ދިވެހި މަސްވެރިންނަށް 80 މިލިއަން ރުފިޔާ ނުދެވި ހުރި ކަމަށް ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ހާމަކޮށްފިއެވެ.
މަސްވެރިންނާ އަދި ފިޝަރީޒް މިނިސްޓަރުވެސް ވަނީ މަސްވެރިންނަށް ފައިސާ ނުދީ ހުރިކަމަށް ބުނެފައެވެ. އެގޮތުން މަސްވެރިން ކިރުވި މަހަށް އެންމެ ފަހުންވެސް ފައިސާ ދިފައިވަނީ މަޖިލިސް އިންތިހާބާ ދިމާކޮށް މަސްވެރިންގެ ރުޅިގަޑު މަޑުކުރުމުގެ ނިޔަތުގައި އެޕްރިލް މަހުގެ 22 ވަނަ ދުވަހާ ހަމައަށެވެ. އޭގެ ފަހުން އަދި އެންމެ ފައިސާ ފޮއްޗެއެް ވެސް ނުދޭ ކަމަށް މަސްވެރިން ގެންދަނީ ބުނަމުންނެވެ.
މިއީ ތެދުކަން މިފްކޯއިން ހާމަކުރި މައުލޫމާތުން ވަނީ އެނގިގެން ގޮސްފައެވެ.
އެގޮތުން މިފްކޯއާ ހަވާލާދި އޮންލައިން ނޫހެއްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ދިވެހި މަސްވެރިން ބާނާ މަހަށް 80 މިލިއަން ރުފިޔާ ނުދެވި އެބަހުރި ކަމަށާ އޭގެ ތެރެއިން މެއި މަހގެ ނިޔަލަށް ވަ ފައިސާއިން ބައެއް ނަމަވެސް ދެ ދުވަހެއްގެ ތެރޭގައި ދީ ނިންމަން މަސައްކަތްކުރަމުން ދާ ކަމަށެވެ. އެހެންކަމުން މިފްކޯއިން ހާމަކުރި މި މައުލޫމާތުން ވެސް ހާމަވާ ގޮތުގައި އަދިވެސް މަސްވެރިންގެ ފައިސާ އެއްކޮށް ދީ ޚަލާސްނުކުރެވޭނެއެވެ.
މި ސަރުކާރު އައީ މަސް ކިރާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ކިރުވާ މަހަށް އަގު ދޭނެކަމަށް ވައުދުވެގެން ނަމަވެސް މަސްވެރިން ކިރުވާ މަހަށްވާ ފައިސާ ނުލިބި ގިނަ ދުވަސްވަމުން ގެންދާތީ އެކަމާ މަސްވެރިން ކަންބޮޑުވުން ފާޅުކުރެއެވެ.
އެގޮތުން މަސްވެރިން ހާމަކުރާ ގޮތުގައި ސަރުކާރުގެ މުވައްޒަފުންނާ ބޮޑުންވެސް ޒަރޫރީ ބޭނުންތައް ފުއްދާ ފަދައިން އެ މަސްވެރިންގެ އާއިލާތަކުގައިވެސް ފުއްދަން ޖެހޭ ޒަރޫރީ ބޭނުން ހުންނަ ކަން ދަންނަން ޖެހޭނެ ކަމަށެވެ. ނަމަވެސް މަސްވެރިން ތިބެން ޖެހެނީ އަނގަޔާ އަތާ ދިމާނުވެ ގޭގެ ޚަރަދުތައް ނުކުރެވިފައި ކަމަށްވެސް މަސްވެރިން ދަނީ ބުނަމުންނެވެ.