20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެެރއިން 48 ކެންޑިޑޭޓަކު ސުންގަޑި ހަމަވިއިރުވެސް މާލީ ބަޔާން ހުށަނާޅާކަމަށް އިލެކްޝަން ކޮމިޝަންއިން ހާމަކޮށްފިއެވެ.
އިންތިހާބާއި ގުޅިގެން މާލީ ބަޔާން ހުށަހަޅަން ޖެހޭ މުއްދަތު ބުރާސްފަަތި ދުވަހުގެ ނިޔަލަށް ހަމަވިއިރު އީސީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މަޖިލިސް އިންތިޚާބުގައި ވާދަކުރި 368 ކެންޑިޑޭޓުންގެ ތެރެއިން 48 ކެންޑިޑޭޓަކު ފިޔަވައި އެހެން ކެންޑިޑޭޓުން ވަނީ މާލީ ބަޔާން ހުށަހަޅާފައެވެ.
އިންތިހާބުތަކާ ބެހޭ ގާނޫނުގައިވާ ގޮތުން މަޖިލީހަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ މާލީ ބަޔާން، އެ ކެންޑިޑޭޓަކު ހޮވިވަޑައިގަތަސް، ނުވަތަ ހޮވިވަޑައި ނުގަތަސް މިއަދުގެ ކުރިން އީސީއަށް ހުށަހަޅަން ޖެހޭނެއެވެ.
އެހެންކަމުން 48 ކެންޑިޑޭޓުން ތިބިއިރު، އެ ކެންޑިޑޭޓުންނަށް ފިޔަވަޅު އެޅޭނެއެެވެ. މުއްދަތު ހަމަވިއިރު މާލީ ބަޔާން ހުށަަހެޅީ 320 ކެންޑިޑޭޓުންނެވެ.
ސުންގަޑި ހަމަވިފަހުންވެސް ބައެއް ކެނޑިޑޭޓުން މާލީ ބަޔާން ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ސުންގަޑި ހަމަވުމުގެ ފަހުން ކެނޑިޑޭޓުން މާލީ ބަޔާން ހުށަހެޅި ސަބަބު އަދި މުޅިން ސާފުވެފައި ނުވާކަމަށާއި، އެ ކެނޑިޑޭޓުންނާމެދު އަމަލުކުރާނެގޮތެއް ކޮމިޝަނުން ފަހުން އިއުލާން ކުރާނެކަމުގައެވެ.
މާލީ ބަޔާނުގައި ދޮގު މައުލޫމާތު ހިމެނުން ނުވަތަ މައުލޫމާތު ފުރިހަމަ ނުވެއްޖެނަމަ އެ ކެނޑިޑޭޓުން ޖޫރިމާނާ ކުރުމުގެ ބާރުވެސް އިލެކްޝަންސް ކޮމިޝަނަށް ލިބިފައި އޮވެއެވެ. އެގޮތުން ކުރެވޭ އެންމެ ބޮޑު ޖޫރިމާނާއަކީ 72،000 ރުފިޔާއެވެ.
މީގެ އިތުރުން މާލީ ބަޔާން ހުށަނާޅާނަމަ ނަމަ ނޫނީ މާލީ ބަޔާނުގައި ދޮގު މައުލޫމާތެއް ދީފިނަމަ ކެންޑިޑޭޓެއްގެ އަދަބަކީ، 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުމަކީ ވެސް މީގައި ހިމެނޭ އަދަބެކެވެ.
ބޭންކް ސްޓޭޓްމަންޓްގައި ހުރި ހުރިހާ މުާމަލާތަކާ ގުޅޭ ހުރިހާ ބިލެއް މާލީ ބަޔާނާއެކީ ހުށަހަޅަން ޖެހެއެވެ. ފައިސާގެ މުއަމަލާތްތައް ހުންނަންޖެހެނީ އެކައުންޓުގެ ތެރެއިން ކުރެވިފައެވެ. ކުރެވިފައިވާ ކޮންމެ މުއާމަލާތަކާ ގުޅިގެން ބިލެއް އޮންނަން ޖެހެއެވެ.