ހޯމް ލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓްރީގެ ނައިބު އަމާނީ މުހައްމަދު ސޯޝަލް މީޑިޔާގައި އާންމު ރައްޔިތުންނަށް ފުރައްސާކޮށް މަލާމާތްކުރަމުން ގެންދާ މައްސަލަ ފެންމަތިވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ގެންދަނީ ފޭސްބުކްގައި އެކި އެކި މީހުންނާ ޖަދަލުކޮށް އެމީހުން ކުރާ ޕޯސްޓުތަކަށް ބޭއަދަބީ ބަހުން ކޮމެންޓުވެސް ކުރަމުންނެވެ. އަދި އޭނާގެ ފިރިމީހާ މިފްކޯގެ ކުރީގެ ސީއީއޯ އަހުމަދު ޝަމާހު ރަޝީދު އެ މަގާމު ވަކި ކުރި ކަމަށް ޝާއިއުކޮށްފައި ހުންނަ ޚަބަރުތައް ޝެއާރ ކުރާ މީހުންނާ ޒާތީ ގޮތުން ވިއްދާލާ އެފަދަ މީހުންގެ ސިފައަށް މަލާމާތްކޮށް އެކި ފޮޓޯތައްވެސް އޭނާ ގެންދަނީ ހިއްސާކުރަމުންނެވެ.
މީގެ އިތުރުން އޭނާގެ ފިރިމީހާގެ މަގާމާ ގުޅިގެން ކަބަރު ލިޔެ ޝާއިރު ކުރި ނޫސްވެރިއެއްގެ ޒާތީ ދިރިއުޅުމާ ބެހި އެ ނޫސްވެރިޔާގެ 18 އަހަރު ނުފުރޭ ކުޑަ ދެ ކުދިންނާ ގުޅޭ ގޮތުންވެސް އަމާނީ ވަނީ ފޭސްބުކްގައި އެކި ފަހަރު މަތިން ޕޯސްޓުކޮށްފައެވެ. މިއީ ދައުލަތުގެ މިފަދަ މަގާމެއްގައި ހުންނަ ބޭފުޅެއްގެ ފަރާތުން ފެނިގެން ވާނެ ވަރަށް ވުރެ އަޚްލާގީ ގޮތުން ދަށު ދަރަޖައިގެ އަމަލެކެވެ.
ނަމަވެސް އަމާނީ މުހައްމަދާ މެދު މިއިން ކަމަކާ ގުޅިގެން ރައީސް މުހައްމަދު މުއިއްޒު ފިޔަވަޅެއް އަޅުއްވާފައިނުވެއެވެ. މީގެ ދެތިން ދުވަސް ކުރިން އަޚްލާގީ މައްސަލަތަކެއްގައި ދެ ޑެޕިއުޓީ މިނިސްޓަރަކު ސަސްޕެންޑްކުރި ނަމަވެސް އަމާނީގެ މި ދަށު ދަރަޖައިގެ އަމަލާ ގުޅިގެން ފިޔަވަޅު ނާޅާ ސަބަބާ މެދު ގިނަ ބަޔަކު ގެންދަނީ ސުވާލު އުފައްދަމުންނެވެ.
އަމާނީ ވަނީ އެކި ޕޯސްޓުތަކުގައި އާންމު ރައްޔިތުންނަށް ޗެލެންޖުކޮށް ކިތަންމެ ވަރެއް ވިޔަސް އޭނާ އާ އޭނާގެ ފިރިމީހާ ތިބޭނީ އަބަދުވެސް މި ސަރުކާރުގެ މަގާމުތަކުގައި ކަމަށް ވިދާޅުވެފައެވެ.
ގިނަ ބަޔަކު ބުުނާ ގޮތުގައި އަމާނީ އާ މެދު ފިޔަވަޅު އަޅަން ރައީސް މުއިއްޒުއަށް ކެރިވަޑައިނުގެން އުޅުއްވަނީ އަމާނީ ފިރިމީހާ އާ އެކު ރައީސް މުއިއްޒު ސިޓީ ކައުންސިލް ތެރޭގައި ހިންގާފައި ހުރި އެކި ކޮރަޕްޝަންތަކުގެ މައްސަތައް ފަޅާ އަރުވާލަފާނެތީ ކަމަށެވެ.
އަމާނީގެ މައްސަލަ ހޯމް ލޭންޑް ސެކިއުރިޓީގެ ސަމާލުކަމަށް އައިސް ފައިވޭތޯ މައުލޫމާތު ސާފުކުރަން އެ މިނިސްޓްރީގެ ސްޕޯކްސްޕާސަނަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ ވަނީ ލިބޭ ގޮތް ނުވެފައެވެ.
ރައީސް އޮފީހުގެ ސަމާލުކަމަށް މި މައްސަލަ އައިސްފައިވާ ވޭތޯ މައުލޫމާތު ސާފުކުރުމަށް ޗީފު ސްޕޯކްސް ޕާސަން ހީނާ ވަލީދަށް މެސެޖުކޮށްލުމުން އަދި ވަކި ޖަވާބެއް ދެއްވާފައިނުވެއެވެ.
ވަކި ބަޔަކަށް ފިޔަވަޅު އަޅާފައި ވަކި ބަޔަކަށް ފިޔަވަޅު ނާޅާތީ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެެވެ. އަމާނީ ފިރިމީހާއާ ރައީސް މުއިއްޒުއަކީ ވަރަށް ގާތް މީހުން ކަމަށް އަޑު ފެތުރިފައިވައިރު މި ސަރުކާރުގެ އެންމެ ބާރު ގަދަ ވަޒީރު އަދި ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމު އާ އަމާނީ ޚާއްސަ ގުޅުމެއް އޮންނަކަމަށްވެސް އަޑުތައް ފެތުރިފައިވެއެވެ.