މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގައި މެނޭޖިންގ ޑިރެކްޓަރެއް ނެތި 15 ދުވަސް ވެއްޖެއެވެ.
އެ މަގާމުގައި ކުރިން ހުންނެވި ފާތިމަތު ތައުފީގް (ކުޑީ) ވަނީ އެ މަގާމުން 22 މެއި ވަނަ ދުވަހު ވަކި ކޮށްފައެވެ.
މައުލޫމާތު ލިބުނު ގޮތުގައި ކުޑީ ވަކިކޮށްފައިވަނީ އޭނާގެ މައްޗައް ވަރަށް ބައިވަރު ތުހުމަތުތަކެއް ކުރެވިގެންނެވެ.
އެގޮތުން ކުންފުނީގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުން ކުރުމާއި ކުންފުނީގެ މުވައްޒަފުންނަށް ބިރު ދެއްކުން ހިމެނެއެވެ.
ކުޑީ މަަގާމުން ވަކި ކުރުމުގެ އެއް ދުވަސް ކުރިން އެ ކުންފުނީގެ ޗެއާރ ޕާސަން ކަމުގެ މަގާމްގައި ހުންނެވި އައިޝާ ނޫރްއައިން ޖަނާހް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ތޭރަ އޮންލައިން އަށް މައުލޫމާތު ލިބުނު ގޮތުގައި ނޫރްއައިންގެ އިސްތިއުފާ އާއި ކުޑީ މަގާމުން ވަކި ކުރުމާ ކޮންމެވެސް ގުޅުމެއް އޮވެއެވެ.
ކުޑީ މަގާމުން ވަކި ކުރުމަށްފަހު ކުންފުނީގެ ކަންކަން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވިފައިވާ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ބައްސާމް އާދަމާއެވެ.
މެއި މަހުގެ 23 ވަނަ ދުވަހު ޕްރައިވައިޓަޒޭޝަން ބޯޑުން ވަނީ އެކްސްގައި ކުރެއްވި ޕޯސްޓަކުން މި ކަން ކަށަވަރުކޮށްދީފައެވެ.
ބައްސާމް އާ ކުންފުނި ވަގުތީ ގޮތުން ހިންގުމަށް ހަވާލުކުރުމާއެކު އެ ކުންފުނީގެ އަންހެން މުވައްޒަފުން ވަނީ ބިރުވެރިކަމެއްގެ ތެރެޔަށް ވެއްޓިފައެވެ.
ބައްސާމް އެމްއެމްޕީއާރުސީގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ތުހުމަތުތަކެއް ވަނީ މީގެ ކުރިން ފެތުރިފައެވެ.
އެހެންކަމުން އެ ކުންފުނީގެ މުވައްޒަފަކާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ތުހުމަތު ކުރި ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލައެއް ބަލަމުންދާ ކަމަށް އެ ދުވަސްވަރު އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.
މައްސަލާގައި ކުންފުނީގެ މެނޭޖްމަންޓުން ފުރިހަމަ ތަހުގީގެއް ހިންގާފައި ނުވާތީ އެ ކުންފުނީގެ މުވައްޒަފުންގެ މަސައްކަތު މާހައުލުގެ ރައްކާތެރިކަމަށް އަސަރުކޮށްފައިވާ ކަމަށް އެ ކުންފުނީގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާދެއްވި ނޫރައިން އޭނާގެ އިސްތިއުފާގެ ސިޓީގައި ބަޔާންވެސް ކޮށްފައިވެއެވެ.
އެމްޑީގެ މަގާމަށް އެއްވެސް ފަރާތެއް އައްޔަން ނުކުރައްވާތީ އެ ކުންފުނީގެ މުވައްޒަފުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް (ފަތުރުވެރިކަން) ޕްރޮމޯޓް ކުރާ ކުންފުނި އެ ފުށް މި ފުށަށް ޖެހިގެން މިދިޔައީ ސަރުކާރުގެ އިހުމާލުން ކަމަށް ގިނަ ފަރާތްތަކުން ގަބޫލުކުރެއެވެ.