

އެއާޕޯޓް ޓެކްސީ މައްސަލަ އަށް ހައްލެއް ގެނައުމުގެ ނަމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރާކްޓެކިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހިންގީ ބޮޑު ސްކޭމެއް ކަން ހާމަވެއްޖެއެވެ.
އެއާޕޯޓް ޓެކްސީ ކިއުގެ މައްސަލައަށް ހައްލު ގެނެއުމަށްޓަކައި އެމްޓީސީސީން ވަނީ ޓެސްޓް ދަތުރުތަކެއް ކޮށްފައެވެ.
މި ދަތުރުތަކުގައި އެމްޓީސީސީގެ ބައެއް ޑްރައިވަރުންނާއި އަމިއްލަ ޑްރައިވަރުންވެސް ވަނީ ބައިވެރިވެފައެވެ.
މި ދަތުރުތައް ކުރާ ކޮންމެ ޑްރައިވަރަކަށް ދުވާލެއްގެ މައްޗައް 2000 ރުފިޔާ ދޭނެކަމުގެ ޔަގީންކަން އެމްޓީސީސީން ވަނީ އެ ޑްރައިވަރުންނަށް ދީފައެވެ.
އަދި މި ޓެސްޓް ދަތުރުތައް ކުރިޔަށް ގެންގޮސްފައިވަނީ 10 ދުވަހަށެވެ.
ނަން ހާމަނުކުރުމަށް ޝަރުތުކޮށް ތޭރަ އޮންލައިން އަށް މައުލޫމާތު ދިން އެމްޓީސީސީގެ މުވައްޒަފަކު ބުނި ގޮތުގައި އެމްޓީސީސީން އެ ޑްރައިވަރުންނަށް 20،000 ރުފިޔާ ދޭން ޖެހޭނެއެވެ.
އެ ފައިސާ ވީއެންމެ އަވަހަކަށް ޑްރައިވަރުންނަށް ދޭނެކަމަށް އެމްޓީސީސީން ބުނި ނަމަވެސް މިހާތަނަށް އަދި އެ ފައިސާ ދީފާއިނުވާކަމަށް ވެސް އެ ފަރާތުން ވަނީ ބުނެފައެވެ.
މިކަމާ އެ ޓެސްޓް ދަތުރުތައް ކުރެއްވި ޑްރައިވަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެއާޕޯޓުން ދަތުރު ނަގާ ޓެކްސީތަކުން އެކި އަގު ނެގުމާއި ވަކި މަންޒިލަކަށް ނޫނީ ދަތުރު ކުރަން އިންކާރު ކުރުމާއި އެއް ދަތުރަށް ވުރެ ގިނަ ދަތުރު ނަގައިގެން ދިއުން ފަދަ މައްސަލަތައް އާންމުވުމާ ގުޅިގެން، މީގެ 3 ވަރަކަށް ހަފްތާ ކުރިން ޓްރާންސްޕޯޓް މިނިސްޓްރީ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރާކްޓެކިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ހޯމްލޭންޑް އެންޑް ސެކިޔުރިޓީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓާރ އިހުސާން ވަނީ ވިދާޅުވެފައެވެ.