ޑޭޝް-8 މަތިންދާ ބޯޓުގައި ބަލިމީހުން ތައިލޭންޑަށް ގެންދާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ޓްވީޓުތައް ރައީސް އޮފީހުގެ ސައިޓުން ޑިލީޓުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަން އެހެން ކުރަން ޖެހުނީ ސަރުކާރު ބެދުނު ބޮޑު ލަދަކުން ސަލާމަތް ވުމަށެވެ. އެގޮތުން ޗައިނާއަށް ރައީސް ކުރެއްވި ދަތުރުފުޅަށްފަހު މާލެވަޑައިގެން ނޫސްވެރިންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެއާ އެމްބިއުލާންސާ ގުޅޭގޮތުން ވިދާޅުވި ވާހަކަކޮޅުގެ ނަކަލެއްގެ ގުރެފިސްއާ އެކު ރައީސް އޮފީހުން އެކްސް ހެންޑްލްގައި ފުރަތަމަ ޕޯސްޓު ކުރީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:59 ހާ ކަންއިރުއެވެ. އެ ޕޯސްޓު ޑިލީޓު ކުރުމަށްފަހު ދެވަނަ ޕޯސްޓެއް ހަމަ އެ ދުވަހުގެ ހަވީރު 5:45 ގައި ވެސް ރައީސް އޮފީހުގެ އެކްސް އެކައުންޓުން ކުރިއެވެ. ނަމަވެސް އެ ޕޯސްޓުވެސް ފަހުން ވަނީ ޑިލީޓު ކޮށްފައެވެ.
އެނގިފައިވާ ގޮތުގައި ޑޭޝް-8 މަރުކާގެ މަތިންދާބޯޓެއް އެއާ އެމްބިއުލާންސްއަކަށް ބަދަލުކޮށް އެ ބޯޓުގައި ބަލި މީހުން ތައިލޭންޑަށް އުފުލާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި ވާހަކަކޮޅު މަލްޓިމީޑިއާ ސްލައިޑެއްގައި ލިޔުމަށްފަހު ޑިލީޓުކުރީ އެ މަރުކާގެ ބޯޓުތަކަށް ރާއްޖެއިން އުދުހިފައި ތައިލޭންޑާއި ހަމައަށް ސީދާ ދަތުރުނުކުރެވޭނެ ޔަގީވުމުންނެވެ.
ޑޭޝް-8 މަރުކާގެ މަތިންދާބޯޓުގައި ތައިލޭންޑަށް ބަލި މީހުން އުފުލާނެކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް، މޯލްޑިވިއަނުން މިހާރު ބޭނުންކުރާ ޑޭޝް-8 މަރުކާގެ ބޯޓުތަކަކީ ނުހުއްޓި ރާއްޖެއާ ތައިލޭންޑާ ދެމެދު ހުންނަ ދުރުމިނަށް ދަތުރު ކުރުމުގެ ގާބިލުކަން ލިބިފައިވާ ބޯޓުތަކެއް ނޫނެވެ. ރާއްޖެއާ ތައިލެންޑާ ދެމެދު 1966 މޭލު ނުވަތަ 3,165 ކިލޯމީޓަރު ހުންނައިރު، ޑޭޝް 8-200 ރޭންޖަކީ 1065 މޭލު ނުވަތަ 1713 ކިލޯމީޓަރެވެ. އަދި ޑޭޝް 8-300 ރޭންޖަކީ 968 މޭލު ނުވަތަ 1557 ކިލޯމީޓަރެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ފަހުން މިއީ ރައީސް އޮފީހުގެ ސޯޝަލް މީޑިއާ ޕޯސްޓެއް ޑިލީޓު ކުރި ފުރަތަމަ ފަހަރެއް ނޫންކަން ފާހަގަކޮށްލެވެއެވެ.