ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ކިތައް 48 ގަޑިއިރު ވެއްޖެކަން މަސްވެރިކަމާ ބެހޭ ވަޒިރު އަހުމަދު ޝިޔާމަށް އެނގިލައްވާތޯ އަހާ މަސްވެރިންގެ ސުވާލެއް އަމާޒުކޮށްފިއެވެ.
ސޯޝަލް މީޑިއާގައި މަސްވެރިންގެ އިހުސާސްތައް ބަންޑުން ކޮށްލާ ޒުވާން މަސްވެރިޔާ އަލީ ސާޖިދު ކުރި ޕޯސްޓެއްގައި ބުނީ މަސްވެރިން ތިބީ ކުރަންޖެހޭ އެތައް ކަމެއް ނުކޮށް ކަމަށެވެ.
އޭގެ ތެރޭގައި ކަރަންޓު ބިލް، ފެން ބިލް، ދަރިންގެ ޓިއުޝަން ފީ އަދި ކަންމަތީ ފިހާރައިގެ ބިލްތައް ނުދެއްކޭ ކަމަށް އޭނާ ބުނެފައިވެއެވެ. މީގެ އިތުރުން ލާރި ނުލިބޭތީ މަސްވެރިން ތިބީ ގޭގެއަށް ކާބޯތަކެތި ނުގަނެވިފައި ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
މީގެ އިތުރުން ސާޖިދު ވަނީ މަސްވެރިންނަށް ދޫކުރަންހުރި ފައިސާ ދޫކޮށްދިނުމަށް ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމުގެ އަރިހުން އާދޭހާ އެކު އެދިފައެވެ. އެގޮތުން ބެކްލޮގްގައި ހުރި ހުރިހާ ފައިސާއެއް އެއްކޮށް ކްލިއަރ ކޮށްދިނުމަށް އެދިފައި ވެއެވެ.
ހަމަ އެހެންމެ ބޯމަތިވަމުން އަންނަ މުސްލިމުންގެ އެންމެ ބޮޑު އީދު ކަމުގައިވީ ނަމަވެސް މަސްވެރިން ތިބީ އެމީހުންގެ އަނބިދަރިންނަށް އީދު ހެދުމެއްވެސް ގަނެނުދެވޭހާ ހާލަތު ދެރަކޮށް ކަމަށްވެސް ސާޖިދު ފާޙަގަކޮށްފައިވެއެވެ.
ސާޖިދު ހިއްސާ ކޮށްފައިވާ މައުލޫމާތަށް ބަލާއިރު މަސްވެރިންނަށް އެންމެ ފަހުން ފައިސާ ދޫކޮށްފައިވަނީ އޭޕްރީލް 22 ގައެވެ.
ސާޖިދު ބުނީ ރިޔާސީ އިންތިޚާބް ތެރޭގައި މިހާރުގެ ރައީސް ޑރ. މުޢިއްޒު މަސްވެރިންނާއި ބައްދަލުކުރައްވާ މަސް ކިލޯއެއް 25 ރުފިޔާ އިން 20 ރުފިޔާ އަށް ކުޑަ ވާނޭ ކަމަށް ވިދާޅުވި ކަމަށެވެ. އަދި އެގޮތަށް އެކަން ވިޔަސް ހަފުތާއިން ހަފުތާއަށް ބަރާބަރަށް ފައިސާ ދޭވެނޭތޯ ސާޖިދު ސުވާލު ކުރުމުން މަސް ކިރާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރާނޭ ކަމަށް ރައީސް ވިދާޅުވެގައިވާ ކަމަށް ވެސް ސާޖިދުގެ ޕޯސްޓުގައި ވެއެވެ.
އަޅުގަނޑުމެން މަސްވެރިން ނިމިދިޔަ ރިޔާސީ އިންތިހާބުގަ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ @MMuizzu ކައިރީގަ ނޭދެން 48 ގަޑިއިރުތެރޭގަ ފައިސާ ދޫކުރަން ވައުދުވާކަށް!
— 𝑨𝒍𝒊 𝑺𝒂𝒋𝒊𝒅 (@AliSajidMV) June 8, 2024
އަޅުގަނޑުމެން މަސްވެރިން ކިލޯއަކަށް 25 ރފ ކިރުވަ ކިރުވާ ހުރި މަހުގެ އަގު 20 ކުޑަވާނެ ކަމަށް ވެރިޔާ ވިދާޅުވުމުންވެސް… https://t.co/3uci7ksbZw
ދައުލަތުގެ ބަޖެޓުން ސަރުކާރުން ދަނީ ސިޔާސީ ބޭނުމަށް ބޭކާރު ޚަރަދުތައް ކުރުމާއި، ކޮރަޕްޝަން އަށް މަގުފަހިވާ އެތައް ކަމެއް ރައްޔިތުންގެ ޓެކްސް ފައިސާއިން ހިންގަމުންނެވެ.
މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީގެން މަސްވެރިން ހިތްހަމަ ނުޖެހުން ފާޅުކުރަމުން ދިޔަ ނަމަވެސް މަސްވެރި ވަޒީރުގެ މާބޮޑު ސަމާލުކަމެއް އެކަމަށް ދެއްވާ މަންޒަރެއް ނުފެނެއެވެ.