ފުޑް ކޯޓު ކައިރި ހުރި ބައްތިތައް ނުދިއްލޭތީ ބެލި އިރު ބައްތިތަކުގެ ކޭބަލްތައް ވަގަށް ނަގާފައި ހުރި ކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
ބައްތިތައް ނުދިއްލޭ ސަބަބު ބެލިފައި ވަނީ މައްސަލަ ޖެހުނުތާ 3 ދުވަސް ފާއިތުވުމުންނެވެ. ނަމަވެސް އެ ކައުންސިލުން ބުނެފައި ވަނީ މި މައްސަލަ ކުރިމަތިވީ ރޭގައި ކަމަށެވެ.
އަމީނީ މަގަކީ މާލޭގެ އެންމެ ބޮޑު އެއް މަގެވެ. މި މަގުގައި ކޮންމެ ރެޔަކު އެތައް އުޅަނދެއް ދަތުރުކޮށް ތޮއްޖެހުން ގިނައިރު މި އުޅަނދުތައް ދުއްވާ ފަރާތްތަކަށް މަގުމަތި އަނދިރިވުމުން ދިމާވެދާނެ ނުރައްކާތެރި ހާދިސާތައް ވަރަށް ގިނަކަން ފާހަގަކޮށްލެވެއެވެ.
ސިޓީ ކައުންސިލުން 3 ދުވަސް ފަހުން މި މައްސަލަ ހައްލު ކުރަން މަސައްކަތް ކުރަން ފަށާފައިވީނަމަވެސް މައްސަލަ ހައްލު ކުރުމުގައި ސިޓީ ކައުންސިލުގެ މުވައްޒަފުން ލަސްކުރަމުންދާތީ ރައްޔިތުން ވަނީ އެކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައިއެވެ.
ކޭބަލް އެޅުން ކަހަލަ ޓެކްނިކަލް މަސައްކަތްތައް ކުރަންވާނީ އެކަމުގެ ތަޖުރިބާ ހުރި އިންޖިނޭރުން ކަމަށްވެސް ރައްޔިތުން އަންނަނީ ބުނަމުންނެވެ.
މިފަދަ މައްސަލަތަކަކީ ވީހާވެސް އަވަހަށް ހައްލު ގެންނަން ޖެހޭ މައްސަލަތަކެވެ. ނަމަވެސް ފެނިގެން މިދަނީ މައްސަލަ ހައްލުކުރުމަށް އެތައް ދުވަސް ނަގާ މަންޒަރެވެ.
މީގެ އިތުރުން މިހާތަނަށް ފުލުހުން މި މައްސަލަ ބަލަން ފެށި ކަމުގެ މައުލޫމާތެއް އެ ކައުންސިލުން ހާމަކޮށްފައިއެއް ނުވެއެވެ.