އިޒްރޭލް ޕާސްޕޯޓް މަނާކުރުމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު އަނެއްކާވެސް ގޮވާލައިފިއެވެ.
އުމަރު ނަސީރުގެ އެކްސް އެކައުންޓް އިން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ޔޫކޭ، އޫއެސް އަދި ޖަރުމަނުން ވާގިވެރިވެގެން ފަލަސްތީނަށް ދެކޮޅަށް ހިންގަމުންދާ ހަނގުރާމައާއި ދެކޮޅަށް ތެދުވަން ވެއްޖެކަމުގައެވެ. އަދި މި މައްސަލައިގައި ރަނގަޅު ކޮޅަށް ޖެހި ދުނިޔެއަށް ނަމޫނާ ދައްކަން ޖެހޭ ކަމަށް އުމަރު ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، އިޒްރޭލު ޕާސްޕޯޓް މަނާކުރުމަށް ދިވެހި ސަރުކާރަށް އުމަރު ވަނީ އަނެއްކާވެސް ގޮވާލާފައެވެ.
އުމަރު ނަސީރު މިހެން ޕޯސްޓްކޮށްފައިވީނަމަވެސް ސަރުކާރުގެ އިސް ފަރާތްތަކުން ދަނީ އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުމަށް ދެކޮޅު ހަދަމުންކަން ފާހަގަކުރެވެއެވެ.