ކަންނެލި މަސްވެރިންގެ އަތުން ކަންނެލި ގަނެވޭނެ ފެންވަރެއް މިފްކޯގެ ނެތްކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާގެ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މިފްކޯއަށް ކަންނެލި ގަންނާނެ ކަމަށާއި ކަންނެލީގެ އަގު 100 ރުފިޔާއަށް އުޅޭނެކަމަށް ބުނެ ވައުދާ ހިލާފްވުމާއި ގުޅިގެން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އިސް ނަގައިގެން ކުރިޔަށް ގެންދިޔަ ސުލްހަވެރި އިހުތިޖާޖަށް ވަޑައިގެން އެ ސަރަހައްދުގައި ހުންނަވާ މަސްވެރިންނާ ވާހަކަދައްކަވަމުންނެވެ.
އެގޮތުން މިއަހަރު އެކަން ކުރާނެ ފެންވަރެއް މިފްކޯގެ ނެތްކަމަށް މިނިސްޓާރ ޝިޔާމް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
މިފްކޯ އޮތީ ވަރަށް ހާލުގައިކަމަށާއި މިފްކޯ އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓާރ ޝިޔާމް ވަނީ ވިދާޅުވެފައެވެ.
ކަންނެލި މަސްވެރިން ވަނީ މިއަދު އެއްކޮށް ހުޅުމާލެ ފަޅު ތެރެއާއި މާލެ އެއް ނަމްބަރު ޖެޓީގައި މުޒާހަރާކޮށްފަ އެވެ.
މަސްވެރިން މި މުޒާހަރާ ކުރިޔަށްގެންގޮސްފައިވަނީ ސަރުކާރުން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދީ ދިގުދަންމަމުން ގެންދިޔުމާއި ގުޅިގެންނެވެ.