަ ކޮށްފައިނުވެއެެވެ.
ސަމާހު މަގާމުން ވަކިކޮށްފައިވާކަން ޗެނަލް 13 އަށް ވަނީ ސަރުކާރުގެ އިސް އޮފިޝަލެއް ވެސް ކަށަވަރުކޮށްދީފައެވެ.
އެ ފަރާތުން ބުނި ގޮތުގައި ސަމާހް މަގާމުން ވަކިކޮށްފައިވާއިރު، އޭނާ ވަނީ ތައިލެންޑުގައި މިހާރު ކުރިއަށްދާ 18 ވަނަ އިންފޯފިޝް ވޯލްޑް ޓޫނާ ޓްރޭޑް ކޮންފަރެންސްގައި ބައިވެރިވުމަށްޓަކައި ތައިލެންޑް އަށް ގޮސްފައެވެ.
މިފްކޯ ގެ ސީއީއޯ މަޤާމުގައި ހުންނެވި އަލްފާޟިލް އަހުމަދު ސަމާހު ރަޝީދު އެމަޤާމުންނާއި މިފްކޯގެ ބޯޑުގެ ޑިރެކްޓަރު ކަމުން މިއަދުންފެށިގެން ވަކިކޮށްފީމެވެ.
— Privatization & Corporatization Board (@pcb_gov) May 21, 2024
މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހުން ފެށިގެން ޕީސީބީން ބަލަމުން އައި މައްސަލައަކާ ގުޅިގެން ސަމާހު ވަނީ ސަސްޕެންޑް ވެސް ކޮށްފައެވެ.
އަދި އޭގެ އެއް މަސް ދުވަސް ފަހުން ސަމާހްގެ ސަސްޕެންޝަން އުވާލުމާ ގުޅިގެން މިދިޔަ މަހުގެ 24 ވަނަ ދުވަހު އޭނާ ވަނީ މަސައްކަތަށް ވެސް ނިކުމެވަޑައިގަންފައެވެ.
ސަމާހްގެ މައްޗައް ބައިވަރު ތުހުމަތުތަކެއް އޭރުގައި ވެސް ވަނީ ކުރެވިފައެވެ. އެގޮތުން މުވައްޒަފުން ނެގުމުގައި އަމަލުކުރަމުން އައި ގޮތާއި ރަސްމީ ބޭނުންތަކުގައި ނޫން ގޮތަށް ސީއީއޯގެ އާއިލާ މީހުން އޮފީހަށް ގެނައުމާއި ކުންފުނީގެ މާލީ ހާލަތު ހުރި ގޮތް ނުބަލާ، ސީއީއޯ ރާއްޖެއިން ބޭރަށް ދިއުމާއި ދަތުރުކުރާއިރު ބިޒްނަސް ކްލާސް ބޭނުންކުރުމާއި މަސައްކަތާ ނުގުޅޭ މުވައްޒަފުން ދަތުރު ގެންދިއުން ފަދަ ތުހުމަތުތަކެވެ.
މި މައްސަލަތައް ބަލަމުން ގެންދިޔައީ ޕީސީބީއިންނެވެ.
ސަމާހް ސަސްޕެންޑް ކުރުމާއި ގުޅިގެން ޗެނަލް 13 އިން ޝާއިއު ކުރި ޚަބަރުގެ ސަބަބުން ސަމާހުގެ އަނބިކަބަލުން އަދި މި ސަރުކާރުގެ އެންމެ ނާގާބިލު ޑެޕިޔުޓީ މިނިސްޓާރ އަމާނީ ވަނީ އެ ޚަބަރު ޝާއިއު ކުރި ނޫސްވެރިޔާ އަށް އިންޒާރުގެ މެސެޖްތަކެއްް ވެސް ކޮށްފައެެވެ.