ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަޝްވަރާތައް ރާއްޖެއާ އެކު ނުކުރާކަމަށް އެ ގައުމުން ހާމަކޮށްފިއެވެ.
އެގައުމުގެ ފަރާތުން މިކަން ހާމަކޮށްފައިވަނީ އިންޑިއާގެ އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީގެ ތަރުޖަމާނު، ރަންދިރު ޖައިސްވަލްއެވެ.
އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީން ކޮންމެ ހަފްތާއަކު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރަންދިރު ޖައިސްވަލް ބުނެފައިވަނީ މިމަހު 14 ވަނަ ދުވަހު ރާއްޖޭގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ރާއްޖެއަށް އެ ގައުމުން މިހާރު ވެސް ދެމުންދާ އިންސާނީ އެހީގެ ހިދުމަތްތައް ދެ ގައުމުން ވެސް އެއްބަސްވެވޭ ހަމައެއްގެ މަތިން ކުރިއަށް ގެންދެވޭނެ މަގެއް ހޯދުމަށް ކަމަށެވެ. އެކަމުގެ އިތުރު ތަފުސީލު ލިބޭނީ ދެ ގައުމުގެ އިސްވެރިންގެ މެދުގައި ދެން އޮންނަ ބައްދަލުވުމަކަށް ފަހު ކަމަށް ޖައިސްވަލް ހާމަކުރިއެވެ.
އޭނާ މިފަދައިން ވާހަކަ ދައްކާފައިވަނީ ރާއްޖޭގެ ތިބި އިންޑިއާ ސިފައިން ވަކި ތާރީހެއްގެ ކުރިން އަނބުރާ ގެންދަން ރާއްޖެއިން އަންގާފައިވާ ކަމަށް ބުނާ ބުނުމާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.
ރާއްޖެއިން އެ ދުވަހު އާންމުކުރި ނޫސްބަޔާނުގައި ވަކި ތާރީހެއްގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންދިޔުމަށް އަންގާފައިވާ ކަމަށް ބުނެފައި އޮތް ނަމަވެސް އިންޑިއާއިން އެ ދުވަހު އާންމުކުރި ނޫސްބަޔާނުގައި އެފަދަ ވާހަކައެއް ބަޔާން ކޮށްފައި ނުވެއެވެ.
މިކަމާ ގުޅިގެން ޖައިސްވަލް ބުނެފައިވަނީ އެދުވަހުގެ ބައްދަލުވުމުގައި ދެކެވުނު ހުރިހާ ވާހަކަތަކެއް އިންޑިއާއިން އާންމުކުރި ނޫސްބަޔާނުގައި އޮންނާނެ ކަމަށާއި މިހައިތަނަށް ދެކެވުނު ވާހަކައަކީ އެއީ ކަމަށެވެ.
ރާއްޖެ ސަރުކާރުން އެ ދުވަހު ހާމަކުރި މައުލޫމާތަށް ބަޅާއިރު މަޝްވަރާގެ އެޖެންޑާގައި އިންޑިއާ ސިފައިން މާރިޗު 15 ގެ ކުރިން ގެންދަން އެދިފައިވާނެއެވެ. ނަމަވެސް އިންޑިއާއިން ގެންދަނީ އެކަން ދޮގުކުރަމުންނެވެ.
މިކަމާ ގުޅީގެން ރައީސް އޮފީހުގެ ބަހެއް ހޯދާލަން ކުރި މަސައްކަތްވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.