2018 ވަނަ އަހަރުގެ 17 ނޮވެމްބަރުން ފެށިގެން އޮތް ޖަޒީރާ ރާއްޖޭގައި ދިވެހިން ބިކަވެ އެޖެންޑާ 19 އެއްގެ ތެރެއިން އުފަންވި ކެވެރި ފަތިހަކާ އެކު މުޅި ގައުމު ހަފުސްވެ ސުންނާފަތިވެ ބިކަވެ ނިކަމެތިވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް އެންމެ ފަހު ސިއްކަ ޖެހުމާއެކު އެއްވެ ތިބެ ގިނަ ބައެއްގެ އަޑުން މުޅި ޖުމްހޫރީ މައިދާން ގުގުމާލިއެވެ.
ދިވެހީންގެ ރާއްޖެއަކަށް ގައުމު ހޭލާ މުޅި ގައުމުގައި އާރޯ ކަމާ ތާޒާކަން ފެވިގެން ދާނެ ކަމުގެ ފޮނި އުއްމީދާ އެކުއެވެ.
17 ނޮވެމްބަރު 2023 ވީ ހުކުރު ދުވަހު މި ކުޑަ ކުޑަ ދިވެހިރާއްޖެއަށް އަލިވިލުނީ އުފާވެރިކަމާ ހިތްހަމަ ޖެހުމުގެ ނޭވާ ލަމުންނެވެ. ބިރުވެރިކަމާ ނާމާންކަމުގެ ތުންފަތް މަތީގައި އޮތް ޖަޒީރާ ރާއްޖެއަކުން މިނިވަން އަމާން ޖައްވެއްގެ ވެރި ދިވެހީންގެ ރާއްޖެއަކަށް އަލިވިލުނީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުންކަން ޔަގީނެވެ.
މިނިވަންކަމާ އިސްތިގުލާލު ގާދޫ ކޮލުން ބޭރުވެގެން އޮޔާ ދަނިކޮށް ކަފު ޖަހާ ރައްޔިތުން އެ ފަޚްރު ގެނައި ވޯޓުގެ ވާތަކުން ބަނދެގެންނެވެ. އެއީ ދިވެހީންގެ ރާއްޖޭގައި ދިވެހީންގެ ކަންކަން ނިންމާނީ ދިވެހީންކަމުގެ ފޮނި އުއްމީދާއެކު ދިވެހީންނަށް އުފާ ފަގަތި ދުވަސްތަކަކަށް އެދެވެމުން ދިޔައިމައެވެ.
އަނިޔާވެރިކަމާ ބޭއިންސާފުގެ މޮޅިވެރި ސާލެއް މުޅި ގައުމުގައި ދެމިފައި އޮތްއިރު އެކަން ނިމުމަކަށް ގެނެސް ރާއްޖެއަށް އުފާ ފަގަތިކަން ވެރިވިޔަ ދިނުމަށެއެވެ. ފެހި ފަހި ފިޔާތޮށީ ކުލަޔަކުން އާފާގު ޒީނަތްވެ ފުސްވިލާތަށް އުދަރެހުން ކެހި މުސްތަގުބަލެއް ގެނައުމަށެވެ.
ޖަޒީރާ ރާއްޖޭގައި ފެނިގެން ދިޔަ ރަން ރީނދޫކުލަ ދިވެހިންނަށް ކަމު ނުގޮސް ރައްޔިތުން ދިވެހީންގެ ރާއްޖެއަކަށް މަރުހަބާ ކީ ދަރަނިން ގައުމު ސަލާމަތްކޮށް މުޅި ގައުމު އަރަނީގެ ރާއްޖެއަކަށް ހެދުމުގެ ފޮނި އުއްމީދުގައެވެ.
ރަށްވެހި ބިންވެރި އަހުލުވެރި ރައްޔިތުންގެ ރާއްޖެއަކަށް މުޅި ރާއްޖެވުމުގެ އުއްމީދުގައެވެ. ހާ އުފާވެރި ދިރުމެއް ހަޔާތަށް އާންމުކުރުމަށެވެ. އިސްވެ ފެނުނު ތަރައްގީ އާންމުވާން އެދޭތީއެވެ.
ޗާލު ރާއްޖެއަކުން ހާލު ބަދަލުވާން އެދޭތީއެވެ. ނަމަވެސް ކަން ވީ މިހެންތޯ ނުވަތަ ކަންވަމުން ދަނީ މިހެން ތޯ މިއަދު އެބަ ސުވާލު އުފެދެއެވެ. ފެންނަމުން ދާ މަންޒަރުތަކުންނެވެ.
ހަރަދު ކުޑަކުރުމުގެ ނަމުގައި އާއްމު ރައްޔިތުންނަށްދޭ ސަބްސިޑީތައް ކަނޑާލަން ސަރުކާރުން ދަނީ ރާވަމުންކަމަށް އަޑުތައް ގަދަވެއްޖެއެވެ. ރައްޔިތުންނަށްދޭ ހިދުމަތަށް ސަބްސިޑީ ދޭންޖެހޭތީ ކަމަށް ސަރުކާރުން ދަނީ ހުއްޓާނުލާ ދައްކަމުންނެވެ.
ކަރަންޓާ ފެނަށް ސަބްސިޑީ ދިނުމާ ކާޑާއި ތެލަށް ސަބްސިޑީ ދިނުން ޚަރަދު ބޮޑު ކަމަކަށް ވެއްޖެއެވެ. އުމުރުން ދުވަސްވީ މީހުންށާއި ހާއްސައެހީއަށް ބޭނުންވާ މީހުނަށް އިނާޔަތް ދިނުމާ ބެލެހެއްޓުން، އެކަނިވެރި މައިންބަފައިންނަށް އިނާޔަތް ދިނުން ދައުލަތަށް ބުރައަކަށް ވެއްޖެއެވެ. އާރުޓީއެލް ފެރީއާއި ބަހުގެ ހިދުމަތަށް ސަބްސިޑީ ދިނުމާ ސިވިލް ސާވިސް މުއައްޒަފުންނަށް އިނާޔަތް ދިނުމާއި އޯޓީ ދިނުމަކީ ދައުލަތަށް ގެއްލުންވާ ކަމަކަށްވެއްޖެއެވެ. ވަޒީފާ އަދާކޮށްގެން ޖަމާކުރާ އަމިއްލަ ޕެންޝަން ފައިސާކޮޅު ދިނުމާ މިނޫންވެސް ސަބްސިޑީތަކާއި އިނާޔަތް އާއްމު ރައްޔިތުންނަށް ދައުލަތުން ދިނުން އިސްރާފަށް ވެއްޖެއެވެ. މި ކަންކަން ފަހިކޮށްދޭން ޖެހުމުން ހަރަދު ބޮޑުވެ ދައުލަތުގެ ބަޖެޓަށް ނުކަތައިފިއެވެ.
ނަމަވެސް ސިޔާސީ މަގާމު އުފައްދައިގެން އެ މަގާމުތަކުގައި ތިބޭ މީހުންނަށް އަތްގުޅި ނުކާވަރުގެ މުސާރައާއި އިނާޔަތް ދޭކަށް ސަރުކާރަކަށް ހަރަދު ބޮޑެއް ނޫނެވެ. އީދު ފާހަގަ ކުރަން ކުލަބޮކި ދިއްލަން އެތަން މިލިޔަން ރުފިޔާ ތަޅާ ބުރުސާލުން އިސްރާފަކަށް ނުވެއެވެ. ރައީސްގެ ޝާހީ ދިރިއުޅުއްވުމަށް ކޮންމެ މަހަކު އެތައް މިލިޔަން ރުފިޔާ ހަރަދު ކުރާކަށް ބޮޑެއް ނޫނެވެ. ބޮޑު ފާލަން ރޫޅާލާ އަލުން ހެދުމަށް އެތައް މިލިޔަން ހަރަދު ކޮށްލުން ބޮޑެއް ނޫނެވެ.
22 މިނިސްޓްރީ އުފައްދާ އެ ތަންތަން ހިންގަންސަރުކާރު ތަމްސީލުކުރާ ޕާޓީގެ މެމްބަރުންގެ ގެތައް ކުއްޔަށް ހިފައިގެން ބިލިޔަނުން ކުލި ދައްކާކަށް ސަރުކާރަކަށް ބުރައަކަށް ނުވެއެވެ. ބިލިޔަނުން ހަރަދުކޮށްގެން ވަޒީރުންނަށް ކާރު އައު ކޮށްދޭކަށް ޚަރަދު ބޮޑެއް ނޫނެވެ. ނޭވާއަކު ދެކޮޅު ހަވާ އަރުވަން މިލިޔަނުން ހޭދަކުރާކަށް ޖެހިލުމެއް ނުވެއެވެ. ކަންދައްކަން ޑްރޯންގަންނަން އެތައް މިލިޔަން ހޭދަކުރުން އިސްރާފަކަށް ނުވެއެވެ. ބައިހަދާފައި ފަސްޓްކްލާހުގައި ދަތުރުކުރާކަށް ބޮޑެއް ނޫނެވެ. ވެރިކަމުގެ ފާޓުފުޅާ ކުރުމަށް ހުއްޓާނުލާ ކުރާ ހޭދައިގެ ވާހަކަ ދައްކާ ކޮޅުން ލާކަށް ނެތެވެ.
މިހެން ގޮސް ކިޔާފައި ނުކިޔާނެ ވާހަކައެއް ނެތެވެ. ދައުލަތެއްގެ ހައިސިއްޔަތުން މިއަށްވުރެ ޒިންމާދާރު ކަންކަން ކުރަން އެބަހުއްޓެވެ. ސިއްހީ ނިޒާމު ރަގަޅުކޮށް ފެންވަރު ރަގަޅު އާލާތްތަކާ ޑޮކްޓަރުން ގެނައުން ކިހިނެއްވާނެތޯއެވެ؟
އިރު އިރު ކޮޅާ މާލެއިންނާ ރަށްފުށުން ކަރަންތު ގޮސްގެން މި އުފުލަން ޖެހޭ ތަކުލީފަށް ނިމުމެއް ގެނައުމަށް ބާރުލާ މަސައްކަތެއް ކުރިއްޔާ ކިހިނެއް ވާނެތޯއެވެ؟ ތޮއްޖެހިފައިވާ މާލޭގައި ކުލި ކުޑަކުރުމަށް ބޯހިޔާ ވަހިކަމުގެ އައު މަޝްރޫއެއް ތަން އޮތް ތަނެއްގައި ގާއިމުކޮށް އަނެއްކާވެސް ރާޖޫއަކަށް ބިންކޮޅު ވިއްކާނުލާ، އަވަސް ގޮތެއްގައި ހައްލެއް ގެނައުން ކިހިނެއް ވާނެތޯއެވެ؟
ވިއްސާރަވެ ވާރޭ ވެހޭ ކޮންމެ ފަހަރަކު މަގުތަކުގައި ފެންބޮޑުވެ ކޯރުތަކުގައި ފަތާފައި އުޅޭ ހެން އުޅެން ޖެހުން ނިމުމަކަށް ގެންނަން ޕްރޮޑަކްޓިވެ ހައްލެއް ހޯދުން ކިހިނެއް ވާނެތޯއެވެ؟
އެތެރެކުރާ ކާޑުގެ ބޮޑުބައި ކަނީ ބޭރު މީހުންނޭ ބުނެ ކާޑުގެ ސަބްސިޑީ ކަނޑާލާނީއެވެ. އާރުޓީއެލް ފެރީގެ ހިދުމަތަށް ސަބްސިޑީ ދިނުންވެސް އިސްރާފަކަށްވެ ހީލަތްތެރި ގޮތަކަށް އެކަންވެސް ނިމުމަކަށް ގެންނަން ރޭވުމަށް ވުރެ މިހިރަ މިހިރަ ކަންކަން ހައްލުކުރަން މަސައްކަތް ކުރެއްވިއްޔާ ކިހިނެއްވާނެބާއޭ ހިތަށް އަރައެވެ.
ދެވަނަ ދައުރެއްގެ ހުވަފެން މިހާ އަވަހަށް ދެކެމުން އަންނަ ސަރުކާރެއްގެ ވެރިން، އުމުރުން ދުވަސްވާ މީހުނަށްދޭ ޕެންޝަން މުރާޖިއާކޮށް އިސްލާހުކުރާ ނަމުގައި ބަދަލުތަކެއް ގެނަސް އޭގައި އޮބި އެޅުވުމުގެ ބަދަލުގައި ދިވެހީންނަށް ފަހި ރާއްޖެއަކަށް މުޅި ރާއްޖެ ހަދައިދޭން ކިހިނަކުންވާނެ ބާއެވެ؟
މުއައްޒަފުންގެ ޕެންޝަން ފަންޑްގައި ހުރި ފައިސާއަކީ ވެސް މަރުފުށު ކަމަކަށްވެސް އަތްނުލެވޭ ގޮތަށް ހުންނަ އަދަދުތަކަކަށް ހެދުމުގެ ވިސްނުން ދޫކޮށްލައްވާ އުފަވެރި ދިވެހީންގެ ރާއްޖެއަކަށް ވާސިލްވުމަށް ދުޅަ ހެޔޮ ސިއްހަތެއް ހޯދުމަށްވުރެ ސިއްހީ ނިޒާމު ހަރުދަނާ ކުރުން ކިހިނެއްވާނެތޯއެވެ؟
ސިވިލް ސާރވިސް މުއައްޒަފުން މަދުކޮށް އިނާޔަތްތައް އުނިކޮށް އޯވަޓައިމް އެއްގޮތަކަށްވެސް ނުދޭން ނިންމުމަށްވުރެ އެކުވެރިންނާ އާއިލާ މީހުންނަށް ބަހާފައި ހުރި ސިޔާސީ މަގާމުތައް މަދުކޮށް ހައްގުވެރިންނަށް ދައުލަތުގެ ފައިސާ ކަރަދު ކުރިއްޔާ ކިހިނަކުންވާނެބާއެވެ؟
އާއްމު ރައްޔިތުންނަށްދޭ އިނާޔަތާއި ސަބްސިޑީ އާއި ސިވިލް ސާވިސް މުއައްޒަފުންނަށް ކުރެވޭ ހޭދައަކީ އިސްރާފެއް ކަމަށް ދެކޭއިރު އެކި އެކި ލެލެލްތަކުގައި އުފައްދާފައި ހުރި ޕޮލިޓިކަލް ޑިރެކްޓަރުންގެ އަދަދު މަދުކުރުން ކިހިނަކުން ވާނެ ބާއެވެ؟
ބޭކާރު ހަރަދެއްގެ ގޮތުގައެވެ. ދުނިޔޭގެ މާލީ އިދާރާއަކުން ހަރަދު ކުޑަކުރަން މަޝްވަރާ ދޭއިރަށް ނިކަމެތި ރައްޔިތުންނަށް ލިބެން އޮންނަ ލުއި ފަސޭހައިގައި އޮބި އެޅުމަށް ވުރެ 700 އަށް ވުރެ ގިނަ ނުވާނެ ކަމަށް ބުނެ ގިނަ ކުރި ސިޔާސީ މުވައްޒަފުންގެ އަދަދު ތިރިކުރުން އަޅެ ކިހިނަކުންވާނެބާއެވެ؟
އިތުރު ގަޑިއާއި އިނާޔަތްތައް ކަނޑާލާ ރައްޔިތުންގެ ލުއިފަސޭހައަށް ދެވޭ ސަބްސިޑީތައް ބަދަލުކޮށް ކަނޑާލާ، ނަގާ ޓެކްސް އިތުރުކޮށް، ހިދުމަތުގެ އަގު ބޮޑުކޮށް، ސިޔާސީ ހަރަދު އުފައްދާ އިތުރުކޮށް ދިވެހީން ނިކަމެތިކޮށްލާ ތަނަކަށް ދިވެހީންގެ ރާއްޖެ ހެދުމަށް ވުރެ ދިވެހީންގެ ރާއްޖެއަކީ ދިވެހީންނަށް ނަފާވަނިވި ރާއްޖެއަކަށް ދިވެހީން ހެދުން މާ ބުއްދިވެރިއެެވެ. ދިވެހީންގެ ރާއްޖޭ، ދިވެހީން ބިކަ ކުރާ ރާއްޖެއަކަށް ނުހަދަމާތޯއެވެ؟
ރައްޔިތުންގެ އެންމެ ފައިސާ ފޮއްޗެއްގައިވެސް ނުހައްގުން އަތް ނުލައްވާނެކަމަށް ވިދާޅުވި ވިދާޅުވުން އަމަލުން ވެސް ދައްކަވާށެވެ.