މަގުމަތީގައި ހެދިފައި އޮތް ފެންގަޑަކަށް ކުޅެން އެރުނު ކުދި ބަޔަކު ކަރަންޓުގައި ޖެހި ހާލު ސީިރިއަސްވެއްޖެކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ، ރ. އަތޮޅު އުނގޫފާރުގައެވެ. އެ ހާދިސާ ހިނގަން މެދުވެރި ސަބަބެއްކަމަށް ވަނީ މަގު ބައްތިއަކުން ފެންގަނޑަށް ކަރަންޓު ދޫވެފައި ހުރުމުންނެވެ.
މިކަމާ ގުޅިގެން ތޭރަ އޮންލައިނަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ، މަގުމަތީގައި ހުރި މަގު ބައްތިއަކުން މަގުގައި އޮތް ފެންގަނޑަކަށް ކަރަންޓު ދޫވެފައި ހުއްޓާ ކަރަންޓުގައި ޖެހި ހާލު ސިރިއަސްވެ ހޮސްޕިޓަލަށް ގެންދިޔަކަމަށް މައުލޫމާތު ލިބުނީ މެންދުރުގެ ވަގުތެއްގައި ކަމަށާ އެހާ ހިސާބުން ބެލި ބެލުމުން އެނގިގެން ދިޔައީ ފެން ގަނޑަށް ކުޅެން އެރުނު އެއް ކުއްޖަކު ކަރަންޓުގައި ޖެހުމުން އޭނާ ސަލާމަތްކުރަން ދެން ތިބި ދެ ކުދިން މަސައްކަތް ކުރުމުން އެކުދިންވެސް ކަރަންޓުގައި ޖެހުނީ ކަމަށް ކަމެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކަރަންޓުގައި ޖެހުނު ތިން ކުދިންގެ ހާލު ވެސް ސީރިއަސްއެވެ.
އުނގޫފާރު ހޮސްޕިޓަލުގެ މެނޭޖަރު ހުސެއިން އާސިފް ތޭރަ އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ދެ ކުއްޖަކަށް ފަރުވާ ދެނީ އިމަރޖެންސީގައި ކަމަށާ އަނެއް ކުއްޖާއަށް ފަރުވެދެމުން ދަނީ އައިސީޔޫގައި ކަމަށެވެ. އައިސީޔޫގައި ފަރުވާ ދެމުން ދާ ކުއްޖާގެ ހާލަތު އަދިވެސް ވަރަށް ނާޒުކު ކަމަށާ އިމަރޖެންސީގައި ފަރުވާ ދެމުންދާ ކުދިންގެ ހާލު މިހާރު ކޮންމެ ވެސް ވަރަކަށް ރަގަޅު ވަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ އޭގެ ތެރެއިން ދެ ކުދިންނަކީ 18 އަހަރުން ދަށުގެ ކުދިންނެވެ. އަނެއް ކުއްޖާ އަކީ 18 އަހަރު ފުރިފައިވާ މީހެކެވެ.
ކަރަންޓު ޖެހިގެން ތިން ކުދިންވެސް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މެންދުރު ފަހު 1:40 ގައެވެ.
ކަރަންޓު ފެންގަނޑަށް ދޫވެފައި ހުރި ހުރުމާ ގުޅިގެން ފެނަކައިގެ އުނގޫފާރު ބްރާންޗުގެ މެނޭޖަރު ސައީދުއާ ސުވާލުކުރުމުން ވިދާޅުވީ މިހާރު އެ ކަމުގެ އިސްޕެކްޝަނެއް ކުރިއަށް ގެންދަމުން ދާ ކަމަށާ އެކަން ނިމުނުހާ އަވަހަކަށް މައުލޫމާތު ހިއްސާ ކުރާނެ ކަމަށެވެ.
މިއީ ފަހުގެ ތާރީޚެއްގައި މިފަަދަ ހާދިސާއެއް ރާއްޖޭގައި ހިނގި ފުރަތަމަ ފަހަރެވެ.