އިޒްރޭލް ޕާސްޕޯޓް ބޭން ކުރަން މަޖިލީހުގެ އިއްތިފާގުން ރައީސް މުހައްމަދު މުއިއްޒަށް އެންގިތާ 216 ދުވަސް ވަނީ ވެފައެވެ.
ނަމަވެސް ރައީސް މުއިއްޒު ވަނީ ކެބިނެޓާއި ބައްދަލުކޮށް، އަމިއްލަފުޅަށް އެކަން ނުކުރުމަށް ނިންމާފައެވެ. އޭގެ ބަދަލުގައި ރައީސް މުއިއްޒު އެކަމާ ޖާމިނުކުރީ ރައްޔިތުންގެ މަޖިލީހާއެވެ.
ކަންކަން މިހެން ހުރިއިރު ދިވެހިންނަކީ އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންނާ މެދު ޚައްސަ ގާތްކަމެއް ހިތުގައި ގެންގުޅޭ ބައެއްކަން ޒަމާނުއްސުރެވެސް ފެންނަމުން ދެއެވެ. އެގޮތުން އިޒްރާއީލުން ފަލަސްތީނަށް ދެމުން ގެންދާ ޒަމާންވީ އުދުވާނީ ގަތުލްއާންމުގައި ދިވެހިންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެނީ ހެޔޮ ހިތުން އުފަލާއެކުއެވެ.
ފަލަސްތީނު ރައްޔިތުންނަށް އެހީއަށް ބޭނުންވާ ކޮންމެ ފަހަރަކު ދިވެހިން އެމީހުންގެ އެހީތެރި މުށްތައް ހުޅުވާލަނީ ދީލަތިކަމާއެކުއެވެ. އެހެންކަމުން އެމީހުންގެ މުސްލިމު އަޚުންނާ އުޚުތުން ނައްތާލުމަށް އިޒްރާއީލުން ހިންގަމުން އަންނަ ނަސްލެއް ނައްތާލުމުގެ މަކަރުވެރި އަމަލުތައް ކުށްވެރިކޮށް ދިވެހިން ގެންދަނީ އެ އިޔަހޫދީންނަށް ރާއްޖެ ނުވަދެވޭނެ ގޮތް ހަދާ އިޒްރާއީލުންގެ ޕާސްޕޯޓު މަނާކުރަން ގޮވާލާފައެވެ.
އެކަމަށް ބީރު ކަންފަތެއް ދީގެން ސަރުކާރުގެ ވެރިން ނުހަނު ގިނަ ދުވަހު ތިއްބެވެ. ނަމަވެސް ރައީސް އޮފީސް ދޮށަށް ރައްޔިތުން އެއްވެ އިހުތިޖާޖުކުރި ހިސާބުން ސަރުކާރަށް ޕްރެޝަރ ބޮޑުވެ އެކަން ކޮންމެ ވެސް މޮޅު ގޮތަކަށް ހިންދާލަން ޖެހިއްޖެކަން ވިސްނުނެވެ. އެހެނީ އެ ވާހަކަ ހެޑްލައިންތަކަށް އަރާ ދުނިޔެއަށް ފޯރަފާނެތީވެސް ތޯއްޗެކެވެ.
ކޮންމެ އަކަސް ބޭން އިޒްރާއީލް ޕާސްޕޯޓުގެ އަޑު ގަދަވުމުން އެކަން އޮއްބާލަން ސަރުކާރުން އަންގައިގެން ކެބޮނެޓުން މަސައްކަތް ފެށިއެވެ. ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ މޮޅު ދޮގުތަކެއް ހެދިއެވެ. ރައްޔިތުން ގުނބޯ ހެއްދޭނެޔޭ ހިތާއެވެ.
އެގޮތުން އެކަމަށް ޚާއްސަ ކޮމިޓީއެއް ކެބިނެޓު ތެރެއިން އެކުލަވާލާ އެކަމަށް ބޭނުންވާ ކަންކަމާ މެދު މަޝްވަރާކޮށް އިސްލޙުތަކެއް ގަނޫނަށް ގެންނަން ހުށަހަޅަން ނިންމާފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ.
ނަމަވެސް ހަގީގަތަކީ ކުރިންވެސް ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތުން ފާސްކޮށް އެ މައްސަލަ ވަނީ ވެސް ރައީސުލްޖުމްހޫއްރިއްޔާގެ އޮފީހަށް ފޮނުވާފައިކަމެވެ. އެހެންކަމުން ރައީސް މުއިއްޒު މި ގެންދަވަނީ ރައްޔިތުން ލޮލުގައި ނުހަނު ފަލަކޮށް އަނދުން ކޫރު ދަންމަވަމުންތާއެވެ.
ރައީސްގެ ގަރާރަކުން އިޒްރޭލުގެ ޕާސްޕޯޓް ވަގުތުން ވަގުތަށް މަނާ ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީއިން ދީފައިވެއެވެ. އިޒްރޭލުގެ ޕާސްޕޯޓް މަނާކުރާނީ، އެކަމަށް ޤާނޫނަށް އިސްލާހު ގެނެސްގެން ކަމަށް ސަރުކާރުން ބުނެފައިވާއިރު، އެފަދަ ބަދަލެއް ޤަނޫނަށް ގެންނަން ބޭނުންވާ ބަދަލަކީ 10 ވަރަކަށް މިނިޓު ތެރޭ ތައްޔާރު ކޮށްލެވޭނެ އިސްލާހެކެވެ.
ނަމަވެސް މިހާތަނުން ސަރުކާރުން އެފަދަ އިސްލާހެއް ތައްޔާރުކޮށް މަޖިލީހަށް ފޮނުވާފައިނުވެއެވެ. އޭގެ އިތުރުން، މަޖިލީހުގައި އެމްޑީޕީއިން މިހާރުވެސް ހުށައަޅާފައިވާ އިސްލާހަކީ، އިޒްރޭލް ޕާސްޕޯޓް ޤާނޫނުން މަނާ ކުރަން ހުށައަޅާފައިވާ އިސްލާހެކެވެ..
އިޒްރޭލުން ދަނީ، ފަލަސްތީނުގައި ހަނގުރާމަކޮށް، އާންމުން މަރަމުންދާ ޖެނެރަލުން ފަދަ އިސް ފަރާތްތައް ޗުއްޓީ ހޭދަ ކޮށްލުމަށް އެމީހުން ބޭނުންވާ ޤައުމުތަކަށް ފޮނުވަމުންނެވެ. އޭގެ ތެރޭގައި ދިވެހިރާއްޖެ ވެސް ހިމެނެއެވެ.
ކަންކަން މިހެން ހުރިއިރު ސަހްޔޫނީންގެ އިސްތިއުމާރުގެ ދަށުން ފަލަސްތީނު މިނިވަންކުރުމަކީ އިސްލާމީ އުއްމަތަށް އޮތް ވާޖިބަކަށް ވާކަމަށް ރައީސް މުއިއްޒުގެ ސަރުކާރުގެ އިސްލާމިކު މިނިސްޓްރީއިން ޚުތުބާތަކުގައި ލިޔެ އަޑު އިއްވަމުން ދާއިރު ވެރިމިހާ މިފެނިގެން ދަނީ އެކަމުގައި މުޅިން މަކަރާ އޮޅުވާލުން ގެންގުޅޭ މަންޒަރެވެ. އަހަރުގެ އެންމެ ބޮޑު އޮޅުވާލުމުގެ ތެރޭގައި ސަހްޔޫނީންގެ ޕާސްޕޯޓު ބޭން ކުރުން ހިމެނިގެން ގޮސްފިއެވެ.