ލ.ކައްދޫގައި ކުރިއަށް ގެންދިޔަ ސިފައިންގެ ތަމްރީނެއްގެ ތެރެއިން ލ. މާވަށް ކައިރީ މޫދުގައި ތަމްރީނުގެ ބައެއް ކުރިއަށް ދަނިކޮށް މިޔަރެއް ހަމަލާ ދިނުމުގެ ސަބަބުން ނިޔާވެފައިވާ ލާންސް ކޯޕްރަލް މުހައްމަދު ޒައިދާން (ރ.އުނގޫފާރު/ނިއުލައިފް) ނިޔާވި ހާދިސާގައި ކަން ހިނގާ ދިޔަ ގޮތުގެ ތަފްސީލަށް ނޫސްވެރިން އެދި ދެ ދުަވސް ފައިތުވިއިރުވެސް މުވައްސަސާއިން ޖަވާބެއް ދީފައިނުވެއެވެ.
އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި ޒައިދާން ނިޔާވީ މިޔަރު ހަމަލާދިނުމުން ފަރުވާ ދެމުން ދަނިކޮށް ގަން ރީޖަނަލަ ހޮސްޕިޓަލުގައެވެ. ނަމަވެސް ޒައިދާން ނިޔާވާން ދިމާވީ ކޮންކަމެއްގެ ސަބަބުން ކަމެއް ހާމަކޮށްފައިނުވެއެވެ.
ނޫސްވެރިންވަނީ ހާދިސާ ހިނގާ ދިޔަތާ ކިހާ އިރެއްގެ ތެރޭގައި ޒައިދާން ހޮސްޕިޓަލަށް ގެންދެވުުނުތޯއާ ތަމްރީނުތައް ފުރިހަމަ ކުރަމުން ދިޔަ ސަރަހައްދުގައި ހާދިސާއެއް ހިނގާފައިވާނެކަމަށް އެއްވެސް ވަރެއްގެ ތައްޔާރީތައް ވެފައިވޭ ތޯ ސުވާލުކޮށްފައެވެ.
މީގެ އިތުރުން އެ ފަދަ ހާދިސާއެއް ހިނގައިފިނަމަ އަމަލުކުރާނެ ގޮތުގެ އެސްއޯޕީއެއް އޮތް ތޯވެސް ނޫސްވެރިން ސުވާލުކޮށްފައިވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޒައިދާން ނިޔާވީ ހާދިސާ ހިނގިތާ 7 ގަޑިއިރެއްހާ ވަގުތު ފަހުންނެވެ. އެހާ ގިނަ އިރު ވެގެން ދިޔައިރު އިތުރު ފަރުވާއަށް އެއަށް ވުރެ ފެންވަރު ރަގަޅު ހޮސްޕީޓަލަށް ނުގެންދެވުނީ ކީއްވެތޯވެސް ނޫސްވެރިން ސުވާލުކޮށްފައިވެއެވެ.
ހަމަ އެހެންމެ ތޭރަ އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ތަމްރީނުތައް ފުރިހަމަ ކުރުމަށް ސިފައިން ބާލާފައިވާ ސަރަހައްދަކީ މިޔަރު ވަރަށް ގިނަ ސަރަހައްދަކަށްވުމުން އެ ސަރަހައްދަށް ސފިައިން ބޭލުމުގެ ކުރިން އެއްވެސް ވަރެއްގެ ދިރާސާއެއް ކޮށްފައިވާނެތޯވެސް ނޫސްވެރިން ސުވާލުކޮށްފައިވެއެވެ.
ތޭރަ އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޒައިދާން ނިޔާވާން ދިމާވީ ލޭ މަނާ ނުކުރެވިގެންނެވެ. ގެއްލިގެން ދިޔައީ އާއިލާއެއް ބިނާކޮށް މުޅި ގައުމަށް ޚިދުމަތްކުރުމުގެ އަޒުމުގައި ހުރި ދިވެހި ނޫކަށި ފުރައިގެ ޒުވާނެކެވެ. އެހެންކަމުން އެމްއެންޑީއެފުން މި ފަދަ ސުވާލުތަކަށް ޖަވާބު ނުދެއްވާ ހަނު ތިއްބެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.