މާލެ ސިޓީ ކައުންސިލްގެ އިހްތިސޯސުގެ ތެރެއަށް ސަރުކާރުން ވަންނަނީ ކަމަށް ވިދާޅުވެ އިިިިިންތިހާބީ މޭޔަރު އާދަމް އާޒިމްގެ ނުރުހުން އަމާޒުކުރައްވައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން ހިންގަމުންދާ ބޮޑެތި މަޝްރޫއުތަކެއް ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓްރީއާ ހަވާލުކުރަން އެ ކައުންސިލުން ވަނީ ފާސްކޮށްފައެވެ.
ކައުންސިލްގެ ބުދަ ދުވަހުގެ ބައްދަލުވުމުގައި، އެ މަޝްރޫއުތަކާ ހަވާލުވެގެން ހުންނެވި އެ ކައުންސިލްގެ ކުރީގެ މުވައްޒަފު އަދި މިހާރު ރައީސް އޮފީހުގެ ކޯޕަރޭޓް ޑިވެލޮޕްމަންޓް މިނިސްޓަރު މުހައްމަދު ޝާހިދު ބައިވެރިވެވަޑައިގެންނެވިއެވެ.
ކައުންސިލުން ހިންގާ 100 މިލިއަން ރުފިޔާއަށްވުރެ ބޮޑެތި މަޝްރޫއުތައް މިނިސްޓްރީއާ ހަވާލުކުރުމަށް ހުށަހެޅުއްވީ ޝާހިދެވެ. އެލަފަޔާ އެއްގޮތަށް ބައްދަލުވުމަށް އެކަން ހުށަހެޅުއްވީ ކައުންސިލްގެ ވަގުތީ މޭޔަރު އަހުމަދު ނަރީޝްއެވެ.
ޝާހިދު އެގޮތަށް ހުށަހެޅުއްވީ ކައުންސިލުން ހިންގާ މަޝްރޫއުތައް އަވަސް ކުރުމަށްޓަކައެވެ. އޭނާ ހުށަހެޅުއްވީ މަޝްރޫއުތައް ހަވާލުކޮށްފައި ހުރި ކުންފުނިތަކަށް ހަ މަސް ދުވަސް ތެރޭގައި މަސައްކަތް ނުކުރެވޭ ނަމަ، އަނބުރާ އެ މަޝްރޫއުތައް ކައުންސިލަށް ބަދަލުކުރާ ގޮތަށެވެ. ކައުންސިލުން ނިންމާފައި ވަނީ އެހުށަހެޅުމާ އެއްގޮތަށް ކުރިއަށް ދިއުމަށެވެ.
މީގެ އިތުރުން މަޝްރޫއުތައް އަވަސް ކުރުމަށްޓަކައި، އެ މަޝްރޫއުތައް ހިންގާ އިންވެސްޓަރުންނާއި މަސައްކަތް ކުރާ ކޮންޓްރަކްޓަރުންނަށް ކަންކަން މަގުފަހިކޮށްދިނުމަށް އެސްޓީއޯ އަދި އެލައިޑާ ގުޅިގެން މަސައްކަތް ކުރަން ވެސް ކައުންސިލް ބައްދަލުވުމުގައި ނިންމާފައިވެއެވެ.
ބަދަލު ކުރަން ނިންމީ މަސްމާރުކޭޓާއި ލޯކަލް މާރުކޭޓް އަދި ޕާކިން ބިލްޑިންތަކުގެ މަަޝްރޫއުއެވެ.
މިކަން ކަމަށް އިޝާރާތްކުރައްވާ އާޒިމް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، މާލެ ސިޓީގެ ކަންކަން ކުރިއަށްގެންދާންވީ ގޮތް ރައްޔިތުން ސާފުކޮށް ބުނެފައި ވަނިކޮށް، ޤާނޫނުއަސާސީގެ 8 ވަނަ ބާބާއި ލާމަރުކަޒީ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތާއި ޚިލާފަށް، ރައީސްއޮފީހުގެ ވަޒީރު ބޭފުޅުން ވަންނަވައިގެން ސިޓީ ކައުންސިލުގެ މަސައްކަތްތައް އަތުލައްވަން ކުރައްވާ މަސައްކަތްތައް ހުއްޓާލެއްވުމަށް ސަރުކާރަށް ގޮވާލާކަމަށެވެ. އަދި މާލޭ ރައްޔިތުން އިންތހާބުކޮށްފައިވާ މޭޔަރ މަގާމާ ހަވާލުވަންދެން، ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް ވެސް އާޒިމްވަނީ ގޮވާލައްވާފައެވެ.
އާޒިމްގެ މި ވާހަކަތަކާ ގުޅިގެން ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްވަނީ ރައްދު ދެއްވާފައެވެ.
އެގޮތުން ނަރީޝް ވެސް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ސަރުކާރުން ކައުންސިލަށް ނުފޫޒެއް ނުފޯރުވާކަމަށާ ކައުންސިލުން ނިންމީ ކައުންސިލް ފްލޯރއަށް ހުށެއަޅައި މަޝްވަރާކުރެވުނު މައްސަލައެއް ކައުންސިލްގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަގުލަބިޔަތުން އެގޮތަށް ބޭނުންވުމުން ކަމަށެވެ.
މީގެ އިތުރުން ސަރުކާރުގެ އެއްވެސް ވަޒީރެއް ވެސް އަދި ރައީސް އޮފީހަކުން ވެސް ކައުންސިލްގެ މަސައްކަތަށް އަތްބާނަން އަދި ކައުންސިލްގެ މަސައްކަތްތަކެއް އަތުލަން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށް ނަރީޝް ވަނީ ވިދާޅުވެފައެވެ.
ނަރީޝް މިހެން ވިދާޅުވެފައިވީ ނަމަވެސް ސިޓީ ކައުންސިލުން ހިންގަމުން ދިޔަ ބޮޑެތި މަޝްރޫއުތަކެއް ސަރުކާރަށް ދިނުމަށް ނިންމާ ފާސްކޮށްފައި މިވަނީ، އިންތިހާބީ މޭޔަރު އާދަމް އާޒިމް ހުވާކުރެއްވުމަށް ފަސް ދުވަހަށް ވެފައި އޮއްވައެވެ. އާޒިމަކީ އިދިކޮޅު އެމްޑީޕީގެ ބޭފުޅެކެވެ.