ރައްޔިތުންގެ މަޖިލިސް އިންތިހާބު އަވަސްކުރެވެންވެސް އަދި ލަސްކުރެވެންވެސް ނެތް ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވެއްޖެއެވެ.
ފުއާދު މިފަދައިން ވިދާޅުވެފައިވަނީ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލިސް އިންތިހާބަށް އެ ކޮމިޝަނުން ވަމުންދާ ތައްޔާރީތަކާއި ބެހޭ ގޮތުން މައުލޫމާތު ދެއްވަމުންނެވެ.
އެގޮތުން ފުއާދު ވިދާޅުވީ ރައްޔިތުން މަޖިލިސް އިންތިހާބު ބާއްވާ ތާރީޙު ކަނޑައެޅުމުގައި ރައްޔިތުންނަށް ފަސޭހަވާނެ ގޮތްތަކަށް ބަލާފައިވާނެ ކަމަށެވެ. އެހެންނަމަވެސް ގާނޫނަށް ބަދަލު ނުގެނަސް އިންތިހާބު އަވަސްކުރަންވެސް ލަސްކުރެވެންވެސް ނެތް ކަމަށް ވަނީ ވިދާޅުވެފައެވެ.
ގާނޫން އަސާސީ ބުނާގޮތުންނަމަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ނިމުމުގެ 120 ދުވަސް ކުރިން މަޖިލިސް އިންތިހާބަށް އިއުލާންކުރަން ޖެހޭނެއެވެ. އެހެންކަމުން އެންމެ އަވަހަށްވެސް މަޖިލިސް އިންތިހާބު އިއުލާންކުރެވޭނީ ޖެނުއަރީ 30 ވަނަ ދުވަހުއެވެ. އަދި ހަމައެހެންމެ އަވަހަށްވެސް އިންތިޚާބު ބޭއްވޭނީ މާރޗު މަހުގެ 17 ވަނަ ދުވަހުއެވެ. މާރޗު 17 ވަނަ ދުވަހަކީ ރަމަޟާންމަހުގެ 7 ވަނަ ދުވަހެވެ.
މީގެ އިތުރުން އިންތިހާބު މާރޗު މަހުގެ 17 ވަނަ ދުވަހަށް އަށްވުރެ ފަސްކުރުމަށްވެސް ވާހަކަދެކެވިފާވާ ކަމަށާއި އެހެންނަމަވެސް އެގޮތަށް އެކަން ކުރެވެން ނެތްކަމަށް ވަނީ ވިދާޅުވެފައެވެ.
އެގޮތުން ރަމަޟާންމަހުގެ ފަހު 10 ދުވަހާއި ފިތުރު ޢީދާއި ގުޅިގެން އަންނަނީ ބަންދު ދުވަސްތަކެއްކަމަށް ވުމުގެ އިތުރުން އެއަށްފަހުގައި އަންނަނީ ހުރިހާ ސްކޫލްތަކެއްގެ އިމްތިހާން ދުވަސްވަރުކަމުން މިދުވަސްވަރުވެސް އިންތިހާބު ނުބޭއްވޭނެކަމުގައި ފުވާދު ވަނީ ވިދާޅުވެފައެވެ.
"ރަމަޟާންމަހުގެ އެންމެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ސަރުކާރުން ވަނީކަނޑައަޅުއްވާފަ. އެއަށްފަހު މިއަންނަނީ ޢީދުގެ ބަންދުތައް. އެއަށްފަހު މިއަންނަނީ ހުރިހާ ސްކޫލް ތަކެއްގެ އިމްތިހާނުތައް. ސްކޫލްތަކުގެ އިމްތިހާނު އޮންނަ ދުވަސްވަރަކީ އަޅުގަނޑުމެންނަށް ސްކޫލްތައް ލިބޭނެ ދުވަސްވަރެެއްނޫން. އެހެންވީމަ ސްކޫލްތަކުގެ އިމްތިހާން ނިިމޭހިސާބުން އަޅުގަނޑުމެން ބާއްވަން ބަލައިފިއްޔާ ވާގޮތަކީ އަނެއްކޮޅުން އަޅުގަނޑުމެން ނިންމާފަ މަޖިލިސްގެ މެންބަރުން ހޮވައި ހުރިހާކަމެއް އެބަ ނިންމަންޖެހޭ މަޖިލިސްގެ މުއްދަތު ހަމަވުމުގެ 30 ދުވަސް ކުރިން. އެހެންވީމަ ޤާނޫނަށް ބަދަލެއް ނުގެނެސް އަޅުގަނޑުމެންނަށް މިކަން ވާނެ ގޮތެއް ނެތް،"
ރަމަޟާންމަހުގައި ވޯޓްލުން ބޭއްވޭތީ ރައްޔިތުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ވޯޓުފޮށިތައް ގިނަކޮށް ކޮންމެ ފޮށްޓަކަށް އެންމެ ގިނަވެގެން 500 މީހުން ވޯޓްލެވޭނެގޮތަށް ބަދަލު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. މިގޮތަށް ބަދަލުކުރުމުން ވޯޓް ފޮށިތަކުގެ ކިޔު ކުރުވުމުގެ އިތުރުން ވޯޓްލުމުގެ ކަންކަން ފަސޭހައިން އަވަހަށް ނިމިގެންދާނެކަމަށްވެސް އެ ކޮމިޝަނުން ދެކެއެވެ.