މިއަދު ފެށިގެން ދިޔަ ދިރާސީ އާ އަހަރުގެ ކިޔުވުމަށް ސަރުކާރުން އެއްވެސް ވަރެއްގެ ތައްޔާރީތަކެއް ވެފައި ނުވާ ކަން ފުރަތަމަ ދުވަހުންވެސް ހާމަވެއްޖެއެވެ.
އިދިކޮޅު ގިނަ ފަރާތްތަކުންނާއި އާންމުން ދެކޭގޮތުގައި ސަރުކާރުން ދިރާސީ އާ އަހަރަށް ތައްޔާރު ނުވެވުމުގެ ސަބަބުން، މޫސުން ގޯސްވުމުގެ ނަމުގައި އާއި އެހެނިހެން ބަހަނާތައް ދެއްކުމަށްފަހު މި ހަފްތާގެ ދަންފަޅިތަކުގެ ވަގުތުތައް ވަނީ ދެ ގަޑި އިރަށް ކުރުކޮށްފައެވެ.
މިގޮތުން މިއަދު ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ބެލެނިވެރިންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައިވަނީ ދަރިވަރުންގެ ފޮތް ލިސްޓް ހަމަނުވުމުގެ ކަންބޮޑުވުންތަކެވެ. މީގެ އިތުރުން ސްކޫލްތަކަށް ބޭނުންވާ ޓީޗަރުންތައް ސްކޫލް ހުޅުވުނުއިރުވެސް ހަމަނުވުމުގެ ސަބަބުން ގިނަ ސްކޫލްތަކުން ދަނީ ގިނަ ގޮންޖެހުންތަކާއ ކުރިމަތިލަމުންނެވެ.
އެންމެ ފަހު ވަގުތު އެކަޑެމިކް ކަލެންޑަރަށް ބޮޑެތި ބަދަލުތައް ގެނައުމަށްފަހު، ދަރިވަރުންގެ ކިޔެވުމުގެ ތަރުތީބަށް ބޮޑެތި ހުރަސްތަކާއި ތަކުލީފުތައް ކުރިމަތި ކުރުވުމަށްފަހު ގައުމުގެ ރައީސް އަދި އިސްވެރިން ދަނީ ގައުމު ވީހާލެއް ވާން ދޫކޮށް ބޭރުގެ އެކި ގައުމުތަކަށް ދަތުރުކުރައްވަމުންނެވެ.