މޫސުން ގޯސްކޮށް އުޅެމުންދާއިރު ހަގީގަތުގައި މޫސުމުގެ އަސަރުކޮށްފައި މިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަށެވެ. މިކަން ވާނީ މިހެންކަން އޭރުވެސް ގިނަ ފަރާތްތަކަށް ވަނީ އެނގިފައެވެ. ސަރުކާރުގެ ފުރަތަމަ ޓާމް ނިމުނު އިރު، ސަރުކާރަށް މި ލިބުނީ "ޔޫ" ރިޕޯޓެއްް ކަމީ ސަރުކާރުން މިކަމާ ލަދުގަންނަން ޖެހޭނެ ވަރުގެ ކަމެކެވެ.
ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ޕްރޮމޯޓް ކުރާ ކުންފުނި އެ ފުށް މި ފުށަށް ޖެހިގެން މިދިޔައީ ސަރުކާރުގެ އިހުމާލުންނެވެ.
ރައީސް މުއިއްޒުގެ އިހުމާލުންނެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޯޑުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ތަމްސީލްކުރައްވާ މެމްބަރު ރާފިލް މުހައްމަދު ވެސް މި ވަނީ އިސްތިއުފާދެއްވާފައެވެ.
ޗެނަލް 13 އަށް މައުލޫމާތު ލިބުނުގޮތުގައި ރާފިލް އެމްއެމްޕީއާރްސީގެ ބޯޑުން އިސްތިއުފާދެއްވާފައި ވަނީ އޭޕްރީލް މަހުގެ ތެރޭގައި އެވެ.
ރާފިލް އިސްތިއުފާ ދެއްވި ސަބަބު ހާމަވެފައިނުވާއިރު މަސްދަރުތަކުން އެނގޭ ގޮތުގައި ރާފިލް އަށް ވެސް ވަނީ އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމްގައި ހުންނެވި ފާތިމަތު ތައުފީގް (ކުޑީ) ގެ އުނދަގޫތަކާއި އެކިފަހަރުގެ މަތިން ކުރިމަތިލާންޖެހިފައެވެ.
10 އަހަރުގެ މެނޭޖުމަންޓު ތަޖުރިބާ ހުރި ޗާޓާޑް އެކައުންޓަންޓެއް ކަމަށްވާ އައިޝާ ނޫރައިން ޖަނާހަކީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޗެއާރ ޕާސަން ކަމުގެ މަގާމް އިސްތިއުފާ ދެއްވުމާއި ހަމަޔަށް ފުރަމުން ގެންދެވި ހީވާގި ޒުވާން ގާބިލް ކަނބަލެކެވެ.
ނޫރައިން އަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ޕްރިންސިޕަލް އެޑްވައިޒާ އޮން ޓްރޭޑް އެންޑް އިންވެސްޓްްމަންޓު މުހައްމަދު އަލީ ޖަނާހުގެ ދަރިކަނބަލުން ވެސް މެއެެވެ.
ޗެއާޕާސަންކަމުން 146 ދުވަހަށް ފަހު ނޫރައިން އިސްތިއުފާ ދެއްވުން ވެގެންދިޔައީ ގިނަ ބަޔަކަށް ހައިރާން ކަމަކަށެވެ. ނޫރައިން އޭނާ އިސްތިއުފާ ދެއްވި ސަބަބު ހާމަކޮށްފައިނުވީ ނަމަވެސް ޗެނަލް 13 އަށް ނޫރައިންގެ އިސްތިއުފާގެ ފަހަތުގައިވާ ބޮޑު ސިއްރު މިވަނީ އެނގިފައެވެ.
އެގޮތުން ނޫރައިން އިސްތިއުފާ ދެއްވީ އެ ކުންފުނީގެ ހިންގުން ބޮއްސުންލައި ބޯޑުގެ ޒިންމާތައް ޕްރޮފެޝަނަލިޒަމް އާއި ކޯޕަރޭޓް ގަވާނަންސް ޕްރިންސިޕަލްސް އާ އެއްގޮތަށް ނަޒާހަތްތެރިކަމާއެކު އަދާކުރަން ހުރަސްތައް ކުރިމަތިވުމުންނެވެ. މިކަން ކުރައްވަމުން ގެންދެވީ ކާކުބާއޭ ތިޔަ ކިޔުންތެރިންގެ ހިތައް އަރާނެއެވެ. އާދެ، ކުންފުނީގެ އެމްޑީކަމުގައި ހުންނެވި ފާތިމަތު ތައުފީގް (ކުޑީ)އެވެ. މިކަން ކުޑީ ކުރީ އަދުރޭގެ ދަރިކަލުން ކަމަށްވާ ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ވަޒީރު އިބްރާހިމް ފައިސަލާ ގުޅިގެން ކަމަށް ވެސް އަޑުތައް ވަނީ ފެތުރިފައެވެ.
ނޫރައިން އިސްތިއުފާގެ ސިޓީއާއެކު ޗެއާޕާސަންގެ ދައުރުގައި ފާހަގަކުރެވުނު ކޯޕަރޭޓް ގަވަނެންސާ ހިލާފު ކަންކަމާއި ގުޅޭ ރިޕޯޓެއް އިނގިރޭސި ބަހުން ވަނީ ހުށަހަޅާފައެވެ.
ނޫރައިން އެ މަގާމުން އިސްތިއުފާ ދީފައިވާ ވާއިރު ދުބާއީގައި މި މަހު ކުރީކޮޅު އޮތް އަރަބިއަން ޓްރެވެލް މާކެޓް (އޭޓީއެމް) ފެއާގައި އިނގިރޭސީ ބަހުން ދެއްވި އިންޓަވިއުއަކާ ގުޅިގެން އާންމުންގެ މެދުގައި ނޫރައިން ވަނީ މަގުބޫލުކަން ހޯދާފައެވެ.
ކުންފިނިން ދެ މުވައްޒަފަކު އިސްތިއުފާ ދޭން މަޖުބޫރު ކުރުވީ ފާތިމަތު ތައުފީގް (ކުޑީ) ކަމީ އެއްްވެސް ޝައްކެއް އޭގައި އޮތްކަމެއްް ނޫނޭވެ. ޗެއާރ ޕާސަން ކަމުގައި ހުންނެވި ނޫރައިން އަދި ޓޫރިޒަމް ވެރިންގެ ޖަމިއްޔާ މަޓީ ތަމްސީލް ކުރައްވާ މެމްބަރު ރާފިލްގެ ވެސް އިސްތިއުފާގެ ސިޓީގައި ބަޔާންކޮށްފައިވާ ކަންކަމުގެ ސަބަބުން ކުޑީ ގެ މައްޗައް ކުރެވެނީ ވައްކަމާއި ހިޔާނާތާއި ނުކިއްސަރާއި ނާޖާއިޒު ކަންކަން ކުރުމުގެ ތުހުމަތެވެ.
އެގޮތުން ކުޑީ އަށް ކުރެވޭ ތުހުމަތުތަކަށް އަލިއަޅުވާލާއިރު :
ސީއެފްއޯއަށް ނޭނގި ބައެއް ހަރަދުތައް ކުރުން
ބިޑް ނުކޮށް ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުން ގިނަ ކަންކަން ކުރުން
ބަޖެޓުން ފާސްކުރި ގޮތާ ހިލާފަށް މެނޭޖިން ޑިރެކްޓަރު ހަރަދު ކުރުން
ދަތުރު ކުރުމުގައި ބެލުމެއް ނެތުން
އިވެންޓު ބާއްވަން އޮންނަ ފަހު ވަގުތު ބޮޑު އަގުގައި ހަރަދުތައް ކުރުން
ބޯޑުން ދޭ ލަފާތަކާ ހިލާފަށް އަމަލު ކުރުން
ކުޑީގެ މައްޗައް މި ތުހުމަތުތައް ކުރެވޭއިރު އެ ދެބޭފުޅުން ވެސް ސީދާ ކުޑީގެ ނަން ފާހަގަކޮށްފައިނުވެއެވެ. ނަމަވެސް ރާފިލްގެ އިސްތިއުފާ އަދި ނޫރައިންގެ އިސްތިއުފާ އާއެކު ކުޑީ އެމްޑީކަމުން ވަކި ކުރާނީ އެއްވެސް ސަބަބެއް ނެތި ނޫންކަން ސާފެވެ.
ކުޑީގެ އެމްޑީކަމުގެ ދަށުން ކުންފުނީގެ ޑީއެމްޑީ ބައްސާމް އާދަމް އެ ކުންފުނީގެ އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ މައްސަލައެއް ވެސް ވަނީ ބަލަންފަށާފައެވެ. މައްސަލަ ބެލުމުގައި ކުޑީ ވަނީ ހާއްސަ ކޮމިޓީއެއް ވެސް ކުންފުނި ތެރޭގައި އެކުލަވާލާފައެވެ. ފަހުން އެ މައްސަލަ އަށް ވެގެންދިޔައީ ކިހިނެއް ކަމެއް ވެސް ނޭނގެއެވެ.
ޗެނަލް 13 އަށް މައުލޫމާތު ލިބުންގޮތުގައި ކުޑީ ވަނީ އެ އަންހެން މުވައްޒަފުންނަށް އިންސާފު ހޯދައިދިނުމުގެ ބަދަލުގައި ބައްސާމަށް ހިމަޔާތްދީފައެވެ. އަދި މައްސަލަ އޮއްބާލަން ކުޑީ ވަރަށް މަސައްކަތް ކޮށްފައިވާކަން ވެސް ވަނީ ހާމަވެފައެވެ.
"އައި އޭމް ވެރީ އިމްޕޯޓަންޓް" ކަމަށް ކުޑީ ވިދާޅުވި ނަމަވެސް ކުޑީ އަކީ ރައީސް މުއިއްޒަށް އެހާ މުހިންމު ބޭފުޅެއް ނޫންކަން މިއަދު އޭނާ މަގާމުން ވަކި ކުރުމުން މިވަނީ ސާބިތުވެފައެވެ.
ފަތުރުވެރިން ރާއްޖެ ގެނައުމަށް އިޝްތިހާރު ކުރުމުގެ ޒިންމާ މަތިކޮށްފައި އޮތީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއެވެ.
"ވިޒިޓް މޯލްޑިވްސް" ގެ ބެލެނިވެރިޔަކީ ވެސް އެ ކުންފުންޏެވެ.
އެހެންކަމުން ފަތުރުވެރިކަން ސަލާމަތްކުރުމައްޓަކައި ސަރުކާރުން ދެން ކުރާނީ ކޮން ކަމެއް ބާއޭ މިއީ މިއަދު ހުރިހާ ފަރާތްތަކުން ވެސް އުފައްދަމުންދާ ސުވާލެވެ.