މިރޭ ބާއްވާ 20 ވަނަ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާގައި ޕީޖީގެ މަގާމުގައި ހުރި އެމްޑީއެން ހުސެއިން ޝަމީމު މަގާމުން ވަކިކުރުމަށް އެޖެންޑާކޮށްފިއެވެ.
މިއަދުގެ ބޭއްވި މި ދައުރުގެ 32 ވަނަ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ މި ދައުރުގެ ފަހު ޖަލްސާ އޮންނާނީ މިރޭ 9:00 ގައި ކަމަށެވެ.
އެގޮތުން މިރޭ ބައްވަން ނިންމާފައިވާ އެޖަލްސާއަށް އެޖެންޑާކޮށްފައި އޮތީ ޝަމީމު ވަކިކުރުމުގެ މައްސަލާގައި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެކުލަވާލި ރިޕޯޓާމެދު ބަހުސްކޮށް ވޯޓަށް އެހުން އެކަންޏެވެ. މި މައްސަލާގަ ބަހުސްގެ ދިގުމިނަކީ ގިނަވެގެން ދެ ގަޑިއިރު ކަމަށް މަޖިލީހުގެ އާންމު ކޮމިޓީން ވަނީ މިއަދު މެންދުރުފަހު ފާސްކޮށްފައެވެ.
ޕީޖީގެ މަގާމުން ޝަމީމު ވަކިކުރަން މަޖިލީހަށް ހުށަހެޅީ ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު، މުހައްމަދު ޝާހިދެވެ. އެ މައްސަލަ ބެލި ޖުޑީޝަރީ ކޮމިޓީން މިއަދު ފާސްކުރީ ޝަމީމު މަގާމުން ވަކިކުރުމަށެވެ.
އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޝަމީމަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ވެސް ދިނެވެ. އެ ބައްދަލުވުން ލައިވްކުރަން ޝަމީމު އެދުނު ނަމަވެސް ކޮމިޓީން ނިންމީ ބައްދަލުވުން ސިއްރުކުރާށެވެ.
ކޮމިޓީއަށް ފަހު ޝަމީމު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވަނީ މަގާމުން ވަކިކުރުމުގެ ކުރިން އިސްތިއުފާ ދޭނެ ކަމުގެ އިޝާރާތެއް ކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރު ނިމޭނެ ކަމަށް ކުރިން އޮތީ އޯގަސްޓު 15 ގައެވެ.
އެހެންނަމަވެސް މަޖިލީހުގައި މިވަގުތު ނިންމުމަށް މުހިންމު މަސައްކަތްތަކެއް ހުރެގެން ދައުރު މި މަހުގެ 26، އާ ހަމައަށް ދިގުދަންމާލަން މަޖިލީހުން ފާސްކުރީ އޯގަސްޓު 13 ގައިކަން ފާހަގަކޮށްލެވެއެވެ.
މި މަޖިލީހުގެ ފުރަތަމަ ދައުރުގައި ސަރުކާރުގެ ފަރާތުން ޖުމްލަ 37 ބިލެއް ހުށަހަަޅަން ބަންޑާރަނައިބުގެ އޮފީހުން ނިންމި ނަމަވެސް މަޖިލީހަށް ހުށަހެޅީ 23 ބިލެވެ.