އެމްޑީއެން ހުސައިން ޝަމީމް ދައުރު ނިމެންދެން ޕީޖީގެ މަގާމުގައި ބަހައްޓަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އަދި އަދުރޭ ނިންމައިފިއެވެ.
ތޭރަ އޮންލައިން އަށް މިކަން ވަނީ ނަން ނުޖެހުމަށް ޝަރުތުކޮށް ޕީއެންސީގެ ލީޑަޝިޕްގެ ފަރާތެއް ކަށަވަރުކޮށްދީފައެވެ.
ތޭރަ އޮންލައިން އަށް މައުލޫމާތު ލިބުނު ގޮތުގައި ރައީސް މުއިއްޒު އަދި އަދުރޭ، އެމްޑީއެން ޝަމީމް ޕީޖީގެ މަގާމުގައި ދައުރު ނިމެންދެން ބަހައްޓަން ނިންމެވީ، އެ ދެ ބޭފުޅުންގެ އެދުމުގެ ދަށުން ދައުލަތުން ރައީސް އަބްދުﷲ ޔާމީން އަަބްދުލްގައްޔޫމްގެ މައްޗައް އުފުލާފައިވާ ރިޝްވަތުގެ މައްސަލައިގެ އިސްތިއުނާފް ލަސްކުރުމުންނެވެ.
ނިމިދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބްގެ ކެމްޕެއިންގައި ޕޯޑިއަމަކަށް އަރައިވަޑައިގެން ރައީސް މުއިއްޒު ވަނީ އެމްޑީއެންގެ އެއްވެސް މީހެއް ދައުލަތުގެ އެއްވެސް ހިސާބެއްގައި ބަހައްޓަވަން ބޭނުން ނުވާކަމަށް ވިދާޅުވެފައެވެ.
އަދި އޭގެއިތުރުން ވެރިކަމަށް އައުމަށްޓަކައި ރައީސް މުއިއްޒު އަދި އަދުރޭ ވެސް އެންމެ ބޮޑަށް ދެއްކެވި ވާހަކަ އަކީ އެމްޑީއެން ރިޕޯޓްގެ ފަހަތުގައިވާ ފަރާތްތަކަށް އެކަށީގެންވާ އަދަބު ދޭނެ ވާހަކައެެވެ. އަދި ރައީސް ޔާމީންގެ މައްސަލަ ލަސްކުރަނީ ޕީޖީގައި އިންނަވާ އެމްޑީއެން ޝަމީމް ކަމަށް ވެސް އޭރު އެ ފަރާތްތަކުން ވަނީ އެތައް ފަހަރެއްގެ މަތިން ވިދާޅުވެފައެވެ.
ނަމަވެސް މިއަދު އެމްޑީއެން ޝަމީމް، ޕީޖީގެ މަގާމްގައި ދައުރު ނިމެންދެން ބަހައްޓަން ރައީސް މުއިއްޒު އަދި އަދުރޭ ނިންމުމުން ދޭހަވެގެންދަނީ އޭރު ދެއްކެވި ވާހަކަތަކަކީ ރައްޔިތުންނަށް އޮޅުވާލަން ދެއްކެވި ވާހަކަތަކެއްކަމެވެ.
ޝަމީމް މަގާމުގައި ބަހައްޓަވަން ނިންމެމާއެކު ޕީއެންސީ ޕީޖީ ގްރޫޕްތެރެ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.