މިހާރު މިސަރުކާރުން މާ ހެޔޮ އެދޭ ކަމަށް ހެދިގެން އިންޑިއާއާ ގާތްވެގެން އުޅޭއިރު އެ ގައުމުގެ ބޮޑޫ ވަޒިރަށާ ރައްޔިތުންނަށް ކުޑައިމީސްވާ ހެން ބަސްބުނި ތިން ޑެޕިއުޓީއިންނަށް ސަސްޕެންޝަންގައި ބައިތިއްބައިގެން ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަދޭތާ ފަސް މަސްދުވަސްވެފައިވާ ކަން ހާމަވެއްޖެއެވެ.
ޔޫތު މިނިސްތްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަސްވާ މަރިޔަމް ޝިއުނާ އާ މަލްޝާ ޝަރީފުގެ އިތުރުން މަހުޒޫމް މާޖިދު މަގާމުގެ މަސްއުލިއްޔަތުން އެކަހެރިކޮސް ސަސްޕެންޑްކުރި ކަމަށް ހާމަކޮށްފައިވަނީ މި އަހަރުގެ ކުރީ ކޮޅުއެވެ.
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށާ އިންޑިއާގެ ރައްޔިތުންނަށް ކުޑައި މިސް ބަސް ރައްދުކޮށް މި ތިން ޑެޕިއުޓީ މިނިސްޓަރުން އެކްސްގައި ޕޯސްޓުކުރުމުން ތިން ނައިބުންވެސް ސަސްޕެންޑްކުރީ މުއްދަތެއް ނެތް ގޮތަށް ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.
އެގޮތުން އެ ތިން ނައިބުންވެސް ސަސްޕެންޝަންގައި ތިބެ މުސާރަ ނަގަމުންދާތާ މިހާރު ފަސް މަސް ފާއިތުވެފައިވެއެވެ. ޖެނުއަރީ 7 ވަނަ ދުވަސް ސަސްޕެންޑްކުރި މި ތިން ނައިބުންގެ މައްސލަަ ދަނީ އަދިވެސް "ބަލަމުން" ކަމަށް އެ މައްސަލައިގެ ފަހުގެ އަދާހަމ އެއް ދިނުމަށް އެދުމުން ސަރުކާރުން ބުނެފައިވެއެވެ. އަދި މިހާރުވެސް ތިން ނައިބުން ތިބީ ސަސްޕެންޝަންގައި ކަމަށްވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އެހެންކަމުން އެއްވެސް މަސައްކަތެއް ނުކޮށް ގޭގައި ތިބެގެން މި ތިން ނައިބުން ގެންދަނީ ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ނަގަމުން ކަމަށްވާއިރު ފަސް މަސް ދުވަހުގެ ތެރޭގައި މަސައްކަތެއް ނުކޮށް މި ތިން ނައިބުން ކޮންމެ ބޭފުޅަކު ވަނީ 157,500 (އެއް ލައްކަ ފަންސާސް ހަތް ހާސް ފަސް ސަތޭކަ ރުފިޔާ) މުސާރައިގެ ގޮތުގައި ނަގާފައެވެ.
މިހާ ގިނަ ފައިސާ އެއްވެސް މަސައްކަތެއް ނުކުރުވާ ގޭގަިއ ބައިތިއްބައިގެން ސަރުކާރުން ތިން ނައިބަކަށް ޚަރަދުކުރާއިރު، މި ފައިސާއަކީ އެބަޔަކު އެމީހުންގެ ހައްގު ފައިސާ ހޯދަން އިހުތިޖާޖުކުރަމުންދާ މަސްވެރިންނާ އެ އާއިލާތަކުގެ ޓެކްސް ފައިސާއިން ކުރާ ޚަރަދެކެވެ. ނަމަވެސް މަސްވެރިންނަށް ފައިސާ ދޭން ވުމުން ސަރުކާރުން ބުނަމުންދަނީ މާލީ ހާލަތު ގޯސް ކަމަށް ކަން ފާހަގަކޮށްލެވެއެވެ.
މި ހިޔާލުތަކަކީ އަމިއްލަ ހިޔާލުތަކެއް, އެއީ ދިވެހި ސަރުކާރުގެ ވިސްނުން ރަމްޒުކޮށްދޭ ހިޔާލުތަކެއް ނޫން ކަމަށާ އަދި އެ ތިން ނައިބުން އެމީހުންގެ އަމިއްލަ އެކައުންޓުތަކުގައި ފާޅުކުރާ ޚިޔާލަކީ ސަރުކާރުން ހުއްޓުވޭނެ ކަމެއް ނޫން ކަމަށް ސަރުކާރުގެ ފަރާތުން ވާހަކަދައްކަވަމުން އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެފައިވާއިރު، ޑިޕްލޮމެތިކު އުސޫލުތަކަށް ބަލާއިރު އެފަދަ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ފަރާތުން އެފަދަ އަޚްލާގީ ދަށް ކަމެއް ފެނިއްޖެ ނަމަ އެހެން ގައުމުތަކުގައި އަދި ދިވެހިރާއްޖޭގައިވެސް އޮންނަ ގޮތަކީ މަގާމުން އިސްތިއުފާ ދިނުމެވެ.
މަސައްކަތެއް ނުކުރުވާ ބައިތިއްބައިގެން ދައުލަތުން ބަޔަކަށް މުސާރަ ދެމުންދާއިރު ރާއްޖޭގެ މާލީ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް ވޯލް ބޭންކުން ދާދި ފަހުންވެސް ވަނީ މާލީ ހަރުދަނާ ފިޔަވަޅުތަކެއް ނާޅައިފިނަމަ ރާއްޖެ ބަނގުރޫޓުވުމާ ދިޟާއަށް މިސްރާބު ޖަހާނެކަމަށް ހާމަކޮށްފައެވެ.