އެމްއެމްޕީއާރުސީ ޑީއެމްޑީ ބައްސާމް / ސޯޝަލް މީޑިއާ
ސިޔާސީ
ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ ބައްސާމަށް، އެމްއެމްޕީއާރްސީގެ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފި
Aishath Naja
އައިޝަތު ނަޖާ
23 މޭ 2024
މާލެ ސިޓީ

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، (އެމްއެމްޕީއާރުސީ) ވަގުތީ ގޮތުން ހިންގުމަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވިފައިވާ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ބައްސާމް އާދަމާ ހަވާލުކޮށްފިއެވެ.

މިކަން ޕްރައިވައިޓަޒޭޝަން ބޯޑުން ވަނީ އެކްސްގައި ކުރެއްވި ޕޯސްޓަކުން ކަށަވަރުކޮށްދީފައެވެ.

އެގޮތުން އެ ޕޯސްޓްގައި ބުނެފައިވަނީ މިއަދުން ފެށިގެން ކުންފުނީގެ ހިންގުން ވަގުތީ ގޮތުން ބަލަމުން ގެންދާނީ ބައްސާމްގެ ދަށުން ކަމަށެވެ.

ބައްސާމް އާ ވަގުތީ ގޮތުން ކުންފުނީގެ ހިންގުން ހަވާލުކޮށްފައިވަނީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމްގައި ހުންނެވި ފާތިމަތު ތައުފީގް (ކުޑީ) އެ މަގާމުން ކުއްލިގޮތަކަށް ވަކި ކުރުމާއި ގުޅިގެންނެވެ.

ކުޑީ އެ މަގާމުން ވަކިކޮށްފައިވަނީ ކުޑީގެ މައްޗައް ހިޔާނަތާއި ކޮރަޕްޝަންގެ ތުހުމަތު ތަކެއް ކުރެވިގެން ކަމަށް ތޭރަ އޮންލައިން އަށް ވަނީ ކަށަވަރުވެފައެވެ.

ބައްސާމް އާ ކުންފުނި ވަގުތީ ގޮތުން ހިންގުމަށް ހަވާލުކުރުމާއެކު އެ ކުންފުނީގެ އަންހެން މުވައްޒަފުން ވަނީ ބިރުވެރިކަމެއްގެ ތެރެޔަށް ވެއްޓިފައެވެ.

ބައްސާމް އެމްއެމްޕީއާރުސީގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ތުހުމަތުތަކެއް ވަނީ މީގެ ކުރިން ފެތުރިފައެވެ.

އެހެންކަމުން އެ ކުންފުނީގެ މުވައްޒަފަކާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ތުހުމަތު ކުރި ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލައެއް ބަލަމުންދާ ކަމަށް އެ ދުވަސްވަރު އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.

މައްސަލާގައި ކުންފުނީގެ މެނޭޖްމަންޓުން ފުރިހަމަ ތަހުގީގެއް ހިންގާފައި ނުވާތީ އެ ކުންފުނީގެ މުވައްޒަފުންގެ މަސައްކަތު މާހައުލުގެ ރައްކާތެރިކަމަށް އަސަރުކޮށްފައިވާ ކަމަށް އެ ކުންފުނީގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާދެއްވި ނޫރައިން އޭނާގެ އިސްތިއުފާގެ ސިޓީގައި ބަޔާންވެސް ކޮށްފައިވެއެވެ.

މިއަދާ ހަމައަށް ވެސް ޖިންސީ ފުރައްސާރައިގެ ތަހުގީގުގެ މަރުހަލާތަކާއި ތަހުގީގު ރިޕޯޓު ބޯޑް އޮފް ޑިރެކްޓަރުންނާ ހިއްސާކުރަން މެނޭޖުމަންޓުން ވަނީ ދެކޮޅު ހަދާފަކަމަށް ވެސް ނޫރައިން ވަނީ އެ ސިޓީގައި ވިދާޅުވެފައެެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved