އިންޑިއާއިން ނެގި ލޯނުގެ 50 މިލިއަން ޑޮލަރު އެހީއަށް ބަދަލުކޮށްދިނުމަށް އެދި އާދޭސްކުރަން ދިވެހި ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ފިނޭންސް މިނިސްޓަރު، ޑރ.މުހައްމަދު ޝަފީގެވެ.
ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރުގައި އެދިގެން، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ގަނެފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑު ގްރާންޓަކަށް ބަދަލުކުރުމަށް އެދި ހުށަހަޅާނެ ކަމަށް މިނިސްޓަރު ޝަފީގު ހާމަކުރެއްވީ ފިނޭންސް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ޝަފީގު ވިދާޅުވީ މެއި މަހު އިންޑިއާއަށް ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު ރޯލްއޯވާ ކޮށްފައިވާއިރު، މަސައްކަތް ކުރާނީ ސެޕްޓެމްބަރުގައި ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު ގްރާންޓަކަށް ބަދަލު ކުރަން ކަމަށެވެ.
މި އަހަރުގެ މެއި މަހު ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު ދެއްކުމަށް ކެޕޭސިޓީ ވެސް ބިލްޑުކުރި ކަމަށާއި، ނަމަވެސް އެ ޕޭމަންޓު ރޯލްއޯވާރ ކުރުމަކީ ދެގައުމުގެ ގުޅުން ބަދަހިވި ކަމުގެ ހެއްކެއް ކަމަށް ޝަފީގު ވިދާޅުވި އެވެ.
އެގޮތުން އެ 50 މިލިއަން ޑޮލަރު ގްރާންޓަކަށް ބަދަލުވުން ވެގެންދާނީ ރާއްޖޭގެ މާލިއްޔަތަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔަކަށްކަން ފާހަގަކުރައްވާ ޝަފީގު ވިދާޅުވީ ދެ ގައުމު ގުޅިގެން އެކަން ކުރެވިދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ޖެނުއަރީ މަހު ބޮންޑުގެ 50 މިލިއަން ޑޮލަރު ފުލްކޮށް ސެޓްލްކޮށްފައިވާއިރު އެ 50 މިލިއަން ސެޓުލްކުރުމުގެ އެންމެ ބޮޑަށް ބެލި އެއްކަމަކީ ރާއްޖެއަށް ދަރަނި ދެއްކުމުގެ ގާބިލުކަން ހުރިކަން ދެއްކުމުގެ ބާނުމުގައި ކަމަށްވެސް ޝަފީގު ވިދާޅުވިއެވެ.
އެސްބީއައި އިން ގަތް ޓްރެޝަރީ ބޮންޑަކީ ކުރީ ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު 2019 ގައި ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. އެގޮތުން ފަހަރަކު 50 މިލިއަން ޑޮލަރު މަގުން ގަތް ޖުމްލަ 200 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑު އެސްބީއައި އިން ގަނެފައިވެ އެވެ.
އެ ބޮންޑުގެ ތެރެއިން މި ސަރުކާރުން ވަނީ 50 މިލިއަން ޑޮލަރު މިދިޔަ ޖެނުއަރީގައި ދައްކާފަ އެވެ. ނަމަވެސް އެ ބޮންޑުގައި ހިމެނޭ 150 މިލިއަން ޑޮލަރު އަނބުރާ ދައްކަން ޖެހޭއިރު، ސަރުކާރުން މިހާތަނަށް އެދިފައި ވަނީ އެ ފައިސާ ރޯލްއޯވާރ ކޮށްދިނުމަށެވެ.